18 ޖުލައި 2018
އުރީދޫން ރާއްޖެއަށް ތިން ސީ އެމްބިއުލާންސް މިއަދު ހަދިޔާކޮށްފި އެވެ.
އުރީދޫން ރާއްޖެއަށް ތިން ސީ އެމްބިއުލާންސް މިއަދު ހަދިޔާކޮށްފި އެވެ.
އެ އެމްބިއުލާންސް ސަރުކާރާ ހަވާލުކުރީ، އެކަމަށްޓަކައި އިއްޒުއްދީން ފާލަން ކައިރީގައި ބޭއްވި ރަސްމިއްޔާތުގައި، އެ ގްރޫޕްގެ ޗެއާމަން އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ތާނީ އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާނެވެ. ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތަކާ ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ ގްރޫޕްގެ ޗެއާމަން އަބްދުﷲ ވިދާޅުވީ އެ ކުންފުނިން ހަދިޔާ ކުރި އެމްބިއުލާންސްތަކުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އަދި އެކަމުގެ ފައިދާ ގިނަ ބަޔަކަށް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނިން ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރިއަށްގެންދާ މޮބައިލް ހެލްތު ކްލިނިކް ޕްރޮގްރާމް ރާއްޖޭގައި ބާއްވަން ވެސް ނިންމާފައިވާ ކަމަށެވެ. އެ ކްލިނިކްތައް މެދުވެރިކޮށް އެކަހެރި މުޖުތަމައުތަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ރަނގަޅު ނަތީޖާތަކެއް ހޯދިފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު އުއްމީދުކުރަނީ މޮބައިލް ހެލްތު ކްލިނިކް ޕްރޮގްރާމްގެ އެހީތެރިކަން ވެސް ރާއްޖެއަށް ލިބިގެންދިއުން. އޭގެ އިތުރުން ރާއްޖެއަށް ވެސް ތަފާތު ދާއިރާތަކުން މި އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން،" އަބްދުﷲ ވިދާޅުވި އެވެ.
އުރީދޫން ވަނީ ރާއްޖެއަށް އެއާ އެމްބިއުލާންސް ހަދިޔާކުރަން ވެސް ނިންމައިފަ އެވެ.
މޮބައިލް ހެލްތު ކްލިނިކަކީ ސިޓީތަކާ ދުރުގައި އުޅޭ އާބާދީތަކަށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދީ، ދުޅަހެޔޮ ސިއްހަތާ ބެހޭ މައުލޫމާތު ހިއްސާކޮށް، މުހިއްމު ވިޓަމިންސް ވެސް ދޭ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ މަގުސަދަކީ ބެލެނިވެރިންނާއި ކުޑަކުދިން ދުޅަހެޔޮ ސިއްހަތެއްގައި ދެމި ތިބުމަށާއި، އާންމު ބަލިތަކުން ސަލާމަތްވާނެ ގޮތްތައް ކިޔައިދިނުމެވެ.
އުރީދޫން މިއަދު ރާއްޖެ ގެނައި ސީ އެމްބިއުލާންސް ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ އުރީދޫން ހަދިޔާކުރި އެމްބިއުލާންސްތަކަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު އެހީއެއް ކަމަށެވެ. އެއާ އެކު ސީ އެމްބިއުލާންސްތަކުގެ އަދަދު 29 އަށް އިތުރުވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުން ސިއްހީ ހިދުމަތް ދިނުމަކީ ގޮންޖެހުން ބޮޑު ކަމެއް ކަމަށެވެ. ނަމަވެސް 2015 ގައި ސީ އެމްބިއުލާންސް ތައާރަފުކޮށް، ކުއްލި ހާލަތްތަކުގައި ކަނޑު މަގުން ބަލި މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އުރީދޫން ހަދިޔާކުރި އެމްބިއުލާންސްގައި ބަލި މީހުންނަށް ހާއްސަ ދެ އެނދާ އެކު އިތުރު 12 މީހުންނަށް ތިބެވޭނެ އެވެ. އޮކްސިިޖަން އަދި ކުއްލި ހާލަތުގައި ބޭނުންކުރާނެ އެކި ވަސީލަތްތައް ވެސް، 40 ފޫޓުގެ ދިގު މި އުޅަނދުފަހަރުގައި ގާއިމްކޮށްފައިވެ އެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ވިދާޅުވީ އދ. އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ތިން ވަނަ ލަނޑުދަނޑި ކަމަށް ވާ "ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަން" ދަމަހައްޓަން ހާއްސަ ސަމާލުކަމެއް ދޭ ކަމަށާއި ސީ އެމްބިއުލާންސް އަދި މޮބައިލް ހެލްތު ކްލިނިކްތަކަކީ އެ މަގުސަދުގައި އެ ކުންފުނިން ކޮށްފައިވާ އިންވެސްޓްމަންޓެއް ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ތިން ވަނަ އެމްބިއުލާންސެއް ވެސް ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށެވެ.
ވަޒީފާގައި ތިބެގެން ނަރުހުންނަށް ކިޔެވޭނެމަގު ހޯދައިދެނީ
ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުން ފަސްކޮށްފި
ކުޅުދުއްފުށީ ހޮސްޕިޓަލަށް 50މިލިއަން ރުފިޔާ ހޭދަކުރަނީ
އައިބުތަކާ އެކު އުފަންވާ ކުދިންގެ އަދަދު އިތުރުވަނީ
ޓީބީ ނައްތާލުމުގެ ގައުމީ ކެމްޕެއިނެއް ފަށައިފި
ނަރުހުންގެ 50 ޕަސެންޓަކީ ބިދޭސީން، ދިވެހިން ބޭނުންވޭ
ތެލެސީމިއާ ކަންކަން ހަރުދަނާކުރަން ސައިޕްރަސްގެ އެހީ
ބޯންމެރޯ ހަދަން 32 ކުއްޖަކަށް ފުރުސަތު ދީފި
އާބާދީގެ ނިސްބަތުން ރާއްޖޭގައި ޑޮކްޓަރުން ގިނަ
މެޑިކަލް ކޮލެޖަށް ދަރުމަވަންތަ ހޮސްޕިޓަލުން ދެ ފްލޯ