Roadha Mihaaru
ވަގު ފޯމު ހުށަހެޅީ ޕާޓީއެއްގެ ތިން މީހަކު: އަކްރަމް

ވަގު ފޯމު ހުށަހެޅީ ސިޔާސީ ޕާޓީއެއްގެ ތިން މީހަކު: އަކްރަމް

09 ސެޕްޓެމްބަރ 2018

ވެރިފަރާތް ނޫން އެހެން މީހަކު ފިންގަ ޕްރިންޓު ޖަހައިގެން 1،892 ރީ-ރަޖިސްޓްރޭޝަން ފޯމު ހުށަހެޅީ ސިޔާސީ ޕާޓީއެއްގެ ތިން މީހަކު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވެރިފަރާތް ނޫން އެހެން މީހަކު ފިންގަ ޕްރިންޓު ޖަހައިގެން 1،892 ރީ-ރަޖިސްޓްރޭޝަން ފޯމު ހުށަހެޅީ ސިޔާސީ ޕާޓީއެއްގެ ތިން މީހަކު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބުނެފި އެވެ.

ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ފޯމުތައް ގެނެސްފައި އޮތީ ތިން މީހެއްގެ ނަމުގައި ކަމަށެވެ. އެހެންވެ، އެ ތިން މީހުންނާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ނަމަވެސް، އެއީ ސިޔާސީ ކޮން ޕާޓީއެއްގެ ތިން މީހުން ކަމެއް އަކްރަމް ވިދާޅެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި، އެ ފޯމްތައް އީސީ އަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީގެ ތިން މީހެކެވެ.

"އެ ތިން މީހުންނަކީ ވެސް އެއް ސިޔާސީ ޕާޓީއަކުން، ބަލްކް ފޯމް، މި ދެންނެވީ އެއް ފަހަރާ ފޯމްތައް ހުށަހެޅި ވާހަކަ. ބަލްކް ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މީހުން،" އަކްރަމް ވިދާޅުވި އެވެ.

މީގެ އިތުރުން، އޮބްޒާވް ފޯމްތައް ހުށަހެޅި އިރު، އައިޑީ ކާޑުގައި ހުރި މައުލޫމާތުތަކެއް އެޑިޓްކޮށްގެން، 11 މީހެއްގެ ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެ ފޯމުތައް ވެސް ހުށަހެޅީ ސިޔާސީ ޕާޓީއަކުން ކަމަށް ވާތީ، ފޯމު ހުށަހެޅި މީހުންނާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަނުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވަގު ފޯމުގެ ގޮތުގައި ހުށަހެޅި 1892 ފޯމު ބާތިލުކޮށްފައިވާ ކަމަށެވެ. ދައުވާ ކުރަން ނިންމި މީހުންގެ ތެރޭގައި ފޯމްތައް ހުށަހެޅި މީހުންނާއި ހެކިވެރިންގެ ގޮތުގައި ތިބި މީހުން ހިމެނެ އެވެ.

މި ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން 5،626 ފޯމް ބާތިލު ކުރި އެވެ.

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި 262،135 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. ރިޔާސީ އިންތިޚާބު މޮނިޓަ ކުރަން 10،506 މޮނިޓަރުން ބައިވެރިވާނެ އެވެ. އަދި އޮފިޝަލުންގެ ގޮތުގައި 1895 މީހުން ހަރަކާތްތެރިވާނެ އެވެ.