10 ސެޕްޓެމްބަރ 2020
ހަންގޭރީގެ ލާސްލޯ ކިސް 2018 ވަނަ އަހަރު ވިކްޓްރީ އަށް ކޯޗުކޮށްދިން އިރު އޭނާ އަށް ނުދީ ހުރި މުސާރައިގެ މައްސަލައިގައި އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުމާއި މާޔޫސްކަން ފާޅުކޮށްފި އެވެ.
ހަންގޭރީގެ ލާސްލޯ ކިސް 2018 ވަނަ އަހަރު ވިކްޓްރީ އަށް ކޯޗުކޮށްދިން އިރު އޭނާ އަށް ނުދީ ހުރި މުސާރައިގެ މައްސަލައިގައި އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުމާއި މާޔޫސްކަން ފާޅުކޮށްފި އެވެ.
ދިވެހި ފުޓްބޯޅައިގެ ތާރީހުގައި އެންމެ ފާހަގަކުރެވޭ ބިދޭސީ ކޯޗު ބުނީ އެ މީހުން އޭނާގެ ދިރިއުޅުމަށް ވަރަށް ދަތިކޮށްފި ކަމަށާއި ދިވެހި ފުޓްބޯޅައިން އޭނާ އަށް ހައްގު މިންވަރަކީ މިއީ ނޫން ކަމަށެވެ. އެނގިފައިވާ ގޮތުގައި ވިކްޓްރީ އޮތީ ކިސް އަށް ދޮޅުލައްކަ އަށް ވުރެ ގިނަ ރުފިޔާ އަށް ދަރަ އެވެ.
ކިސް އަށް ނުދީ އޮތީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެމްބަރުން ކަމަށްވާ މުހައްމަދު އިސްމާއިލް އެ ޓީމުގެ ޗެއާމަނަކަށް އަދި އަލީ އާރިފް ވައިސް ޗެއާމަނަކަށް ހުރިއިރު 2018 ވަނަ އަހަރުގެ މުސާރަ އެވެ. އެ އަހަރުގެ މެދުތެރެއިން ކިސް ފުރައިގެން ދިޔައީ މުސާރަ ނުދޭތީ އާއި ޕްރެކްޓިސް ނުފަށާތީވެ އެވެ. އެކަމަކު ކްލަބުން އޭރު ބުނީ ކިސް ފޮނުވާލަން ނިންމީ ކްލަބުން ކަމަށާއި ލީގުގެ ފުރަތަމަ ތިން މެޗުގެ ނަތީޖާ ދަށްވުމުން ކޮންޓްރެކްޓް އުވާލާފައިވާނެ ކަމަށެވެ. އޭގެ ދުވަސްކޮޅެއް ފަހުން މުހައްމަދު އިސްމާއިލާއި އަލީ އާރިފް ކްލަބުން އިސްތިއުފާ ދެއްވީ އެވެ.
ކިސްގެ ދަރިފުޅު ޗަބާ ކިސް "މިހާރު" އަށް ބުނީ އެ ފައިސާ ހޯދަން ފަހުން ކްލަބާ ހަވާލުވި ޑރ. އިބްރާހިމް ނާޝިދު ކައިރިއަށް ހިނގާ ހިނގާ ވަރުބަލިވީއިރު ވެސް އަލިމަގެއް ނުފެނުނު ކަމަށެވެ.
ޗަބާ ބުނީ އެ ފައިސާ ނުދީ އޮތުމުން ވިކްޓްރީއަށް މުބާރާތެއްގައި ބައިވެރިނުވެވޭނެތީ އެ ކްލަބުން އާދޭސްކުރުމުން ނާޝިދުގެ ދައުރުގައި އިންސްޓޯލްމަންޓަށް ދައްކާ ގޮތަށް މިދިޔަ އެއްބަސްވުމެއްގައި ސޮއިކުރި ކަމަށެވެ.
"އެކަމަކު ފަހުން ހަބަރެއް ނުވޭ،" ޗަބާ ބުންޏެވެ.
ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) އާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ޗަބާ ބުނީ ނާޝިދުގެ ހަބަރެއް ނުވާތީ އޭނާގެ ބޭބެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ލިޔަން ވެސް އޭނާ ފަސްނުޖެހޭނެ ކަމަށެވެ.
ޗަބާ (ވ) އޭނާގެ ބައްޕަ ލާސްލޯ ކިސްއާ އެކު.
މި މައްސަލައިގައި ނާޝިދު ވިދާޅުވީ މިދިޔަ އަހަރު އޭނާ ހަވާލުވެ މަސައްކަތްކުރީ އޭގެ ކުރީ އަހަރުތަކުގެ ދަރަނި ހަލާސްކުރަން ކަމަށާއި އެކަން ވަރަށް ބޮޑަށް ކާމިޔާބުވި ކަމަށެވެ. އަދި ޕްލޭނާ އެއްގޮތަށް ދިޔަ ނަމަ ދަރަނިތައް އަދާކޮށް މި އަހަރު ކްލަބް އާއްމު ހާލަތަކަށް އެޅޭނެ ކަމަށް އޭނާ ބުންޏެވެ.
އެކަމަކު އެފްއޭއެމުން ކްލަބް ސަސްޕެންޑްކޮށްފައި އޮތުމުން މިވަގުތު އޮތީ އަތާ ފައި ބަނދެވިފައި ކަމަށް ނާޝިދު ވިދާޅުވި އެވެ.
އެފްއޭއެމުން މިދިޔަ ޑިސެމްބަރުގައި ވިކްޓްރީ ސަސްޕެންޑްކުރީ ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދޭށާއި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަންކޮށްފައިނުވާތީ އެވެ.
ނާޝިދު އޭރު ވިދާޅުވީ 2018 ވަނަ އަހަރުގެ ތިން މިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން (ކިސްގެ މުސާރަ ފައިސާ ވެސް ހިމެނޭނެ) 1.5 މިލިއަން ރުފިޔާ ދައްކައި ނިންމާފައިވާ ކަމަށާއި މިދިޔަ އަހަރުގެ ދަރަންޏަކީ ޖޫރިމަނާ ނުލާ އެންމެ 20،000ރ. ކަމަށެވެ. ނާޝިދު އެހެން ވިދާޅުވި ނަމަވެސް މިދިޔަ އަހަރުގެ މުސާރަ ނުލިބިގެން ބައެއް ކުޅުންތެރިން ވަނީ އެފްއޭއެމަށް ސިޓީ ހުށަހަޅައިފަ އެވެ.
ބިދޭސީ ކޯޗުންގެ މުސާރައިގެ އެއްބައި ދެނީ ސްޕޯޓްސް މިނިސްޓްރީންނެވެ. ޗަބާ ތުހުމަތުކުރި ގޮތުގައި އެ ފައިސާ ވެސް ކޮންމެވެސް ބަޔަކު ވަނީ ކިސްގެ ނަމުގައި ނަގައިފަ އެވެ. އަނެއްކޮޅުން ވިކްޓްރީ އަށް އެފްއޭއެމުން ދޭން ޖެހޭ ފައިސާ އެ ކްލަބުގެ ދަރަންޏަށް ކަނޑާލުމުން އޭގެން އެފްއޭއެމް އަށް ވެސް ކިސް އަށް ފައިސާއެއް ދެވެން ނެތް ކަމަށް ޗަބާ ބުންޏެވެ.
ކިސް (ވ) ވިކްޓްރީގެ ކުޅުންތެރިޔަކަށް އިރުޝާދު ދެނީ.
މި މައްސަލައިގައި ކިސް އަށް ދެން އޮތީ ފީފާ އަށް ދިއުމެވެ. އެކަމަކު ކިސްއާ ހަވާލާދީ އޭނާގެ ގާތް މީހަކު ބުނި ގޮތުގައި ދިވެހި ފުޓްބޯޅަ ގޮވައިގެން ފީފާ އަށް ދާން ކިސް ބޭނުމެއް ނުވެ އެވެ.
