Roadha Mihaaru
"ގާނޫނީ ވެރިކަމަށް ރައީސް ޔާމީން ރުޖޫއަވާން އެދެން"

އީޔޫ އާއި ހަ ގައުމެއްގެ ގޮވާލުން ރައީސަށް: ގާނޫނީ ވެރިކަމަށް ރުޖޫއަ ވޭ

31 ޖުލައި 2016

ގާނޫނީ ވެރިކަމަށް އަނބުރާ ރުޖޫއުވާން ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާ އަދި އިނގިރޭސި ވިލާތް ހިމެނޭ ގޮތަށް ހަ ގައުމަކުން ރައީސް އަބްދުﷲ ޔާމީނަށް މިއަދު ގޮވާލައިފި އެވެ.

ގާނޫނީ ވެރިކަމަށް އަނބުރާ ރުޖޫއުވާން ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާ އަދި އިނގިރޭސި ވިލާތް ހިމެނޭ ގޮތަށް ހަ ގައުމަކުން ރައީސް އަބްދުﷲ ޔާމީނަށް މިއަދު ގޮވާލައިފި އެވެ.

ޔޫރަޕްގެ އިއްތިހާދު ކަމަށްވާ އީޔޫ އާއި އެމެރިކާ އަދި އިނގިރޭސިވިލާތާއި ޖަރުމަނާއި ނެދަލެންޑްސް އާއި ނޯވެގެ އިތުރުން ސްރީ ލަންކާ އިން އެގޮތަށް ގޮވާލާފައިވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލަށް ފާޑު ކިޔައި، އެ ގައުމުތައް ގުޅިގެން އެމެރިކާ އެމްބަސީ މެދުވެރިކޮށް ނެރުނު ގުޅިފައިވާ ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ރައީސް ޔާމީނަށް ގޮވާލާފައިވަނީ ވޭޭތުވެދިޔަ ފަހަތަށް އެޅި ފިޔަވަޅުތައް އަނބުރާލުމަށް ފަހު، ގާނޫނީ ވެރިކަމާއި ޑިމޮކްރަސީގެ މަގަށް އަނބުރާ ރުޖޫއަ ވުމަށެވެ. އަދި ހައްގުތައް ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް އެއްބާރުލުން ދޭނެ ކަމަށް ބަޔާނުގައިވެ އެވެ.

"އެތައް މިންނެތް މަސައްކަތުން ހޯދާފައިވާ ޑިމޮކްރަޓިކް މުއައްސަސާތަކާއި ހައްގުތައް ހިމާޔަތް ކުރުމުގެ މަސައްކަތުގައި ޝާމިލްވާ އެންމެހާ ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެންގެ އެއްބާރުލުން ލިބޭނެ އެވެ،" ބަޔާނުގައިވެ އެވެ.

އަބުރުގެ ބިލާ ބެހޭގޮތުން އެ ބަޔާނުގައިވަނީ އެ ބިލަކީ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް އެޅޭނެ ވަރަށް ބޮޑު ހުރަހެއް ކަމަށާއި ބައިނަލްއަގްވާމީ މުއާހަދާތަކުން ލިބޭ ހައްގުތައް ބޭނުންކުރާ ފަރާތްތަކަށް ވަރުގަދަ އަދަބު ދޭ ގޮތަށް ބިލް ފަރުމާކޮށްފައިވާ ކަމަށެވެ. އަދި ނޫސްވެރިކަމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އެންމެ އަސާސީ ހައްގުތައް ގެއްލިގެންދާތީ، އެ ހަ ގައުމާއި އީޔޫ އިން ވެސް ކަންބޮޑުވާ ކަމަށް ބަޔާނުގައިވެ އެވެ.

އަބުރުގެ ބިލް އޮތްގޮތުން ނޫސްވެރިކަމަށް ހުރަސް އެޅޭތީ، ނޫސްވެރިން ވެސް ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ބައެއް ސިޔާސި ޕާޓީތަކާއި ބޭރުގެ އެހެން ޖަމާއަތްތަކުން ވެސް ދަނީ އެ ބިލަށް ފާޑު ކިޔަމުންނެވެ.