08 އޯގަސްޓް 2018
ވ. ރަކީދޫ ގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ ދައުވާ ލިބޭ އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެ، އިބްތިހާލް މަރާލާފައި ނުވާނެ ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ވ. ރަކީދޫ ގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ ދައުވާ ލިބޭ އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެ، އިބްތިހާލް މަރާލާފައި ނުވާނެ ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ޖެނުއަރީ، 2015 ގައި އުމުރުން ތިން އަހަރުގެ އިބްތިހާލަށް ބޮޑެތި އަނިޔާތަކެއް ދީ، އޭނާ މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދައުވާ ކުރާއިރު، މީގެ ކުރިން ތަހުގީގާއި ޝަރީއަތުގެ އެތައް އަޑުއެހުންތަކެއްގައި އޭނާ ވަނީ އިބްތިހާލް މަރުވި ދުވަހު އިބްތިހާލަށް އަނިޔާ ކުރި ކަމަށް އެއްބަސްވެ، އެކަން ކުރި ގޮތް ތަފްސީލްކޮށް ކިޔައިދީފަ އެވެ.
އާފިޔާގެ ވާހަކަ ކުއްލި ގޮތަކަށް ބަދަލުވީ މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް ފަހު، އެ ހެކިބަހާ ގުޅޭގޮތުން އެއްޗެއް ބުނުމަށް އާފިޔާ އަށް ފުރުސަތު ދިނުމުންނެވެ.
އާފިިޔާ ބުނިގޮތުގައި، އިބްތިހާލް މަރާލި ކަމަށް އެއްބަސްވެ ތަހުގީގާއި ޝަރީއަތުގައި ކުރިން ވާހަކަ ދެއްކީ ބަޔަކު ބިރު ދެއްކުމުންނެވެ. އޭނާ ބަންދުގައި ހުރިއިރު، އިބްތިހާލް މަރާލި ކަމަށް އެއްބަސްވާން ޖެހޭނެ ކަމަށް ބުނެ އެތައް ބަޔަކު ބިރު ދައްކާ ކަމަށާއި އެ ކަމަށް އޭރު އެއްބަސްވީ އެހެން ވެގެން ކަމަށެވެ. ބިރު ދެއްކީ ކޮން ބައެއްތޯ ގާޒީ މުހުތާޒް ފަހުމީ ސުވާލު ކުރެއްވުމުން އާފިޔާ ބުނީ އެއީ އަބްދުލްފައްތާހު ކިޔާ މީހަކާއި ޒަރީނާ ކިޔާ މީހަކު ކަމަށެވެ. އަދި އޭނާ އަށް މަރުގެ ހުކުމް އަންނާނެ ކަމަށް ވެސް އެ މީހުން ބުނި ކަމަށް އާފިޔާ ބުންޏެވެ.
ބިރު ދެއްކި ވާހަކަ ކުރިން ކޯޓުގައި ނުބުނީ ކީއްވެގެންތޯ ގާޒީ މުހުތާޒާއި ދައުލަތުގެ ވަކީލުން ވެސް އާފިޔާ ކައިރިން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި އާފިޔާ ބުނީ އޭރު އެ ވާހަކަ ނުބުނީ އެއީ މަޖަލަކަށް އެ މީހުން ދައްކާ ވާހަކައެއް ކަމަށް ހީކޮށް ކަމަށެވެ.
"އެހެންވީމާ އާފިޔާ ތި ވިދާޅުވަނީ ބަޔަކު މަޖަލަށް ދެއްކި ވާހަކައެއް ކަމަށް ހީކޮށް އާފިޔާ އޭރު ކުށަށް އެއްބަސްވީ ކަމަށްތޯ؟،" ދައުލަތުގެ ވަކީލާ ސުވާލު ކުރެއްވި އެވެ.
"އާދެ،" ވަރަށް ހަމަޖެހިލައިގެން ހުރެ އާފިޔާ ބުންޏެވެ.
"އިބްތިހާލް މަރުވީ ކިހިނެއް ވެގެން؟،" ގާޒީ މުހުތާޒް ސުވާލު ކުރެއްވި އެވެ.
