Roadha Mihaaru
ހަނގުރާމަކުރި ކަމަށް ބުނެ ކުރި ދައުވާއެއް ބާތިލްކޮށްފި

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ ދިވެއްސަކަށް ކުރި ދައުވާއެއް ބާތިލްކޮށްފި

05 އޯގަސްޓް 2018

މީގެ އަހަރުތަކެއް ކުރިން ޕާކިސްތާނަށް ގޮސް ހަނގުރާމަކުރުގައި ބައިވެރިވި ކަމަށް ބުނެ ދިވެއްސެއްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރި ދައުވާ އެ ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ އަހަރުތަކެއް ކުރިން ޕާކިސްތާނަށް ގޮސް ހަނގުރާމަކުރުގައި ބައިވެރިވި ކަމަށް ބުނެ ދިވެއްސެއްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރި ދައުވާ އެ ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ރ. ކަނދޮޅުދޫ ފީރޯޒްގޭ މުހައްމަދު އަބްދުއްރަހްމާންގެ މައްޗަށް ދައުލަތުން ދައުވާކުރީ 2007 ގައި ޕާކިސްތާނަށް ގޮސް، 2009 ގައި އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ހަނގުރާމަ ކުރުމުގައި ބައިވެރިވި ކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް ދައުވާކުރީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން، ރާއްޖެއިން ބޭރުގައި ހަނގުރާމައެއްގައި ބައިވެރިވުމުގެ ދައުވާ އެވެ.

އެ ދައުވާ ކޯޓުން މިިއަދު ބާތިލްކުރީ ދައުވާކުރަނީ 2015 ގައި އަމަލުކުރަަން ފެށި ޓެރަރިޒަމްގެ ގާނޫނު ވުޖޫދަށް އައި ފަހުން ހަނގުރާމައެއްގައި މުހައްމަދު ބައިވެރިވިކަން ދައުލަތަށް ބުނެ ނުދެވުމުންނެވެ. އެހެންވެ، ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން އެއީ ބާތިލް ދައުވާއެއް ކަމަށް ނިންމެވީ ކަމަށް އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމެވެ.

އެގޮތަށް އިސް ގާޒީ ނިންމެވީ މުހައްމަދުގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ. މުހައްމަދުގެ މައްޗަށް ދައުވާކުރަނީ ޓެރަރިޒަމްގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރީގެ ހާދިސާއަކާ ގުޅިގެން ކަމަށާއި، ގާނޫނު އައުމުގެ ކުރިން ހިނގި ކަމަށް ބުނާ އަމަލަކަށް އެ ގާނޫނުގެ ދަށުން ދައުވާ ނުކުރެވޭނެ ކަމަށް މުހައްމަދުގެ ފަރާތުން ހުށަހެޅުމެއް ހުށަހެޅި އެވެ.

އެ ދައުވާ ބާތިލް ކުރުމާ އެކު، ޖިނާއީ އިޖްރާއާތުގެ ގާނޫނުގައިވާ ގޮތަށް މުހައްމަދު ބަންދުން މިނިވަންވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އެ ގާނޫނު އޮތްގޮތުން އެގޮތަށް ބާތިލްކުރާ ދައުވާތައް އިތުރު ހެއްކާ އެކު ނުވަތަ ދައުވާއަށް ބަދަލު ގެނައުމަށް ފަހު އަލުން ކޯޓަށް ހުށަހެޅިދާނެ އެވެ.

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވި ކަމަށް ބުނެ ބައެއް ދިވެހިންގެ މައްޗަށް ދައުވާ އުފުލައި، މިހާރު ވެސް ޝަރީއަތް ދަނީ ހިނގަމުންނެވެ. އޭގެ ތެރެއިން، ސީރިއާ އަށް ހަނގުރާމަ ކުރަން ދިޔަ ކަމަށް ބުނެ ތިން ދިވެއްސެއްގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް މީގެކުރިން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.