Roadha Mihaaru
ކޮރަޕްޝަން ފައިސާއިން ގަތް ޔޮޓް މެލޭޝިއާއަށް ގެންގޮސްފި

1އެމްޑީބީގެ ކޮރަޕްޝަން ފައިސާ އިން ގަތް ޔޮޓް މެލޭޝިއާ އަށް ގެންގޮސްފި

07 އޯގަސްޓް 2018

ކުއާލަ ލަމްޕޫރު (އޮގަސްޓް 7) - އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ކޮރަޕްޝަން ފައިސާ އިން ގަނެފައިވާ ކަމަށް ބެލެވޭ އަގު ބޮޑު ލަގްޒަރީ ޔޮޓް މެލޭޝިއާ އަށް މިއަދު ގެންގޮސްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (އޮގަސްޓް 7) - އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ކޮރަޕްޝަން ފައިސާ އިން ގަނެފައިވާ ކަމަށް ބެލެވޭ އަގު ބޮޑު ލަގްޒަރީ ޔޮޓް މެލޭޝިއާ އަށް މިއަދު ގެންގޮސްފި އެވެ.

ގާތްގަނޑަކަށް 300 ފޫޓު (90 މީޓަރު) ގެ "އިކުއަނިމިޓީ" ޔޮޓުގައި ޕޫލާއި ހެލިޕެޑަކާއި ސިނަމާއެއް ހުރެ އެވެ. ކޭމަން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ 250 މިލިއަން ޑޮލަރު (އެއް ބިލިއަން ރިންގިޓް) ގެ އަގު ބޮޑު ސުޕަ ޔޮޓް މެލޭޝިއާގެ ކްލާންގް ބަނދަރަށް މިއަދު ގާތްކުރީ އިންޑޮނީޝިއާގެ ބަތަމް އައިލެންޑުގައި ބަނދަރުކޮށްފައި އޮންނަތާ ދުވަސްކޮޅެއް ފަހުންނެވެ. ޔޮޓާ އެކު މެލޭޝިއާގެ ކަނޑުގެ ސިފައިންގެ ބައެއް މަނަވަރުތައް ވެސް ދަތުރުކުރި އެވެ.

ޔޮޓް ގަނެފައި ވަނީ 1އެމްޑީބީގެ ކޮރަޕްޝަނުގައި އެންމެ ބޮޑަށް ތުހުމަތުކޮށްފައިވާ އެ ބޭންކުގެ ކުރީގެ އެޑްވައިޒަރު ޖޯ ލޯ އެވެ. ނަޖީބުގެ ވަރަށް ގާތް މީހެއް ކަމަށްވާ ލޯ ހައްޔަރު ކުރަން މެލޭޝިއާގެ އެންޓި-ކޮރަޕްޝަން އެޖެންސީން ވަނީ އަމުރު ނެރެފަ އެވެ. ލޯ މިހާރު އުޅޭ ތަނެއް ނޭނގުނު ނަމަވެސް އޭނާގެ ގާނޫނީ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ޔޮޓް މެލޭޝިއާ އަށް ގެންދަނީ ގާނޫނާ ޚިލާފަށް ކަމަށާއި އެއީ ސިޔާސީ ބޭނުމަކަށް ކުރާ ކަމެއް ކަމަށެވެ.

އިންޑޮނީޝިއާގެ ކަމާބެހޭ ފަރާތްތަކުން ފެބްރުއަރީ މަހު ޔޮޓް ހިފެހެއްޓީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ އަމުރަށެވެ. 1އެމްޑީބީގެ ކޮރަޕްޝަން ފައިސާ އިން ގަނެފައިވާ ކަމަށް ބެލެވޭ އެތައް ޕްރޮޕަޓީއެއް ޖަސްޓިސް ޑިޕާޓްމަންޓުން ވެސް ވަނީ ހިފަހައްޓައިފަ އެވެ. ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި އުފެއްދި ބޭންކުގެ ކޮރަޕްޝަން ފައިސާ އިން ހޯދާފައިވާ ތަކެތީގެ އަގު 1.7 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މެލޭޝިއާގެ މާލީ ވަޒީރު ލިމް ގުއާން އެންގް ވިދާޅުވީ ޔޮޓް ވިއްކާލުމުގެ ކުރިން އާއްމުން ޔޮޓް ބަލާލަން ފުރުސަތު ދޭނެ ކަމަށެވެ.