"އަޅުގަނޑު ގެ އަށް އައިއިރު އޮތީ މަރުވެފައި. ގޭ ތެރޭގައި ހުރި ބޮޑެތި ފިޔަަވަޅުތަކެއް ވެސް. އަޅުގަނޑު ގެއިން ނުކުމެގެން ދިޔައީ ގޭތެރެ ކުނި ވެސް ކަހާފައި،" ޖަލު ހެދުމުގައި ހާޒިރު ކޮށްފަައި އިން އާފިޔާ، ގާޒީގެ ސުވާލަށް ޖަވާބު ދެމުން ބުންޏެވެ.
އާފިޔާގެ ވާހަކަ ކުއްލި ގޮތަކަށް ބަދަލުވުމުން ދައުލަތުގެ ވަކީލުން ގިނަ ސުވާލުތަކެއް އާފިޔާއާ އަމާޒުކުރި އެވެ.
ތަހުގީގު މަރުހަލާގައި އާފިޔާގެ އޭރުގެ ވަކީލް ހުސައިން ޝަމީމްގެ ހާޒިރުގައި އާފިޔާ ކުށަށް އިއުތިރާފްވެ، ބަޔާން ދީފައިވާ ކަމަށާއި އަދި އިބްތިހާލަށް އަނިޔާކުރި ގޮތް ބުދެއް ބޭނުން ކޮށްގެން އާފިޔާ ތަހުގީގަށް ދައްކާފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ. އަދި ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި އެހެން ވަކީލެއްގެ ހާޒިރުގައި އާފިޔާ ކުށަށް އިއުތިރާފް ވުމަށް ފަހު، ވަކީލަކު ބޭނުން ނުވާ ކަމަށް ބުނެ އޭގެ ފަހުން ވެސް އެތައް އަޑުއެހުން ތަކެއްގައި އާފިޔާ ކުށަށް އިއުތިރާފްވި ކަން ދައުލަތުގެ ވަކީލުން ފާހަގަ ކުރެއްވި އެވެ.
ޖަވާބުގައި އަނެއްކާވެސް އާފިޔާ ބުނީ އޭރު އެ ގޮތަށް ބަޔާން ދިނީ ބަންދުގައި ހުރިއިރު ބިރު ދެއްކުމުން ކަމަށެވެ. ތަހުގީގުގައި އެއްވެސް ސުވާލެއް ކުރުމެއް ނެތި، އޭނާ އަށް އެންގީ ލިޔެފައި އޮތް ބަޔާނެއްގައި ސޮއިކުރަން ކަމަށް އާފިޔާ ބުންޏެވެ.
އެގޮތަށް އާފިޔާ ބުނުމުން، އިބްތިހާލަށް ކުރި އަނިޔާތައް ބުދެއް ބޭނުން ކޮށްގެން ތަހުގީގަށް ދެއްކީ ކީއްވެގެންތޯ ދައުލަތުން ސުވާލު ކުރި އެވެ.
"ޑްރާމާއެއް ކުޅެދޭށޭ އެ މީހުން ބުނީއޭ. ބުނީމައޭ ދިނީ،" ވަކީލެއްގެ ހައްގު ވެސް އަމިއްލަ އަށް ދޫކޮށްލާފައިވާ އާފިިޔާ ވަރަށް ކުރުކޮށް ޖަވާބު ދެމުން ބުންޏެވެ.
އާފިޔާ ބުނިގޮތުގައި އިބްތިހާލަކީ އޭނާގެ ދޮންބައްޕަގެ ދަރިއަކަށް ވާތީ އެ ކުއްޖާއާ މެދު ރަކީދޫ މީހުންގެ މެދުގައި ރުޅިވެރިކަން އޮވެ އެވެ. އިބްތިހާލަށް ލިބުނު އަނިޔާތަކުގެ ގޮތުގައި ހުރި އޭނާގެ ކުރިމަތި ފަރާތް ދުޅަވުމަކީ އާފިޔާގެ މަންމަގެ ކައިރީގައި އެހެން ރަށެއްގައި އިބްތިހާލް ހުރިއިރު ލިބިފައި ހުރި އަނިޔާތަކެއް ކަމަށް ވެސް އާފިޔާ ބުންޏެވެ.
"ތިއީ (ނަން އުނިކޮށްފައި) ދަރިއެކޭ. ތީނަ އަންހެން ކުދިން ފަހަތުން ދުވާނެއޭ. ތީނަ މަރާލާށޭ ވެސް ބުނޭ." ރަށު މީހުން އިބްތިހާލާ މެދު ރުޅިވެރިކަން އޮތް ކަމަށް ބުނަމުން އާފިޔާ ބުންޏެވެ.
