Roadha Mihaaru
ސިކުނޑި ގޭގައި ބާއްވާފައި ވޯޓުލާން ނުދާތި: ރައީސް

ސިކުނޑި ގޭގައި ބާއްވާފައި ވޯޓުލާން ނުދާތި: ރައީސް ޔާމީން

17 ޖުލައި 2018

ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބާ ހަމައަށް ދާއިރު، ރައްޔިތުން ގެންގުޅެން ވާނީ ތަނަވަސް ސިކުނޑިއެއް ކަމަށާއި އެ ސިކުނޑި ބާއްވާފައި ވޯޓުލާން ނުދިއުމަށް ހުރިހާ ރައްޔިތުންގެ އަރިހުން ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބާ ހަމައަށް ދާއިރު، ރައްޔިތުން ގެންގުޅެން ވާނީ ތަނަވަސް ސިކުނޑިއެއް ކަމަށާއި އެ ސިކުނޑި ބާއްވާފައި ވޯޓުލާން ނުދިއުމަށް ހުރިހާ ރައްޔިތުންގެ އަރިހުން ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.

ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށާއި މާފިނޮޅުގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އިފްތިތާހު ކުރުމަށް ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ވޯޓާ ހަމައަށް ދާއިރު، "ލައްކަ ގިނަ ވާހަކަ" މީހުން ދައްކާނެ ކަމަށެވެ. އަދި ރައްޔިތުން ބަލަން ވާނީ އެ ކަންކަން ކުރީ ކޮން ބައެއްތޯ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި އެންމެ އިސްކޮށް އުޅެންޖެހޭ ބަޔަކީ އިންތިޚާބުތަކުގައި ވާދަކުރަން ބޭނުންވެގެން ނިކުންނަ މީހުންނެވެ. އަދި ރައްޔިތުން "ފަޒާގައި" ގެދޮރު އަޅަން ނުވިސްނައި ބިމާ ހަމައިގައި ތިބެގެން ތަރައްގީއާއެކު ކުރިއަށް ދިއުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

"ވޯޓާ ހަމައަށް ދާއިރު، ސިކުނޑި ތަނަވަސްކޮށް ސިކުނޑި ހުޅުވައިގެން ވަޑައިގަންނަވާ. ގޭގައި ސިކުނޑި ބާއްވާފައި ވަޑައިނުގަންނަވާ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ހޯރަފުށީގައި ވެވަޑައިގެންނެވި ވައުދުތައް:

- އައިހަވަންގެ މަޝްރޫއެއް ނުހުއްޓޭ، އެކަން ކުރިއަށް ދާނެ.

- އެކިކަންކޮޅުތަކުގައި އައިސްޕްލާންޓުތައް ގާއިމުކުރާނަން.

- މަސްވެރިންނަށް އިނާޔަތްތަކާއެކު ކާޑެއް ތައާރަފް ކުރާނަން.

- ހއ. އާއި ހދ. ގައި ޓޫރިޒަމްގެ 3،000 އެނދު އިތުރުކުރާނަން.

ހުޅުލެ އާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުން މިސާލު ނަންގަވައި ރައީސް ޔާމީން ވިދާޅުވީ ދިވެހިން އުންމީދީ ހުވަފެންތަކެއް ދެކޭ އިރު، ސަރުކާރުން ހިނގާ މަޝްރޫއުތަކަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ މަޝްރޫއުތަކެއް ކަމަށެވެ.

އެހެންވެ، "އުންމީދުކޮށްދޭ" ރައީސަކަށް އިތުބާރު ނުކުރަންވީ ސަބަބެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ފިކުރެއްގެ ގޮތުން ތަޣައްޔަރު ކަމެއް ނައިސް އޮތީ ޕީޕީއެމްގެ ފިކުރެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކަށް ބޭނުންވާ ތަރައްގީ އަންނަނީ ހަމަޖެހުން އޮވެގެން ކަމަށް ރައީސް ވިދާޅުވި އެވެ. އިސްލާމީ ސިފަތަކަކާއެކު ޑިމޮކްރަސީ ކުރިއަށް ގެންދާ ނަމަ، ހިފަން ޖެހޭނީ، ރައްޔިތުން އަޖުމަބަލައި ޓެސްޓްކޮށްފައި އޮތް ކަމެއްގައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ، ހޯރަފުއްޓަކީ ޕީޕީއެމްގެ ފިކުރަށް ތާއީދުކުރާ ގިނަ ބަޔަކު ދިރިއުޅޭ ބައެއްކަން ފާހަގަކުރައްވައި، ޕީޕީއެމްގެ ވިސްނުމަށް މީހުން އިތުރުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ކުރިއަށް އޮތް އިންތިހާބުގައި ހޯރަފުށިން ސުޕަ މެޖޯރިޓީއެއް ހޯދަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަގީގީ ތަރައްގީގެ ރަހަ ކަރުގައި ލީމަ، ޖެހޭނީ ތަރައްގީ ދެމެހެއްޓޭތޯ ބަލަން،" ރައީސް ވިދާޅުވި އެވެ.

މިއީ، ރައީސް ޔާމީން މި އަހަރުގެ ތެރޭގައި ހޯރަފުއްޓަށް ވަޑައިގެންނެވި ދެ ވަނަ ފަހަރެވެ. މިދިޔަ މެއި މަހުގެ 24 ގައި ރައީސް ޔާމީން ހޯރަފުއްޓަށް ވަޑައިގެން، ނަރުދަމާގެ ނިޒާމު ވަނީ އިފްތިތާހުކޮށް ދެއްވައިފަ އެވެ.