Roadha Mihaaru
ގައުމު އެއްބައިކުރުމުގައި މަސައްކަތް ކުރަން ޖެހޭ:ދުންޔާ

ގައުމު އެއްބައިވަންތަ ކުރުމުގައި އިތުރަށް މަސައްކަތް ކުރަންޖެހޭ: ދުންޔާ

03 އޯގަސްޓް 2018

ގައުމު އެއްބައިވަންތަ ކުރުމުގައި ސަރުކާރުން އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގައުމު އެއްބައިވަންތަ ކުރުމުގައި ސަރުކާރުން އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ދުންޔާ، ސްރީ ލަންކާގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ ގައުމަށް ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި އިގްތިސާދީ ހާލަތު ރަނގަޅުވުމާއި ފަތުރުވެރިކަން ކުރިއެރުމަކީ އޭގެ މިސާލެއް ކަމަށެވެ. އެކަމަކު ރައްޔިތުން އެއްބައިވަންތަ ކުރުމާއި ބޮޑެތި ކަންކަން ހައްލުކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ދުންޔާގެ އެ ވާހަކައަށް ބާރު ދެއްވުމުގެ ގޮތުން މިސާލެއްގެ ގޮތުން ނެންގެވީ މަޖިލީހުގެ 12 މެމްބަރުންގެ މައްސަލަ އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިންސާނިއްޔަތުކަން ވެސް ފެންނަން ޖެހޭ ކަމަށެވެ. އެކަމަކު ކުރީގެ ރައީސް މައުމޫންގެ އުމުރުފުޅާއި ސިއްހަތަށް ބެއްލެވުމަށް ފަހު އެއްވެސް ކަހަލަ ލުޔެއް ދެއްވާފައިނުވާ ކަމަށް ވިދާޅުވި އެވެ.

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން މައުމޫން ހައްޔަރުކުރި ގޮތަށް ދުލެއް ނުކުރެ އެވެ. އަދި ފުލުހުންނަށް ފޯނެއް ނުދެއްވިކަމުގެ ދައުވާ ސާބިތުގެ އަހަރަކަށް ވުރެ ގިނަ ދުވަހުގެ ހުކުމެއް ވަނީ އައިސްފަ އެވެ.

އޭގެ އިތުރުން ޕީޕީއެމުން 12 މެމްބަރުން ވަކިވެ، އިދިކޮޅާ ގުޅުނު ފަހުން ދުންޔާގެ ކޮއްކޮ ފާރިސް މައުމޫން ވެސް ގެންގުޅެމުން ދަނީ ޖަލުގަ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިން ވަރަށް ބޭނުންވޭ ހައްގުތައް ކަށަވަރުވެފައިވާ އަދި އެއްވެސް ބިރުވެރިކަމެއް ނެތި އުޅެވޭނެ މާހައުލެއް،" ދުންޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ރަނގަޅު އަދި އިހްލާސްތެރި ކެންޑިޑޭޓެކެވެ. އަދި އެއީ ހަމަހަމަކަމާއި އިންސާފަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަންގެ ހަތަރު ލީޑަރުންނާ އެކު ނިކުމެވަޑައިގެން ގައުމުގެ މިހާރުގެ މައްސަލަތައް ހައްލުކުރެއްވުމުގެ ގާބިލްކަން އިބޫގެ ކިބައިގައި އެބަ ހުއްޓެވެ. ވޭތުވެދިޔަ ދެ ރިޔާސީ އިންތިޚާބުގައި ވެސް ސަރުކާރުތައް އުފެދިފައިވަނީ ކޯލިޝަންގެ ތެރެއިންކަން ފާހަގަކުރައްވާ، ދުންޔާ ވިދާޅުވި ގޮތުގައި ގައުމުގެ އެއްބައިވަންތަ ކުރައްވާނެ ބޭފުޅަކަށް އިބޫ ވެވަޑައިގަންނަވާނެ އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ކުރިމަތިވަމުން އަންނަ ބޮޑެތި މައްސަލަތަކުގައި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކޮށްދެވޭނެ ފަދަ ބޭފުޅަކަށް އިބޫ ވާނެ ކަމަށް،" ދުންޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރަން ސިޔާސީ މަޝްވަރާތައް ބޭނުންވާ އިރު އެކަމަށް އޮތް ހުރަހަކީ ސިޔާސީ ބޭފުޅުން ހައްޔަރުކޮށް، އެކި ދައުވާތަކުގައި ޖަލުގައި ތިއްބެވުން ކަމަށެވެ.

ސަރުކާރުގެ ޚާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވި ގޮތުގައި ޗައިނާއިން ރާއްޖެއަށް މާލީ އަދި އިގްތިސާދީ ފައިދާތަކެއް ލިބެމުން ދިޔަޔަސް، އެ ގައުމަށް މާ ބޮޑަށް ބަރޯސާވުމުގެ ނޭދެވޭ އަސަރު ދުރު މުސްތަގްބަލުގައި ރާއްޖެއަށް ކޮށްފާނެ އެވެ. އަދި ރާއްޖޭގެ އަވަށްޓެރި ގައުމުތަކާ އޮންނަ ގުޅުމަށް ވެސް އޭގެ ނުބައި އަސަރު ފޯރާނެ ކަމަށާއި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވުމަކީ އޭގެ ސަބަބެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް ވަކާލާތުކުރަނީ ވަރަށް ބެލެންސްކޮށް އޮންނަ ޚާރިޖީ ސިޔާސަތަކަށް. އެއީ އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވެ ތިބެވޭނެ ފަދަ ގޮތަކަށް. އަޅުގަނޑުމެން ބޭނުން ތަރައްގީ ގެންނަން އެކަމަކު އެކަން ބެލެންސް ގޮތަކަށް ބޭއްވުމަކީ މުހިންމު ކަމެއް،" ބައްޕާފުޅު މައުމޫންގެ ވެރިކަމުގައި ވެސް ގެންގުޅުނީ ހަމަހަމަ ޚާރިޖީ ސިޔާސަތެއް ކަން ފާހަގަކުރައްވައި، ދުންޔާ ވިދާޅުވި އެވެ.

މި ސަރުކާރުގެ އުފެދުނު ފަހުން ފޮރިން މިނިސްޓަރަކަށް ހުންނެވުމަށް ފަހު ދުންޔާ އެ މަގާމުން އިސްތިއުފާ ދެއްވީ 2016 ގަ އެވެ. އޭގެ ފަހުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުން ވަޒީފާ އަދާކުރެއްވި އެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ މައުމޫން ހައްޔަރުކުރުމާ ގުޅިގެންނެވެ.