Roadha Mihaaru
ވޯޓު ހަރާބު ކުރުމުގެ ފުރުސަތު ނުދޭނަން: ޝާހިދު

ވޯޓު ހަރާބު ކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދޭނަން: ޝާހިދު

14 ސެޕްޓެމްބަރ 2018

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ނަގާ ވޯޓު ހަރާބު ކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ނަގާ ވޯޓު ހަރާބު ކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އިއްތިހާދުން އދ. މާމިގިލީގައި ބޭއްވި ބޮޑު ޖަލްސާގައި ޝާހިދު ވިދާޅުވީ އުމުރުން 18 އަހަރުގެ ކޮންމެ ދިވެއްސެއްގެ އަތަށް ލިބޭ ކަރުދާސްކޮޅަކީ މުގައްދަސް ކަރުދާސްކޮޅެއް ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މާމިގިލީގައި ރޭ ބޭއްވި ޖަލްސާ. ގިނަ އަދަދެއްގެ ބަޔަކު ޖަލްސާގައި ބައިވެރިވި. - ފޮޓޯ: އެމްޑީޕީ

އިދިކޮޅު ކޯލިޝަނުން މާމިގިލީގައި ރޭ ބޭއްވި ޖަލްސާ. ގިނަ އަދަދެއްގެ ބަޔަކު ޖަލްސާގައި ބައިވެރިވި. - ފޮޓޯ: އެމްޑީޕީ

އެ ވޯޓު ކަރުދާސްކޮޅަށް ބާރު ފޯރުވޭނެ ފަރާތެއް މާތް ﷲ ފިޔަވައި ނެތްއިރު، ކަރުދާސްކޮޅު "ގަންނަން" އުޅޭ ކޮންމެ މީހަކު ކުރަނީ ހުތުރު އަމަލެއް ކަމަށާއި އެއީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ހަރާބުވެފައިވާ އަމަލެއް ކަމަށް މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވައިލުމުގައި އިސްކޮށް އުޅުއްވި ޝާހިދު ވިދާޅުވި އެވެ.

"އެ ހުތުރު އަމަލުތައް ހުއްޓާލައްވާ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ވާޖިބުތަކެއް އަދާކުރަން ޖެހޭ މީހެއް. އަޅުގަނޑުމެންގެ އަދާކުރަން ޖެހޭ ފަރުދީ ވާޖިބަކީ ކަރުދާސްކޮޅުގައި ދެވަނަ ނަންބަރުގައި މި ގައުމު ސަލާމަތް ކުރުމަށްޓަކައި ފާހަގަ ޖެހުން،" އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވަމުން ޝާހިދު ވިދާޅުވި އެވެ.

މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ޝާހިދު ވިދާޅުވީ ވޯޓު ހަރާބުކޮށްފި ނަމަ، "އެތައް އަހަރަކަށް އެ ދުއްވާލެވެނީ" ދިވެހިންގެ ދުވަސް ކަމަށެވެ.

ސިޔާސީ މަސްރަހަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވި ގޮތުގައި، މިހާރު ގައުމު "އިރައިގެން ކަނީ" އެވެ. އަދި ގައުމު "ބަތާނީއާ ހަމައަށް އިރައި ކުދިކުދިކޮށްލަމުން" ދާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ލޮބުވެތި ގުނަންތައް ވަކިވަކިން ބުރިކޮށް ވާ ކޮށްލަމުން ގެންދަނީ،" އއ. އާއި އދ. ގެ އެކި ރަށްރަށުން އައި މީހުންނާ އެކު މާމިގިލީގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، އިބޫއާ އެކު ގިނަ ބަޔަކު ތިބިއިރު، އޭނާއާ ވާދަކުރައްވަން ނުކުންނެވި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ އޮޑި ވަނީ "ފަރަށް" އަރައިފަ އެވެ. އަދި މަޑުމަޑުން އެ "އޮޑި ރޫޅި، ދިޔަވަމުންދާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރައީސް ޔާމީންގެ އަރިހުގައި ތިއްބެވީ އިހްލާސްތެރިން ނޫން ކަމަށާއި ވޯޓުގެ ކުރިން، ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ބޭފުޅުން އިދިކޮޅާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.