"ކިސް ބުނަނީ ތިމަންނަ ކޯޗުކޮށްދިން ކުޅުންތެރިންނާއި ތިމަންނައާ އެކުގައި މަސައްކަތްކުރި މީހުންނޭ މިވަގުތު ދިވެހި ކުޅިވަރުގައި އިސްކޮށް ތިބީ. ކިހިނެއްހޭ ތިމަންނަ އެ މީހުން ގޮވައިގެން ޝަރީއަތަށް ދާނީ. އެކަމަކު އޭނާގެ ޝަކުވާއަކީ އެ އެންމެން އިސްކޮށް ތިބެ އޭނާ އަށް އެހީތެރިކަމެއް ފޯރުކޮށްދިނުން،" ކިސްގެ ގާތް މީހާ "މިހާރު" އަށް ބުންޏެވެ.
ކިސް ހޯމަ ދުވަހު "މިހާރު" އަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި އެކުވެރިކަމަށްޓަކައި އޭނާ މި މެސެޖް ލިޔަނީ އެހީ އަށް އެދި ކަމަށާއި ވިކްޓްރީން މުސާރަ ނުލިބި ދެ އަހަރުވެއްޖެ ކަމަށެވެ.
"އަހަރެން މި ވާހަކަ ލިޔެފިން އެންމެންނަށް. މުސްކުޅި ހީނާ (ސްޕޯޓްސް ކޮމިޝަނަރު ހީނާ ސަލީމް) އާއި ކަފޫ (ސްޕޯޓްސް މިނިސްޓަރު މަހުލޫފު) އާއި (އެފްއޭއެމްގެ ރައީސް) ބައްސާމް އަދި (ކުޅިވަރު ނޫސްވެރިޔާ) އަޒްމީނަށް ވެސް އެހީ އަށް އެދި (ލިޔެފިން). އަޒްމީން އެކަނި ޖަވާބުދިނީ. އަހަންނަށް ދެން ކޮން ކަމެއް ކުރެވޭނީ؟،" ކިސް ބުނެފައިވެ އެވެ.
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދި އެފްއޭއެމްގެ ނައިބް ރައީސް އަލީ އުމަރާއި ކިސްގެ ކޯޗުކަމުގައި ވެލެންސިއާ އަށް ކުޅުނު ކުޅުންތެރިންނެވެ. އަދި ސްޕޯޓްސް ކޮމިޝަނަރު ހީނާ ވަނީ ކިސްއާ އެކު ވެލެންސިއާގައި މަސައްކަތްކޮށްފަ އެވެ.
މިއަދު 73 ވަނަ އުފަންދުވަސް ފާހަގަކުރާ ކިސް މިވަގުތު ރިޓަޔާކޮށް ގޭގައި ހުންނާތީވެ ފައިސާގެ ބޭނުން ވަނީ ބޮޑުވެފަ އެވެ.
ކިސް އަކީ ވެލެންސިއާ އަށް ނުވަދިހައިގެ އަހަރުތަކުގެ މެދުތެރޭގައި އަށް ކޯޗުކޮށްދިން ހަންގޭރީގެ ސެންޓި މިހައިލީ އަށް ފަހުން އާދެވެން ނެތުމުން 1996 ގައި ފޮނުވި ކޯޗެކެވެ. އޭނާ ރާއްޖެ އައީ ހަންގޭރީގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގައި އަދި އެ ގައުމުގެ 23 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދިނުމަށް އެވެ.
އޭގެ ފަހުން އޭނާ ދެ ފަހަރެއްގެ މަތިން ވެލެންސިއާ އަށް ކޯޗުކޮށްދިނެވެ. އޭނާގެ ހާއްސަ ކާމިޔާބީތަކުގެ ތެރޭގައި 1999 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކޮށްދިނުމާއި 2004 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްދިނުން ހިމެނެ އެވެ. އޭނާ ވެލެންސިއާ އަށް އެންމެ ފަހުން ކޯޗުކޮށްދިނީ 2005 ގަ އެވެ. ކިސް ވަނީ އަލީ އަޝްފާގް (ދަގަނޑޭ) އާއި ތޮއްޑޫ މުހައްމަދު ނިޒާމާއި ބިންމާ އަބްދުﷲ ވަހީދާއި އަލީ ރަޝީދު (ސިލާޗީ) އައްޔަ އަދި އަސްލަމް އަބްދުއްރަހީމް ފަދަ ކުޅުންތެރިންނަށް ވެލެންސިއާގައި ކޯޗުކޮށްދީފަ އެވެ.
