Roadha Mihaaru
24،000 މީހުން ރީ-ރެޖިސްޓްރީ ކޮށްފި: އިލެކްޝަންސް

މިހާތަނަށް 24،000 މީހުން ރީ-ރަޖިސްޓަރީ ކޮށްފި: އިލެކްޝަންސް

01 އޯގަސްޓް 2018

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް މިހާތަނަށް 24،000 މީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް މިހާތަނަށް 24،000 މީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ރީ-ރެޖިސްޓަރީ ކުރުމުގެ ފަހު ތާރީޚަކީ މި މަހުގެ 12 ވަނަ ދުވަހެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، އަނަން މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ގާތްގަނޑަކަށް 70،000 މީހުން ރީ-ރެޖިސްޓަރީ ކުރާނެ ކަމަށް ބެލެވޭ އިރު، މިހާތަނަށް އެ ކަން ކޮށްފައި ވަނީ 24،000 މީހުން ކަމަށެވެ.

ރީ-ރެޖިސްޓަރީ ކުރުމުގެ މުއްދަތު ކުޑަތަން ވެފައިވާ އިރު، އެކަމުގައި މަކަރު ހަދާ ކަމުގެ ތުހުމަތު، ވެރިކަން ކުރާ ޕާޓީ ޕީޕީއެމާއި އިދިކޮޅު ކޯލިޝަން ގައި ހިމެނޭ ޕާޓީތަކުން ވެސް ދަނީ ކުރަމުންނެވެ. އަދި އެ ކަމުގެ ތުހުމަތު އެއް ބަޔަކު އަނެއް ބަޔަކަށް ކުރެ އެވެ.

ރީ-ރެޖިސްޓްރީ ކުރުމުގައި ޕީޕީއެމުން މަކަރު ހަދަމުންދާ ކަމަށް ބުނެ އެމްޑީޕީން ވަނީ ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޕީޕީއެމްގެ ފަރާތުން ރީ-ރެޖިސްޓްރީ ކުރާ މީހުންގެ ފޯމުތައް އެ ޕާޓީ އޮފީހަށް ގެންދާ ކަމަށް ބެލެވޭ ގޮތަށް ރައީސް އަބްދުﷲ ޔާމީން އަދި ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ވާހަކަފުޅު ދައްކަވަނިކޮށް ނަގާފައިވާ ވީޑިއޯއެއް އާންމުވެފައި ވަނިކޮށެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް އިއްޔެ ވިދާޅުވެފައި ވަނީ ރީ-ރަޖިސްޓްރޭޝަން ފޯމު ފުރުމުގައި އެމްޑީޕީން ވަރަށް ބޮޑަށް އޮޅުވާލަައި، ރައްޔިތުންގެ ވޯޓުލުމުގެ ހައްގަށް އަރައިގަންނަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ، އެކި މީހުންގެ ނަމުގައި އެމްޑީޕީން ރަޖިސްޓްރޭޝަން ފޯމު ފުރައި އެ ޕާޓީގެ މެމްބަރުންގެ އިނގިލީގެ ނިޝާން ޖަހަމުންދާ ކަމަށެވެ. އެމްޑީޕީން ފުރާ ފޯމުތަކުގެ ތެރެއިން ވޯޓު ނުލިބޭނެ ކަން ކަށަވަރުވާ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ނުފޮނުވައި ނައްތާލަމުންދާ ކަމަށް ވެސް ޚަލީލް ތުހުމަތު ކުރެއްވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ. އަދި އިންތިޚާބުގައި ރާއްޖެ އަދި ބޭރުގެ ބައެއް ގައުމުތަކުގައި 490 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ އެވެ.