Roadha Mihaaru
ވިކްޓަރީ ކޮޅަށް ޖެހުން: ތަށްޓެއް ހޯދުމަށް ވުރެ ބުރަ

ވިކްޓަރީ ކޮޅަށް ޖެހުން: ތަށްޓެއް ހޯދުމަށް ވުރެ އުނދަގޫ މަސައްކަތެއް

01 އޯގަސްޓް 2016

ވިކްޓަރީ ސްޕޯޓްސް ކްލަބް އަލުން ކޮޅަށް ޖެހުމުގެ މަސައްކަތާ ހަވާލުވީ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ނަގައިގެން ކަމަށާއި އެކަމަކު، އެއީ ތަށްޓެއް ހޯދުމަށް ވުރެ އުނދަގޫ ކަމެއް ކަމަށް އެ ޓީމުގެ އާ ކޯޗު ހަންގޭރީގެ ލާސްލޯ ކިސް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ވިކްޓަރީ ސްޕޯޓްސް ކްލަބް އަލުން ކޮޅަށް ޖެހުމުގެ މަސައްކަތާ ހަވާލުވީ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ނަގައިގެން ކަމަށާއި އެކަމަކު، އެއީ ތަށްޓެއް ހޯދުމަށް ވުރެ އުނދަގޫ ކަމެއް ކަމަށް އެ ޓީމުގެ އާ ކޯޗު ހަންގޭރީގެ ލާސްލޯ ކިސް ބުނެފި އެވެ.

ވިކްޓަރީ އަކީ 1972 ވަނަ އަހަރު އެ ކްލަބް އުފެދުނީއްސުރެ، 2012 ވަނަ އަހަރުގެ ނިޔަލަށް ދިވެހި ފުޓްބޯޅައިގެ ގަދަބާރެކެވެ. ވެލެންސިއާ އާއި ވީބީ ސްޕޯޓްސް އަށް ކިސް ކޯޗުކޮށްދިން އިރު އެންމެ ވާދަވެރި އެއް ޓީމަކީ ވިކްޓަރީ އެވެ. އެކަމަކު، ކިސް ވިކްޓަރީގެ ކޯޗުކަމާ ހަވާލުވިއިރު އެ ޓީމު އޮތީ ވަރަށް ބޮޑަށް ނިކަމެތިވެފަ އެވެ. މީގެ ކުރިން ސީދާ ތަށްޓަށް އަމާޒުކޮށްގެން ކްލަބްތަކުން ކިސް ރާއްޖެ ގެނައި ނަމަވެސް، ވިކްޓަރީން އޭނާ ގެނައީ ޓީމު އަލުން ބިނާކުރުމަށެވެ.

"މި ޗެލެންޖް ވަރަށް ގިނައިން ނަގައިފިން މީގެ ކުރިން (އެހެން ގައުމުތަކުގައި). ހަގީގަތުގައި ޓީމެއް މިގޮތަށް ބިނާކުރުމަކީ ތަށި ހޯދުމަށް ވުރެ އުނދަގޫ ކަމެއް. އެކަމަކު، އެ މަސައްކަތް މީގެ ކުރިން ވެސް ކޮށްފައިވާނީ އެހެންވީމާ އެކަމަށް ތައްޔާރު. މިއީ ޗެލެންޖެއް،" ފުރަތަމަ މެޗުގައި ބުދަ ދުވަހު ހަވީރު މާޒިޔާއާ ދެކޮޅަށް ނުކުންނަން ތައްޔާރުވެފައިވާ ކިސް "މިހާރު" އަށް ވާހަކަދައްކަމުން ބުންޏެވެ.

އޭނާ ބުނީ ކުރިން ވިކްޓަރީ ރާއްޖޭގެ ފުޓްބޯޅައިގައި ރަސްކަންކުރިއިރު، މާޒިޔާ އަކީ ދެ ވަނަ ޑިވިޝަނުގެ ޓީމެއް ކަމަށާއި މިހާރު ހުރިހާ ކަމެއް ބަދަލުވެފައިވާ ކަމަށެވެ. އަދި ފުޓްބޯޅައަކީ ފައިސާއާ ގުޅިފައިވާ ކުޅިވަރަކަށްވާތީ އެކަމާ ހައިރާންނުވާ ކަމަށް ކިސް ބުންޏެވެ.

"ފައިސާ ހުންނަ ޓީމުތަކަށް އަބަދުވެސް ކުޅުންތެރިންދާނެ. އެހެންވީމާ އަހަރެން ހައިރާނެއް ނުވޭ. ވިކްޓަރީ އަށް ވުރެ މާޒިޔާ ވަރުގަދަ، އެކަމަކު އަހަރެންގެ އަމާޒަކީ މޮޅެއް ހޯދުން. އަހަރެންގެ ހުންނާނީ އަބަދުވެސް ޕޮޒިޓިވް ވިސްނުން. އަނެއްކާ ވިކްޓަރީ އޮތް ހާލަތަށް ބަލާއިރު އިތުރު ގޮތެއް ނުވެސް ނެތް،" ކިސް ބުންޏެވެ.

ކިސް ބުނީ ވިކްޓަރީގައި ހުނަރުވެރި ޒުވާން ކުޅުންތެރިން އެބަތިބި ކަމަށާއި ނެތީ ތަޖުރިބާކާރު ކުޅުންތެރިން ކަމަށެވެ.

"އެންމެ ބޮޑަށް ދިމާވާނީ ތަޖުރިބާގެ މައްސަލަހެން އަހަންނަށް ހީވަނީ. ހަގީގަތުގައި ވިކްޓަރީގެ ވެސް އަދި އެހެން ޓީމުތަކުގެ ވެސް ހަގީގީ ފެންވަރެއް އަދި ނޭގޭ. މެޗުތައް ކުޅެން ފެށީމަ އެނގޭނީ،" ކިސް ބުންޏެވެ.