Roadha Mihaaru
އިބްތިހާލްގެ މަރު: މިއަދު ހެކިބަސް ނެގޭ ގޮތެއް ނުވި

އިބްތިހާލްގެ މަރުގެ މައްސަލައިގައި މިއަދު ހެކިބަސް ނެގޭ ގޮތެއް ނުވި

21 ނޮވެމްބަރ 2019

ވ. ރަކީދޫގައި އަނިޔާކޮށް، މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނެގޭ ގޮތް ނުވެ، އެހެން ދުވަހަކަށް ހެކިބަސް ނެގުން ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. ރަކީދޫގައި އަނިޔާކޮށް، މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނެގޭ ގޮތް ނުވެ، އެހެން ދުވަހަކަށް ހެކިބަސް ނެގުން ފަސްކޮށްފި އެވެ.

ޖެނުއަރީ، 2015 ގައި އިބްތިހާލަށް ބޮޑެތި އަނިޔާތަކެއް ދީ، މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރެ އެވެ. އެއީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިން ތިބީ ރަކީދޫގައި ކަމަށް ވެފައި، ހެކިބަސް ދިނުމަށްޓަކައި މާލެއަށް އަންނަން ހެކިންނަށް ދަތިވާތީ ވީޑިއޯ ކޮންފަރެންސްކޮށް އެ މީހުންގެ ހެކިބަސް ނެގުމަށް ކުރިން އޮތީ ހަމަޖައްސައިފަ އެވެ. އަދި ވީޑިއޯ ކޮންފަރެންސްކޮށް ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖެހިފައި ހުރީ އެ އަތޮޅުގެ ކޮން ކޯޓެއްގައިތޯ ބެލުމަށް ފަހު، އެ މައުލޫމާތު ކޯޓާ ހިއްސާ ކުރާނެ ކަމަށް ދައުލަތުން ކުރިން އޮތީ ބުނެފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ ރަކީދޫ ކޯޓުގައި ވީޑިއޯ ކޮންފަރެންސްކޮށް ހެކިބަސް ނެގޭނެ އިންތިޒާމެއް ނެތް ކަމަށާއި އެކަމަކު އެ އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ކޯޓުގައި އެކަން ކުރެވޭނެ ކަމަށެވެ. އަދި އެ ރަށަށް ހެކިން ގެންގޮސް ދިނުމުގެ އިންތިޒާމް ފުލުހުން ހަމަޖައްސައިދޭނެ ކަމަށާއި އެކަމަކު އެއް ދުވަހެއްގައި ހުރިހާ ހެކިންގެ ހެކިބަސް ނަގަން ބޭނުންވާތީ އެކަމަށް އެކަށީގެންވާ މުއްދަތެއް ދޭން ދައުލަތުން އެދުނެވެ.

އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ އަންނަ މަހުގެ ކުރީކޮޅު ބާއްވާ އަޑުއެހުމެއްގައި ހެކިބަސް ނެގޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. އެ ދުވަހު އެކަން ނުކުރެވިއްޖެ ނަމަ، ދެން އަޑުއެހުމެއް ބޭއްވޭނީ އަންނަ ޖެނުއަރީ މަހު ކުރީކޮޅު ކަމަށް ގާޒީ ވިދާޅުވި އެވެ.

އާފިޔާ ބުނަން ބޭނުންވާ އެއްޗެއް އެބައޮތްތޯ ގާޒީ ސުވާލު ކުރެއްވުމުން އާފިޔާ ބުނީ އޭނާ ބުނާނެ އެއްޗެއް ނެތް ކަމަށެވެ.

އެ މައްސަލާގައި މީގެކުރިން ވަނީ ބައެއް ހެކިންގެ ހެކިބަސް ނަގައިފަ އެވެ. އެގޮތުން އިބްތިހާލްގެ ހަށިގަނޑު މާލޭގައި ބެއްލެވި ޑޮކްޓަރުންނާއި އޭނާގެ ހަށިގަނޑު ހޮސްޕިޓަލްގައި އޮތްއިރު އެތަނަށް ދިޔަ ފުލުހުންގެ ހެކިބަސް ވެސް ކުރިން ވަނީ ނަގައިފަ އެވެ.