ކިސް (ކ) ފަންތޮށި ނާޒިމާ އެކު: ކިސް އަކީ ދިވެހި ފުޓްބޯޅައިގެ ރަމްޒެއް.
އޭގެ ފަހުން އޭނާ ރާއްޖެ އައީ ވީބީ ސްޕޯޓްސް އަށް ކޯޗުކޮށްދޭށެވެ. ކިސް ވަނީ އެ ޓީމަށް 2009 އަދި 2010 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި 2008 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ވެސް ހޯދި އެވެ. މައްސަލަ ބޮޑު އެކަމަކު ކާމިޔާބު ކޯޗެއްގެ ގޮތުގައި ސިފަކުރެވޭ ކިސް ވަނީ 2013 ވަނަ އަހަރު ރާއްޖޭގެ ގައުމީ ކޯޗުކަމަށް ވެސް ކުރިމަތިލައިފަ އެވެ. ވިކްޓްރީ އަށް އެންމެ ފުރަތަމަ އައީ 2016 ގަ އެވެ. މައްސަލަ މިދިމާވީ ދެ ވަނަ ފަހަރަށް އައި އިރެވެ.
ކިސް ވެލެންސިއާ އާއި ވީބީގައި މަސައްކަތްކުރިއިރު ވިކްޓްރީ އަކީ އެންމެ ވާދަވެރި އެއް ޓީމެވެ. ގަލޮޅަށް ނިސްބަތްވާ ވިކްޓަރީ 1972 ވަނަ އަހަރު އުފެދުނީއްސުރެ 2012 ވަނަ އަހަރާ ހަމަޔަށް އެއީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރެވެ. ގައުމީ ތަށި މިލްކުރުމުގެ ޝަރަފް އެންމެ ފުރަތަމަ ހޯދި ވިކްޓަރީ އަކީ ނިއު ރޭޑިއަންޓަށް ފަހު ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބެވެ.
އެކަމަކު 2012 ވަނަ އަހަރު އަޑިއަޅާލި ފަހުން އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ. ކްލަބް ހިންގުމުގައި ގިނަ މައްސަލަތަކެއް ކުރިމަތިވެގެންދިޔައިރު، އެކަމުގެ ސަބަބުން ކްލަބަށް ނޭދެވޭ އަސަރުތަކެއް އަންނަނީ ކުރަމުންނެވެ. އެއް ފަހަރު ރެލިގޭޝަން ކުޅުނުއިރު، ސަލާމަތްވީ ފަހު ވަގުތު އެވެ.
ނިޒާމްބެއާ މެދު ފަހުރުވެރިވޭ: ކިސް
ސަމުގާ އެބައޮތް، ދާން ޖެހޭ މިސްރާބު އެނގޭ: ނަޒީހު
ފިޓްނަސް މައްސަލައިގައި ކިސް ބޯހަލާކުވެފައި!
ވިކްޓަރީގެ ކޯޗަކަށް އަނެއްކާ ވެސް ކިސް!
"މިއީ ފަހަކަށް އައިސް ކުރި އެންމެ ބުރަ މަސައްކަތް"
ވިކްޓަރީ ކޮޅަށް ޖެހުން: ތަށްޓެއް ހޯދުމަށް ވުރެ ބުރަ
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!
ދަނޑުގެ މާރާމާރީ:ހައްޔަރުކުރި 13 މީހަކު ދޫކޮށްލަައިފި
މަސްއޮޑި ސަޕޯޓަރުން ދެއްކީ ފުޓްބޯޅައިގެ ނަމޫނާ: އަކޫ
ހުރިހާ މެޗަކުން މޮޅުވެ މަސްއޮޑިން ތަށި އުފުލާލައިފި