ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އަންނަ އެލަވަންސް ބޮޑުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދާ މެދު މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނަޢީމް މިއަދު ސުވާލު އުފައްދަވައިފި އެވެ.
11 ޖުލައި 2018
ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އަންނަ އެލަވަންސް ބޮޑުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދާ މެދު މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނަޢީމް މިއަދު ސުވާލު އުފައްދަވައިފި އެވެ.
އަނާރާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން މިހާރު ދެމުން އަންނަ އެލަވަންސް ބޮޑު ކޮށްދިނުމަށް އެދި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ދިނުމާ ބެހޭ ގާނޫނަށް 2014 ވަނަ އަހަރު އިސްލާހު ހުށަހެޅުއްވި މެމްބަރެވެ. އޭރު އަނާރާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް 5000ރ. އަށް ބޮޑުކޮށްދިނުމަށެވެ.
އެ އިސްލާހު މަޖިލީހަށް ބަލައިގަތީ 81 މެމްބަރުންގެ ތާއީދާ އެކުގަ އެވެ. ނަމަވެސް ދެ އަހަރު ވަން ދެން ކޮމެޓީގައި އެ މައްސަލަ ބޭއްވުމަށްފަހު ވަނީ ބޭރުކޮށްލައިފަ އެވެ.
މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މުއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް އިއްޔެ ވަނީ، އިތުރު ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އަންނަ އެލަވަންސް ބޮޑުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީ އަށް ބަލާނަމަ ކޮންމެ ރަށެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން މަދުން ނަމަވެސް އެބަ ތިއްބެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން މިހާރު ދެމުން އަންނަނީ 2000ރ. އެވެ.
އެކަމާ ގުޅިގެން "މިހާރު"އާ ވާހަކަދައްކަވަމުން އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ވިދާޅުވީ، ހެޔޮ ނިޔަތުގައި ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންވާ ނަމަ ކުރިން ވެސް އެ ފުރުސަތު ލިބިވަޑައިގަތް ކަމަށެވެ. ނަމަވެސް މީގެ ހަތަރު އަހަރު ކުރިން ހުށަހެޅި އިސްލާހެއް ބޭރުކޮށްލައި، އަލުން އެ ވައުދު ވެވަޑައިގެންނެވުމުން އެކަމުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ކަމެއް ކޮށްދެންޏާ އޭރު ވެސް އެ ފުރުސަތު އޮތް މަޖިލީހުގެ ތެރެއިން. އެކަމަކު މީގެ ހަތަރު އަހަރު ކުރިން ހުށަހެޅި އިސްލާހު ބޭރުކޮށްލާފައި، އަލުން އެ ވައުދު ވެވަޑައިގަތީ ކީއްވެގެންތޯ ސުވާލު އުފެދޭ. ރައްޔިތުންނަށް ކަމެއް ކޮށްދޭންތޯ ނޫނީ ވޯޓު ހޯދަންތޯ،" އަނާރާ ސުވާލު އުފެއްދެވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެލަވަންސް ބޮޑުކޮށްދިނުމަށް އެދި އިސްލާހު ހުށަހެޅުމުން، ނުކުޅެދުންތެރިކަން ހުންނަ ވަރަށް ގިނަ މީހުން ގުޅައި އެ މީހުން ދިރިއުޅެމުން އަންނަ ހާލަތު ކިޔައިދިން ކަމަށެވެ. އަދި އެލަވަންސް ބޮޑު ކޮށްދިނުމަށް ހުށަހެޅުމުން އެ މީހުން ތިބީ ވަރަށް އުފަލުން ކަން ފާހަގަކުރެއްވި އެވެ. ނަމަވެސް އިސްލާހު ބޭރުކޮށްލި ފަހުން ދެން ފެންނަން ފެށީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް، ސިޓީ އުރަ ހިއްޕަވައިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފައިސާ ބަހަން ފެށި މަންޒަރު ކަމަށް ވެސް ވިދާޅުވި އެވެ.
އަނާރާ ވިދާޅުވީ އޭރު އެ އިސްލާހު ހުށަހެޅުއްވީ ވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޮޑު ހަރަދެއް ހިނގާތީ، އެ އާއިލާތަކަށް ލުއެއް ހޯއްދަވައިދެއްވުމުގެ ގޮތުން ކަމަށެވެ.
"އެންސްޕާއިން ލިބުނު މައުލޫމާތުތަކުން ތަން މަތީގައި އޮންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު 400 އަށް އަރާ. އޭރު ކޮމެޓީގައި ވާހަކަދެކެވުނު ނުކުޅެދުންތެރިކަން ހުންނަ މީހުން ކެޓަގަރައިޒްކޮށްގެން ނަމަވެސް، އެންމެ ބޮޑަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިނާޔަތް ބޮޑު ކޮށްދިނުމަށް. އެކަމަކު އިސްލާހު ބޭރުކޮށްލުމުން ވަރަށް ދެރަވި،" އަނާރާ ވިދާޅުވި އެވެ.
އެލަވަންސް ބޮޑުކުރަން ޖެހޭނީ ގާނޫނުން: އުޝާމް
ނުކުޅެދޭ މީހުންގެ އިނާޔަތް ބޮޑުކުރާ ބިލް ބޭރުކޮށްލައިފި
އިނާޔަތް ބޮޑު ކުރަން ހުށަހެޅީ ސަރުކާރާ މަޝްވަރާނުކޮށް!
ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެވޭ ނިޒާމު މުހިއްމު
އަޚުލާގު ރަނގަޅު ދީންވެރި ކެންޑިޑޭޓަކީ އިބޫ: އަނާރާ
ނުކުޅެދޭ ކުދިންގެ އިނާޔަތް ބޮޑުކޮށްދޭން ވައުދުވެއްޖެ
ދުސްތޫރާ ޚިލާފު އަސްކަރީ ވެރިކަމެއް ނުހިފެހެއްޓޭނެ
ސައިން ލެންގްއޭޖް ކޯސްތައް ރަށްރަށުގައި ހިންގަނީ
އަޅާނުލުމުން ފިޔަވަޅު އެޅުން: މުހިންމު ކަމެއް
ނުކުޅެދެނީ އެ ކުދިންނެއް ނޫން، މުޖްތަމައު