"ކާކު އެހެން ބުނަނީ؟. ރަށު މީހުންތޯ އެހެން ބުނަނީ؟،" ގާޒީ މުހުތާޒް ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި، އާއެކޭ ބުނުމުގެ ގޮތުން އާފިޔާ ބޯ ޖަހައިލި އެވެ.
އާފިޔާ ކުރިން ކުށަށް އިއުތިރާފް ވެފައި އޮތަސް، އޭނާގެ ވާހަކަ މިއަދު ކުއްލި ގޮތަކަށް ބަދަލުވުމުން ދައުލަތުން ވަނީ އާފިޔާއާ ދެކޮޅަށް ހުށަހަޅާފައި ހުރި ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގައިދޭން އެދިފަ އެވެ.
ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ، އާފިޔާއާ ދެކޮޅަށް ކުރިން 19 ހެއްކެއް ހުށަހަޅާފައި އޮތަސް، އޭރު އޭނާ ކުށަށް އިއުތިރާފްވެފައި ވާތީ ދައުލަތުން އެދިފައި ވާނީ އޭގެ ތެރެއިން ތިން މީހެއްގެ ހެކިބަސް ނެގުމަށް ކަމަށެވެ. އެކަމަކު އާފިޔާގެ ވާހަކަ ކުއްލި ގޮތަކަށް މިއަދު ބަދަލުވުމުން ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގަން ބޭނުންވާ ކަމަށް ދައުލަތުން ބުންޏެވެ.
މީގެ އިތުރުން، ކުށަށް އިއުތިރާފްވެ، ޝަރީއަތުގައި އާފިޔާ ކުރިން ކިޔައިދީފައި ހުރި ވާހަކަތަކާ ބެހޭގޮތުން ވެސް ގޮތެއް ނިންމައިދޭން ގާޒީ ކިބައިން ދައުލަތުން އެދުނެވެ.
ދައުލަތުން ބުނިގޮތުގައި ބިރު ދެއްކި ކަމަށް ބުނެ އާފިޔާ މިހާރު ދައްކަމުންދާ ވާހަކަތަކާ މެދު ސުވާލު އުފެދެ އެވެ. އެކަމަކު އޭނާ އެ ފާހަގަކުރާ ކަންކަން ދައުލަތުން ބަލާނެ ކަމަށް ދައުލަތުން ބުންޏެވެ.
އާފިޔާއާ ދެކޮޅަށް މިއަދު ހެކިބަސް ދިނީ ރަކީދޫ މީހެއް ކަމަށްވާ ޝާމިލާ މުހައްމަދެވެ. ހެކިބަސް ދެމުން އޭނާ ބުނިގޮތުގައި އިބްތިހާލް މަރުވުމުގެ ދުވަސްތަކެއް ކުރިން އެއް ދުވަހަކު އިބްތިހާލް އަތުގައި ހިފައިގެން ދަމުން "މިއަދު ތެޅި ތެޅީނުން މަރާލާނަމޭ،" އިބްތިހާލާ ދިމާލަށް އާފިޔާ ބުނި އަޑު އޭނާއަށް އިވުނެވެ. އަދި އިބްތިހާލް މަރުވި ދުވަހުގެ ހެނދުނު ވެސް ޝާމިލާގެ ގެ އަށް އާފިޔާ ދިޔަ ކަމަށާއި އިބްތިހާލާ ބެހޭގޮތުން ސުވާލު ކުރުމުުން، އޭނާ އޮތީ ނިދާފައި ކަމަށް އާފިޔާ ބުނި ކަމަށް ޝާމިލާ ބުންޏެވެ.
