Roadha Mihaaru
7.5 މިލިއަން ރުފިޔާގެ ޓްރެފިކް ޖޫރިމަނާ މާފުކޮށްފި

7.8 މިލިއަން ރުފިޔާގެ ޓްރެފިކް ޖޫރިމަނާ މާފުކޮށްފި

18 ޖުލައި 2018

ގަވައިދާ ހިލާފަށް ޕާކްކޮށްގެން އަރާފައިވާ 7.8 މިލިއަން ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ރައީސް އަބްދުﷲ ޔާމީން މައާފުކޮށްދެއްވައި، އެކަން ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު އިއުލާންކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގަވައިދާ ހިލާފަށް ޕާކްކޮށްގެން އަރާފައިވާ 7.8 މިލިއަން ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ރައީސް އަބްދުﷲ ޔާމީން މައާފުކޮށްދެއްވައި، އެކަން ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު އިއުލާންކޮށްފި އެވެ.

ޖުމްލަ 7،895،750 ރުފިޔާ އަރާ މި ޖޫރިމަނާއަކީ 2015 އާއި 2016 ގައި ޓްރެފިކްގެ ގަވާއިދާ ހިލާފު ވެގެން ފުލުހުން ތަތްކުރި ސްޓިކާތަކަށް ޖެހޭ މިންވަރެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ ހިންގާ، އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޝިޔާޒު ވިދާޅުވީ އެ ދެ އަހަރުގެ ޖޫރިމަނާ މާފުކޮށްދޭން ނިންމީ މަގުތައް މަރާމާތުކުރުމުގެ މަސައްކަތުގެ ސަބަބުން ޕާކްކުރަން ދަތިވެ އެތައް ބަޔަކު ޖޫރިމަނާ ވެފައިވާތީ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާޒު ވާހަކަ ދައްކަވަނީ - ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާޒު ވާހަކަ ދައްކަވަނީ - ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލޭގެ އެންމެ ބޮޑު އެއް މަގު ކަމަށް ވާ މަޖީދީ މަގު އެއްކޮޅުން އަނެއްކޮޅަށް އަލުން ހަދަން ސަރުކާރުން ބޮޑު މަޝްރޫއުއެއް ހިންގި އެވެ. އެކަމަކު އެ މަސައްކަތް ކުރީ އެކި ހިސާބުތަކުން ބަންދުކޮށްގެންނެވެ.

ގަވައިދާ ހިލާފަށް ޕާކްކޮށްގެން ފުރަތަމަ ޖަހާ ސްޓިކާއާ އެކު 250 ރުފިޔާއިން ޖޫރިމަނާ ކުރާއިރު ދެވަނަ ސްޓިކާއާ އެކު ޖޫރިމަނާގެ މިންވަރު 500 ރުފިޔާއަށް ކުރެ އެވެ. އޭގެ ފަހުން ޖަހާ ކޮންމެ ސްޓިކާއެއްގެ އަގަކީ 750 ރުފިޔާ އެވެ.

ޖޫރިމަނާ ނުދައްކާ ކަމަށް ވަންޏާ އަހަރީ ފީއެއް ނުދެއްކެ އެވެ. އޭގެ މާނައަކީ އެ ވެހިކަލެއް ދުއްވަން ސަރުކާރުން ދޭ ރަސްމީ ހުއްދަ ނުލިބުމެވެ. އެހެންކަމުން 2015 އާއި 2016 ގައި ޖޫރިމަނާ ނުދައްކާ އުޅަނދުފަހަރު ދުއްވަމުން އެ ގެންދަނީ ގަވާއިދާ ހިލާފަށެވެ.

ބައެއް އުޅަނދުތައް ފުލުހުންގެ ޓޯޔާޑްގައި ވެސް ބަހައްޓާފައިވެ އެވެ. އަދި ނުގެންގޮސް ގިނަ ދުވަސް ވީ ގިނަ އަދަދެއްގެ ސައިކަލް ބާ ދަގަނޑަށް ވިއްކާލަން ކުރިން އިއުލާންކުރި އެވެ.

ޓްރެފިކް ޖޫރިމަނާ މީގެ ކުރިން ވެސް ވަނީ މައާފުކޮށްދީފަ އެވެ. އެގޮތަށް މާފުކޮށްދޭއިރު ސްޓިކާ ޖެހުމުގެ މަގުސަދު ހާސިލް ވޭތޯ ސުވާލު ކުރުމުން ޝިޔާޒު ވިދާޅުވީ ސްޓިކާ ޖަހާތީ ޓްރެފިކް މައްސަލަ ހައްލުވާ ކަމަށެވެ. އަދި މާލޭގެ ޓްރެފިކް މިހާރު އޮތް ވަރަށް ވެސް ހައްލުކުރެވެނީ ޖޫރިމަނާ ކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު ވިދާޅުވީ މާލޭގެ މަގުތައް އަލުން ހަދަމުން އަންނަ އިރު ޓްރެފިކް މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.