Roadha Mihaaru
ކެންޑިޑޭޓުންނަށް ވަގުތުދޭ އުސޫލަށް އަމަލުކުރަން ފަށައިިފި

ކެންޑިޑޭޓުންނަށް ޓީވީތަކުން ވަގުތު ދިނުމާ ގުޅޭ އުސޫލަށް އަމަލުކުރަން ފަށައިފި

13 އޯގަސްޓް 2018

އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޓީވީތަކުން ވަގުތު ދިނުމާ ބެހޭ އުސޫލު އާންމުކޮށް، މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޓީވީތަކުން ވަގުތު ދިނުމާ ބެހޭ އުސޫލު އާންމުކޮށް، މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

އެ އުސޫލު ބުނާގޮތުން، ވާދަކުރާ ކެންޑިޑޭޓުންނަށް ނުވަތަ އެ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމުގެ ގޮތުން ޕްރޮގްރާމްތަކާއި އިޝްތިހާރުތަކާއި އެ ނޫން ވެސް ކޮންޓެންޓް ދެއްކުމަށް ބްރޯޑްކާސްޓަރުންގެ ޕްރޮގްރާމް ޝެޑިއުލްގައި ހިމަނާފައިވާ ވަގުތު ވިޔަފާރީގެ އުސޫލުން ވިއްކުމުގެ އިތުރުން ހިލޭ ވެސް ދެވިދާނެ އެވެ.

އެކަމަކު އެއް ކެންޑިޑޭޓަކަށް ވިއްކާ ނުވަތަ ދޭ ވަގުތަށް ވުރެ އިތުރަށް އަނެއް ކެންޑިޑޭޓަކަށް ނުވަތަ އަނެއް ކެންޑިޑޭޓުގެ ޕާޓީއަށް ދީ ނުވަތަ ވިއްކައިގެން ނުވާނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ވަގުތު ވިއްކާ ނަމަ ވިއްކަން ޖެހޭނީ ވެސް ހުރިހާ ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންގެ ޕާޓީތަކަށް އެއް އަގެއްގައި ކަމަށް ވެސް އެ އުސޫލުގައިވެ އެވެ. އެގޮތުން ވިއްކާ އަގުތަކާއި އެކަމަށް ޚާއްސަ ކުރާނެ ވަގުތުތައް ބްރޯޑްކާސްޓަރުން އާންމުކުރަން ޖެހޭނެ އެވެ.

އެ އުސޫލު ބުނާގޮތުން ކެންޑިޑޭޓުންނަށް ވަގުތު ދޭން ޚާއްސަ ކުރެވޭނީ ރޭގަނޑު 9 އިން ފެށިގެން މެންދަމު 12 އާ ދެމެދުގެ ވަގުތުތަކަށެވެ. އެކަމަކު އެހެން ވަގުތުތަކުގައި ވެސް ހަމަހަމަ ގޮތެއްގައި އިތުރު ވަގުތު ކެންޑިޑޭޓުންނަށް ދިނުމުގެ ފުރުސަތު ބްރޯޑްކާސްޓަރުންނަށް އޮންނާނެ އެވެ. އަދި ވަގުތު ދޭއިރު ކޮންމެ ފަހަރަކު މަދުވެގެން 30 މިނެޓްގެ ވަގުތު ކޮންމެ ކެންޑިޑޭޓަކަށް ނުވަތަ އެ ކެންޑިޑޭޓްގެ ޕާޓީއަށް ދޭން ވެސް އެ އުސޫލު ލާޒިމް ކުރެ އެވެ.

ކެންޑިޑޭޓުންނަށް ވަގުތު ވިއްކާ އަގުތަކާއި ވަގުތުތައް އެނގޭ ގޮތަށް، އެ މައުލޫމާތު ބްރޯޑްކާސްޓިން ކޮމިޝަނަށް ބްރޯޑްކާސްޓަރުން ފޮނުވަން ޖެހޭނެ އެވެ. އަދި ކެންޑިޑޭޓުންނާއި ޕާޓީތަކަށް ވަގުތު ދެމުން އައި ގޮތުގެ ރިޕޯޓެއް ހެދުމަށް ފަހު ކޮންމެ ހަފުތާއަކު އެ ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. މީގެ އިތުރުން، އިންތިޚާބުގެ ކެމްޕެއިން އެއްކޮށް ނިމުމާ އެކު އޭގެ ފުރިހަމަ ރިޕޯޓެއް ވެސް ކޮމިޝަނަށް ފޮނުވަން އެ އުސޫލު ލާޒިމްކުރެ އެވެ.

އެ އުސޫލާ ޚިލާފްވެއްޖެ ނަމަ، އެންމެ ފުރަތަމަ އެކަމެއް ރަނގަޅު ކުރަން ބްރޯޑްކާސްޓަރުންނަށް އަންގަން ޖެހޭނެ އެވެ. ދެވަނަ ފަހަރު އިންޒާރު ދިނުން ހިމެނޭއިރު، ތިން ވަނަ ފަހަރު ނަމަ ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާ ވަގުތެއްގައި އެކަމެއް އިސްލާހުކޮށް ބަޔާނެއް އާންމު ކުރުމަށް ބްރޯޑްކާސްޓަރަށް އެންގޭނެ އެވެ. އަދި ތަކުރާރުކޮށް، އެ އުސޫލާ ޚިލާފްވަމުންދާ ނަމަ، އެ ބްރޯޑްކާސްޓަރެއްގެ ޕްރޮގްރާމް ޝެޑިއުލް ނުވަތަ އެއިން ބައެއް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮންނާނެ އެވެ.

ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުންގެ ޕާޓީތަކަށް ވިއްކާ ނުވަތަ ދޭ ވަގުތުތަކުގައި ގެނެސްދޭ ކޮންޓެންޓްތަކަށް ޒިންމާވާން ޖެހޭނީ ބްރޯޑްކާސްޓަރުންނެވެ. އެފަދަ ކޮންޓެންޓެއްގައި ބްރޯޑްކާސްޓިން ގާނޫނާ ޚިލާފް ނުވަތަ އެހެން ވެސް ގާނޫނަކާ ޚިލާފް އެއްވެސް ކޮންޓެންޓެއް ހިމެނިއްޖެ ނަމަ، އެ މައްސަލައެއް ބަލައި، ބްރޯޑްކާސްޓަރާ މެދު ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

އެ އުސޫލަށް އަމަލުކުރަން ލާޒިމްވާނީ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް، އިއުލާންކުރާ ދުވަހުން ފެށިގެން އިންތިޚާބުގެ ކެމްޕެއިން ނިމުމާ ހަމައަށެވެ.

އެ އުސޫލު އެކުލަވާލީ ކެންޑިޑޭޓުންނަށް ހަމަހަމަ ވަގުތު ދޭންޖެހޭ ގޮތަށް، އަދި އިތުރު ވަގުތު ދިނުން ނުވަތަ ވިއްކުން މަނާކޮށް، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް މިދިޔަ މަހު އިސްލާހު ގެނައުމުންނެވެ. އެ އިސްލާހު އެގޮތަށް ގެނައުމުން އަމިއްލަ ގިނަ ޓީވީ ސްޓޭޝަންތަކުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.