Roadha Mihaaru
ހާއްސަ އެހީއަށް ބޭނުންވާ މީހުންނާމެދު ނިންމީ ރަނގަޅަށް

ހާއްސަ އެހީ އަށް ބޭނުންވާ މީހުން ވޯޓުލުމާމެދު ނިންމީ ރަނގަޅަށް: ޕީޕީއެމް

22 ޖުލައި 2018

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާން ބޭނުންވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަމުގައި އެހީތެރިވުމަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ތިބޭ ގޮތަށް ނިންމާފައިވާ ނިންމުމަށް ވެރިކަން ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ތާއީދު ކޮށްފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާން ބޭނުންވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަމުގައި އެހީތެރިވުމަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ތިބޭ ގޮތަށް ނިންމާފައިވާ ނިންމުމަށް ވެރިކަން ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ތާއީދު ކޮށްފި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލު ވިދާޅުވީ އިލެކްޝަންސް އިން ނިންމާފައި ވަނީ "ވަރަށް ދިރާސާ ކުރުމަށް ފަހު" ކަމަށް އެ ޕާޓީ އަށް ގަބޫލު ކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ވަރަށް ދިރާސާ ކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން ނިންމާނީ ރަނގަޅަށް ކަމަށް،" ހަލީލް ވިދާޅުވި އެވެ.

މީގެ ކުރިން އޮންނަ ގޮތުން ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނީ އެ މީހަކު އަމިއްލަ އަށް ހަމަޖައްސާ މީހެކެވެ. ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވެފައި ވަނީ މި ގޮތަށް ހަމަޖައްސާފައި ވަނީ ބެސްޓް ޕްރެކްޓިސް އަށް ބަލާފައި ކަމަށެވެ.

"މިގޮތަށް އަޅުގަނޑުމެން މި ނިންމީ އެއްވެސް މީހެއްގެ ނުފޫޒެއް ނެތި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ވޯޓު ލުމުގެ ފުރުސަތު ދޭން. މި ގޮތަށް ނިންމީ އެހެން ގައުމުތަކުގައި ކަންތައް ކުރާ ގޮތަށް ބަލާފައި ބެސްޓް ޕްރެކްޓިސްއަކީ މިއީ ކަމަށް ބަލައިގެން،" އަކްރަމް ކުރިން "މިހާރު" އަށް ވިދާޅުވެފައިވެ އެވެ.

އިލެކްޝަންސްގެ އޮފިޝަލުން އެހީތެރިވެދޭ ގޮތަށް ހަމަޖެއްސުމުން އެ ކޮމިޝަނަށް އިދިކޮޅުު އިއްތިހާދުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ފާޑުކިޔުންތަކާއެކު ކޮމިޝަނުން މިހާރު ވަނީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އެހީތެރިވެދިނުމަށް ކޮމިޝަނުގެ އޮފިޝަލުން ހަމަޖެއްސުމަށް ނިންމި ނިންމުމާމެދު އަލުން މަޝްވަރާ ކުރުމަށް ވަނީ ނިންމައިފަ އެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ގާތްގަނޑަކަށް 6،500 މީހުން ރަޖިސްޓްރީ ކޮށްފައިވެ އެވެ. ނަމަވެސް ދާއިރާގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި އެ އަދަދު ގާތްގަނޑަކަށް 23،000 އަރާނެ އެވެ. އެއީ ކުޑަކުދިން ވެސް ހިމަނައިގެންނެވެ.

މީގެ އިތުރުން އަންނަ ސެޕްޓެމްބަރު، 23ގައި، ބާއްވާ ރިޔާސީ އިންތިހާބުގައި އެންމެ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމުމުން ވެސް އިލެކްޝަންސް އަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް 35 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ކޮމިޝަނުން ވަނީ ފަހުން ނިންމައިފަ އެވެ. އެއީ 2013ގެ ރިޔާސީ އިންތިހާބަށް ވުރެ ހަތް ފޮށި މަދު އަދަދެކެވެ.

ރާއްޖޭގައި 120 އަށް ވުރެ ގިނަ ރިސޯޓު ހިންގާ އިރު 18،000 ވަރަކަށް ދިވެހިން މި ރަށްތަކުގައި މަސައްކަތް ކުރެ އެވެ. އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓި ނަމަ ގާތްގަނޑަކަށް 10،000 މީހުންނަށް ވޯޓުލުމުގެ ހައްގު ގެއްލިގެންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.

ރިޔާސީ އިންތިހާބު ބާއްވަން ދެ މަސް އޮތް އިރު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ އިދިކޮޅު ވޯޓުތައް މަދުކޮށް ވޯޓު އޮޅުވާލަން އުޅޭ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.