Roadha Mihaaru
ވޯޓާސް ލިސްޓުގައި ފޮޓޯ ޖަހާ ގޮތަށް ލިޔެވުނީ އޮޅުމަކުން

ވޯޓުލާ މީހުންގެ ލިސްޓުގައި ފޮޓޯ ޖަހާ ގޮތަށް ގަވައިދުގައި ލިޔެވުނީ އޮޅުމަކުން: އިލެކްޝަންސް

23 ޖުލައި 2018

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ފޮޓޯ ހިމަނަންވާނެ ކަމަށް ބުނެ ރިޔާސީ އިންތިހާބުގެ ގަވާއިދު ނެރެވިފައި ވަނީ ގެޒެޓް ކުރުމުގެ ކުށަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ފޮޓޯ ހިމަނަންވާނެ ކަމަށް ބުނެ ރިޔާސީ އިންތިހާބުގެ ގަވާއިދު ނެރެވިފައި ވަނީ ގެޒެޓް ކުރުމުގެ ކުށަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިއްޔެ ގެޒެޓްކުރި ރިޔާސީ އިންތިހާބުގެ ގަވާއިދުގެ 30 ވަނަ މާއްދާގައި ބުނެފައި ވަނީ ވޯޓުލާ މަރުކަޒުުތަކުގައި ބަހައްޓާ ވޯޓުލާ މީހުންގެ ލިސްޓުގައި މީހުންގެ މައުލޫމާތާއެކު ފޮޓޯ ވެސް ހިމަނަންޖެހޭނެ ކަމަށެވެ.

ވޯޓުލާ މީހުންގެ ލިސްޓުގައި ފޮޓޯ ނުޖެހުމަށް ނިންމާފައި ވަނީ އިދިކޮޅު އިއްތިހާދުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އެހެންކަމުން އާދީއްތަ ދުވަހު ރިޔާސީ އިންތިހާބުގެ ގަވާއިދު ގެޒެޓު ކުރިއިރު ލިސްޓުގައި ފޮޓޯ ހިމަނަންޖެހޭ ގޮތަށް ގަވާއިދުގައި އޮތުމުން އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމަށް މަރުހަބާ ކިޔަމުންނެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓުގައި ފޮޓޯ ހިމަނަންޖެހޭ ކަމަށް ގަވާއިދުގައި ވަނީ އޮޅުމަކުން ކަމަށެވެ.

"އެއީ އަޅުގަނޑުމެން ގަވާއިދު ފޮނުވި ގޮތެއް ނޫން. ގެޒެޓް ކުރުމުގައި ޖެހުނު ކުށެއް. އެހެންވީމަ އެއީ އަސްލު ގަވާއިދުގަ އޮތް ގޮތެއް ނޫން،" އަކްރަމް ވިދާޅުވި އެވެ.

އެކަމަކު އިދިކޮޅު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވީ ގަވާއިދު ގެޒެޓް ކުރުމަށްފަހު ގާނޫނީ ގޮތުން އެކަންތައް ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި ބަދަލުކުރާ ނަމަ އެ މައްސަލައިގައި ކޯޓަށް ދިއުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ.

މަހްލޫފް ކުރެއްވި ޓްވީޓް: ޥޯޓުލާ މީހުންގެ ލިސްޓުގައި ފޮޓޯ ނުޖަހަން ނިންމީ ލިބުނު ޝަކުވާތައް ގިނަކަމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ.

މީގެ ކުރިން އަކްރަމް ވިދާޅުވެފައި ވަނީ ވޯޓުލާ މީހުންގެ ލިސްޓުގައި ފޮޓޯ ނުޖެހުމަށް ނިންމީ ލިބިފައިވާ ޝަކުވާތައް ގިނަކަމުން ކަމަށެވެ.

"ފޮޓޯ ނުޖެހުމަށް ގިނަ ބަޔަކު އެދުނު. އޭގެ ތެރޭގައި މޫނު ބުރުގާ އެޅި ގިނަ މީހުން ހިމެނޭ. އެ ކަންކަމަށް ބެލުމަށް ފަހު ނިންމީ ވޯޓާސް ލިސްޓުގައި ފޮޓޯ ނުޖަހަން،" އަކްރަމް ކުރިން ވިދާޅުވެފައިވެ އެވެ.

ސެޕްޓެމްބަރު، 23ގައި، ބާއްވާ ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 483 ވޯޓު ފޮށި ބަހައްޓާނެ އެވެ.