Roadha Mihaaru
ބަލިވީމަ ރީތިކޮށް އުޅޭކަށް ޔާމީނަކަށް ނޭނގެ: ދުންޔާ

ބަލިވީމަ ރީއްޗަށް އުޅުއްވާކަށް ރައީސް ޔާމީނަކަށް ނޭނގޭ: ދުންޔާ

15 އޮކްޓޯބަރ 2018

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަނުން ނާކާމިޔާބުވެވަޑައިގަތް ރައީސް އަބްދުﷲ ޔާމީން ގޮތް ދޫނުކުރައްވައި ހުންނެވި ކަމަށާއި އެމަނިކުފާނު ބަލިވީމަ ވެސް ރީއްޗަށް އުޅުއްވަން އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަނުން ނާކާމިޔާބުވެވަޑައިގަތް ރައީސް އަބްދުﷲ ޔާމީން ގޮތް ދޫނުކުރައްވައި ހުންނެވި ކަމަށާއި އެމަނިކުފާނު ބަލިވީމަ ވެސް ރީއްޗަށް އުޅުއްވަން އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ޓީވީ ޗެނަލް "ވޯލްޑް އިޒް ވަން ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވީ ރައީސް ޔާމީންގެ ލީޑަޝިޕްގެ ދަށުން ރާއްޖެ އަށް ތަރައްގީތަކެއް އައި ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅުނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން، ސިޔާސީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް، ޖަލަށްލާފައި ވަނީ ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ކަމަށް ދުންޔާ ވިދާޅުވި އެވެ.

އެގޮތުން، އެމަނިކުފާނުގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކޮއްކޯފުޅު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ދުންޔާގެ ޅިޔަނު މުހައްމަދު ނަދީމް ހިމެނިވަޑައިގަންނަވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އަދި ސިޔާސީ ގޮތުން، އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރައްވާ އިދިކޮޅު ކޮންމެ ބޭފުޅަކު ހެން، ޖަލަށްލުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

"ރައްޔިތުންގެ ނިންމުމުގެ ސަބަބުން އަޅުގަނޑުމެންގެ ހިތުން މާޔޫސްކަން ފިލައިގެން ދިޔައީ. އެ މީހުން ބުނީ މިފަދަ ކަންކަން ކުރުމާ ދެކޮޅު ކަން. ރައްޔިތުން ވޯޓު ދިނީ މިނިވަން ކަމަށް، ޑިމޮކްރަސީއަށާއި އިންސާނީ ހައްގުތަކަށް،" ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް އިޝާރާތް ކުރައްވައި ދުންޔާ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ އިދިކޮޅު ކޯލިޝަނުން ވާދަކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރި ހޯއްދެވީ 134،705 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބެއްގައި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ.

އިންޑިއާގެ ޓީވީ ޗެނަލަކަށް ދުންޔާ ދެއްވި އިންޓަވިއު.

ދުންޔާ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ނިންމުން ވީ އެންމެ އަވަހަކަށް ތަންފީޒު ކުރަން ޖެހެ އެވެ. އަދި ހުރިހާ މުއައްސަސާތަކަކުން ރައްޔިތުންގެ ނިންމުން ގަބޫލުކޮށްފައިވާ ކަމަށް ދުންޔާ ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ނިންމުމަށް ބަހުސަކަށް ދާން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު، ރައީސް ޔާމީން ބަލި ގަބޫލު ނުކުރައްވައި، ކޯޓަށް ވަޑައިގެންފައިވާ ކަމަށާއި، ކޯޓުތަކުން ރައްޔިތުންގެ ނިންމުން ދަމަހައްޓާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

"ރައީސް ޔާމީނަކީ ބަލިވީމަ ރީއްޗަށް އުޅެން އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫން. (އިންތިޚާބުގެ ނަތީޖާ) ގަބޫލު ކުރަން އެމަނިކުފާނު ގެންދަވަނީ ދެކޮޅު ހައްދަވަމުން،" ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ދުންޔާ ވިދާޅުވި އެވެ.

މައުމޫންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އޭނާ ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖާ ބައްދަލު ކުރައްވައިފަ އެވެ.

ދުންޔާ އިންޑިޔާ އަށް ވަޑައިގެންނެވި އިރު، ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ކަފާލާތުގެ ދަށުން މައުމޫން މިނިވަންވުމުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ފޯނުން ގުޅުއްވައި މައުމޫނަށް ހިތްވަރު ދެއްވައިފަ އެވެ. މި ފޯނު ކޯލުގައި މޯދީ މައުމޫނަށް ހިތްވަރު ދެއްވުމުން އެ މަނިކުފާނު ވަނީ މޯދީ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ މި ދައުރު ޗައިނާ އަށް އިސްކަން ދެއްވައިގެން އެ ގައުމާ ގުޅުން ބަދަހި ކުރުމުން، ރާއްޖެ އާއި އިންޑިޔާއާ ދެމެދު އޮތް ގުޅުމަށް ވަނީ ބުރޫ އަރައިފަ އެވެ.