27 ސެޕްޓެމްބަރ 2018
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހި، އެ އިންތިޚާބު ބާތިލް ކުރަން ކޯޓަށް ހުށަހަޅާކަށް ނޫޅޭ ކަމަށް ޕީޕީއެމުން މިރޭ ބުނެފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހި، އެ އިންތިޚާބު ބާތިލް ކުރަން ކޯޓަށް ހުށަހަޅާކަށް ނޫޅޭ ކަމަށް ޕީޕީއެމުން މިރޭ ބުނެފި އެވެ.
ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން ބޮޑުތަނުން ބަލިވި އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހި، އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިގެން ނަތީޖާ ބާތިލް ކުރަން އެ ޕާޓީން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގު ކުރައްވައި ނިހާން ވިދާޅުވީ މިއަދު ހަވީރުއްސުރެ އެ ވާހަކަ ދެކެވެމުންދާ ކަމަށާއި އެކަމަކު ޕީޕީއެމުން އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައި ނުވާ ކަމަށެވެ.
އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކުރުމަށް ޕީޕީއެމުން، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ކަމަށް ބުނާ ވާހަކަ ވެސް ނިހާން ދޮގުކުރެއްވި އެވެ. އެކަމަކު، އިންތިޚާބު އިއުލާން ކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ގާނޫނުގައި ކަނޑައަޅާފައިވާއިރު، އެ މުއްދަތަށް ވުރެ އަވަހަށް ނުވަތަ ލަހުން އިއުލާން ނުކުރުމަށް އެދި ސިޓީއެއް އީސީއަށް ހުށަހަޅާފައި އޮވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް، ނަތީޖާ ވަކި ބައްޓަމަކަށް ގެނައުމަކަށް ކުރާ ކަމެއް ނޫން. އަދި ނަތީޖާއަށް ބަދަލެއް ގެނައުމަށް ދައްކާ ވާހަކައެއް ވެސް ނޫން،" ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި އެ ޕާޓީގެ ކައުނސިލްގެ ބައްދަލުވުމަށް ފަހު އޮތް ނިއުސް ކޮންފަރެންސްގައި ނިހާން ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު ބާތިލު ކުރަން ކޯޓަށް މައްސަލައެއް ވެއްދި ކަމުގެ އަޑުތައް މި ފެތުރުނީ، ރިޔާސީ އިންތިހާބާ ގުޅޭ "ޚަބަރު"ތައް ހުރީ ކުރި އަށް ކަމަށާއި ވޯޓާ ގުޅޭ ގޮތުން ހުރި މައްސަލަތައް، ވީހާ ވެސް އަވަހަކަށް ޕާޓީގެ އޮފީހަށް ފޮނުވައިދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންގެ ކިބައިން، ނިހާން މިއަދު އެދިވަޑައިގެންފައި ވަނިކޮށެވެ.
ނިހާން މިރޭ ވިދާޅުވީ، އިންތިޚާބާ ގުޅޭގޮތުން އެ ފަދަ މައުލޫމާތުތައް ލިބެމުންދާ ކަމަށާއި އެހެންވެ، އެކަމުގެ ހަގީގަތް ބެލުމަށް، އެ ޝަކުވާތައް ހުށަހަން މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެއީ ކޮންމެހެން ނަތީޖާ ބަދަލު ކުރުމުގެ ބޭނުމުގައި އެންގެވި ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި، މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމުގެ ބޭނުމަކީ ވެސް އިންތިޚާބާ ގުޅުން ހުރި މަޝްވަރާތަކެއް ކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ޕާޓީ ދެން ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން، އަންނަ ހަފުތާ ބަންދުގައި ބާއްވާ "އާދަޔާހިލާފު ކޮންގްރެސް" އާ ބެހޭ މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލްގެ މިރޭގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީނެވެ.
އީސީން އާއްމުކޮށްފައިވާ ރަސްމީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ރައީސް ޔާމީން ބަލިކޮށް، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބު ކާމިޔާބުކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން މި އިންތިޚާބުގައި ވޯޓުލާފައިވެ އެވެ.
މި ނަތީޖާ ގަބޫލުފުޅު ކުރެއްވި ކަން އިންތިޚާބު ބޭއްވި ދުވަހުގެ ފަހު ދުވަހު ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ހަމަހަމަ ހައްގު ނުލިބޭތީ ހުށަހެޅި މައްސަލަ ބަލައިނުގަތް
ކޯޓަށް ދިޔައީ އިންތިޚާބު ގަޑުބަޑު ކުރީމާ: ނިހާން
ނަތީޖާ ބަދަލުކުރަން އުޅުމަކީ މޮޔަ ވިސްނުމެއް: ގާސިމް
ޕީޕީއެމުން އިދިކޮޅަށް: ކާމިޔާބީ އޮތީ ވަރަށް ކައިރީގައި
ވޯޓާސް ލިސްޓުގައި ޕީޕީއެމާއި އިދިކޮޅުން ސޮއިކޮށްފި
އީސީން މައުލޫމާތު ލީކުވުން ތަހުގީގުކުރަން ގޮވާލައިފި
ސިޔާމަކީ ރައީސްގެ ވަފާތެރި އެކުވެރިއެއް: ނިހާން
ރަޖިސްޓްރޭޝަން ލަސްވުމުގައި ޒިންމާވާނެ ބަޔަކު ނެތް
24،000 މީހުން ރީ-ރެޖިސްޓްރީ ކޮށްފި: އިލެކްޝަންސް
ވޯޓު ދޭކަށްް މަޖުބޫރެއް ނުކުރަން: ޕީޕީއެމް