"ދޮންބެ" ގެ ނަމުން އިބްތިހާލަށް މުޚާތަބު ކުރަމުން ޝާމިލާ ބުނިގޮތުގައި އެ ދުވަހު އާފިޔާ އެ ގެއިން ދިޔަ ފަހުން އޭނާ ފިހާރައެއްގައި ހުއްޓައި، އިބްތިހާލަށް ކަމެއް ދިމާވި ކަމުގެ ޚަބަރު ލިބިގެން އާފިޔާގެ ގެއާ ދިމާއަށް އޭނާ ދިޔަ އެވެ. އެ ގެ އަށް ދަނިކޮށް، މީހެއްގެ އަތްދަނޑިމަތީގައި އިބްތިހާލް ހޮސްޕިޓަލަށް ގެންދަނިކޮށް ފެނުނު ކަމަށާއި އެކަމަކު އޭރު ވެސް އާފިޔާ ނުފެންނަ ކަމަށް ޝާމިލާ ބުންޏެވެ. ހޮސްޕިޓަލްގައި އުޅުނުއިރު ވެސް އާފިޔާ ނުފެންނަ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ހުރިން ދޮންބެ ހޮސްޕިޓަލް ގައި އޮތްއިރު އޭނާގެ ގައިގައި އަތް ޖައްސާލައިގެން. އޭނާގެ ކަންފަތުން ލޭ އައިސްފައި ހުރި އަދި ކުރިމަތި ފަރާތް ވެސް ވަރަށް ދުޅަވެފައި އޮތީ. އަޅުގަނޑު ހުރިން ދޮންބެ މަރުވި ކަމަށް ޑޮކްޓަރުން ނިންމައި، އަތާއި ފައި ބަން އިރު ވެސް." ޝާމިލާ ބުންޏެވެ.
ޝާމިލާ ބުނިގޮތުގައި އިބްތިހާލް ހިމެނޭ ގޮތަށް އާފިޔާގެ ތިން ކުދިން ތިބޭއިރު، އެއްވެސް ވަރަކަށް އިބްތިހާލް ގޮވައިގެން އާފިޔާ އުޅޭ ތަނެއް ނުފެނެ އެވެ. އެކަމާ ބެހޭގޮތުން އާފިޔާއާ ސުވާލު ކުރުމުން އާފިޔާ ދޭ ޖަވާބަކީ އެއީ އިބްތިހާލަކީ އަބަދު ގޭގައި އުޅޭ ކުއްޖެއް ކަމަށް ވާތީ ކަމަށް ޝާމިލާ ބުންޏެވެ. އިބްތިހާލް މަރުވުމުގެ ދެ ތިން މަސް ކުރިން ޝާމިލާގެ ގެ އަށް އިބްތިހާލް އައިއިރު އޭނާގެ ކުރިމަތި ފަރާތް ދުޅަވެފައި ހުރި ކަމަށް ޝާމިލާ ބުންޏެވެ. އެކަމާ ބެހޭގޮތުން އާފިޔާއާ ސުވާލު ކުރުމުން އެއީ ޔޫރިން އިންފެކްޝަނެއް ކަމަށް އޭނާ ބުނި ކަމަށް ވެސް ޝާމިލާ ބުންޏެވެ.
"ވަރަށް ބަސް އަހައިގެން މަޑުމަޑުން އިންނަ ކުއްޖެއް ދޮންބެ އަކީ،" ޝާމިލާ ބުންޏެވެ.
މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލައްވަމުން، ދެން އަޑުއެހުމެއް އޮންނާނެ ދުވަހެއް ގާޒީ މުހުތާޒް އިއުލާނެއް ނުކުރައްވަ އެވެ.
އިބްތިހާލަށް އާފިޔާ އަނިޔާކުރާ ކަން އެނގި ހުރެ އެ ކަމުގައި އިހުމާލުވި ކަމަށް ބުނެ ދައުލަތުގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުލަތުން ވަނީ އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާއެއް ވެސް އުފުލައިފަ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.
އިބްތިހާލް މަރާލި މައްސަލައިގެ ހުކުމް ހޯމަ ދުވަހު
އާފިޔާއަށް އިތުރު ފުރުސަތެއް، މިމަހު ހުކުމް އިއްވަނީ
އިބްތިހާލް މަރާލި މައްސަލާގެ ހުކުމް މާދަމާ އިއްވަނީ
އިބްތިހާލްގެ ފަހު ދުވަސްކޮޅު ގާތް އަވަށްޓެރިޔާގެ ދުލުން
އިބްތިހާލްގެ މަރު: މިއަދު ހެކިބަސް ނެގޭ ގޮތެއް ނުވި
އިބްތިހާލްގެ ގައިގައި ދުވަސްވީ ލަކުނުތައް ވެސް ހުރި
އިބްތިހާލަށް އަނިޔާކުރި ކަމަށް ކުރިން އެއްބަހެއް ނުވަން
އިބްތިހާލްގެ މަރުގެ ޝަރީއަތް މާދަމާ ބާއްވަނީ
އިހުމާލުގެ ދައުވާލިބޭ މީހުންގެ ތަހުގީގެއް ނުކުރޭ!
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