Roadha Mihaaru
އިންޑިއާގައި ހުންނަ އެމެރިކާ އެމްބަސީއަށް ކެޝަޕް

އިންޑިއާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ޗާޖް ޑި އެފެއާޒްގެ މަގާމަށް ކެޝަޕް

03 ޖުލައި 2021

އެމެރިކާ އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކުރިން ކަނޑައަޅާފައި ހުރި ސަފީރު އަތުލް ކެޝަޕަށް އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އެމެރިކާގެ އެމްބަސީގެ ޗާޖް ޑި އެފެއާޒްގެ މަގާމަށް އައްޔަންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެމެރިކާ އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކުރިން ކަނޑައަޅާފައި ހުރި ސަފީރު އަތުލް ކެޝަޕަށް އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އެމެރިކާގެ އެމްބަސީގެ ޗާޖް ޑި އެފެއާޒްގެ މަގާމަށް އައްޔަންކޮށްފި އެވެ.

އިންޑިއާ އަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކެޝަޕް ޑެޕިއުޓީ އެމްބަސެޑަރު ފެންވަރުގެ އެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ އެމެރިކާ އާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާކުރަން މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

ޗާޖް ޑި އެފެއާޒް ކަމާ ކެޝަޕް ހަވާލުވެވަޑައިގަތީ ކުރިން އެ މަގާމުގައި ވަގުތީ ގޮތުން ހުންނެވި ޑެނިއަލް ސްމިތު ރިޓަޔާ ކުރެއްވުމުންނެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ މި މަގާމަށް ކެޝަޕް ހަމަޖެއްސުމާ އެކު ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ އިތުރުން ކޮވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތް ވެސް ކުރިއަށް ވުރެ ހަރުދަނާ ވާނެ ކަމަށެވެ.

ދެކުނު އޭޝިއާގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީގެ މަގާމު ވެސް ދިއްލީގައި ހުންނަ އެމެރިކާގެ އެމްބަސީގައި އަތުލް ކުރިން ފުރުއްވި އެވެ.

އެމެރިކާ އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ކަމުގެ މަގާމު ކެޝަޕް އަދާކުރެއްވީ އޮގަސްޓް 2015 އިން އޮކްޓޯބަރު 2018 ގެ ނިޔަލަށެވެ.

ކެޝަޕް ފާހަގަކުރެވުނީ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކާއި ތަފާތު އެކި ކަންކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކަށް ފާޅުގައި ފާޑު ވިދާޅުވި ބޭފުޅެއްގެ ގޮތުގަ އެވެ. ހާއްސަކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަމަލު ކުރި ގޮތުން، ކެޝަޕްގެ ނުރުހުން އަމާޒުވި އެވެ.