ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މިންވަރު މަދު ކުރުމަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅެއް ކަމަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް މިނިސްޓަރު ޝިދާތާ ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
03 ޑިސެމްބަރ 2018
ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މިންވަރު މަދު ކުރުމަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅެއް ކަމަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް މިނިސްޓަރު ޝިދާތާ ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިނަލްއަގުވާމީ ދުވަހާ ގުޅުވައިގެން ނެރުނު ހިތޯބުގައި މިނިސްޓަރު ވިދާޅުވީ އެހެން މީހުންނެކޭ އެއްފަދައިން ޝާމިލްވެ އުޅުމުގެ މަގުތަނަވަސްކޮށްދީ އެ މީހުންނަކީ މުޖުތަމައުގައި ބާކީވެފައިވާ ބައެއްކަމަށް އިހުސާސްކުރެވޭނެ ޖާގަ މިހާރަށްވުރެ ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށެވެ.
އެމީހުން ބާރުވެރިކުރުވައި އަދި ބައިވެރިވުން އިތުރުކުރެވޭނެ ފަދަ ގޮތަކަށް ބައްޓަންކޮށްގެން ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށާއި އެ އަމާޒުގައި މަސައްކަތް ކޮށްފިނަމަ އިޖުތިމާއީ ގުޅުންތައް މިހާރަށްވުރެ ވަރުގަދަވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި މި މިނިސްޓްރީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ބޭނުންވޭ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މައުލޫމާތު އެނގޭނެ ފަދަ ދަފްތަރެއް އެކުލަވާލުމަކީ ހާއްސަ އިސްކަމެއްދީގެން ހާސިލްކުރަންޖެހޭ ކަމެއް ކަމަށް ދެކެން،" މިނިިސްޓަރު ނެރުއްވި ހިތޯބުގައި ވެ އެވެ.
ތައުލީމީގޮތުން ލިބިދޭންޖެހޭ އެންމެހައި ހައްގުތައް ކަށަވަރުކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކިޔަވައިދިނުމަށް އެކަމަށް ގާބިލް ޓީޗަރުން ބިނާކުރުުމާއި ކިޔަވައި ދިނުމަށް ބޭނުންކުރާ ތަފާތު އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދޭންޖެހޭ ކަން ވެސް ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ކުޅިވަރުގެ މައިދާނުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ބައިވެރިވެ އުޅުމުގެ ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.
ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އުޅަނދުފަހަރާއި މަގުފަދަ ތަންތަން ހުންނަންޖެހޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ކަމަށާއި އަދި އާއްމު ހިދުމަތްދޭ އިމާރާތްތަކަށް ވެސް އެ ބަދަލު ގެންނަންޖެހޭ ކަން ހިތޯބުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
"މިފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގައި އެ ފަރާތެއްގެ ކިބައިގައި ހުރި ހުނަރާއި ގާބިލްކަމަށް ބަލައި އެކަށޭނެ ވަޒީފާތައް ދިނުމަށް ހާއްސަ ސަމާލުކަމެއްދީ އެ ފަރާތްތަކަށް ރައްކާތެރި އަދި އިހުތިރާމް ލިބިގެންވާ މަސައްކަތުގެ މާހައުލެއް އުފެއްދުމަށް ބޭނުންވޭ. ހަމައެހެންމެ ގައުމުގެ އިގުތިސޯދީ ނާރޭހުގައި މިފަދަ ފަރާތްތައް ޝާމިލްކުރުމުގެ ގޮތުން މަސައްކަތްތެރިކަމުގެ ބާޒާރުގައި މިފަދަ ފަރާތްތަކާ މެދު ހުރި ތަފާތު ކުރުންތައް ނައްތާލަން ބާރުއަޅަންޖެހޭ."
ގާނޫނާއި ގަވާއިދުތަކަށް ރިއާޔަތްކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކޮށް، ހަމަހަމަ ފުރުސަތުތައް ހޯދައިދީ ހާއްސަ ރައްކާތެރިިކަން ފޯރުކޮށްދިނުމަށް ހުރިހާ ދާއިރާއަކުން އިސްނަގައިގެން މަސައްކަތްކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވައިފަ އެވެ.
އެލަވަންސް ބޮޑުކުރަން ޖެހޭނީ ގާނޫނުން: އުޝާމް
ނުކުޅެދުންތެރިކަންހުންނަ މީހުންގެ އެހީއަށް ބަދަލުގެންނަނީ
މިނިސްޓަރު ޝިދާތާ އިސްތިއުފާ ދީ: އެމްޑީޕީގެ މެމްބަރުން
ނުކުޅެދޭ މީހުންގެ އިނާޔަތް ބޮޑުކުރާ ބިލް ބޭރުކޮށްލައިފި
އިނާޔަތް ބޮޑު ކުރަން ހުށަހެޅީ ސަރުކާރާ މަޝްވަރާނުކޮށް!
ރިވެލި އެވޯޑް 21 މީހަކަށް ދީފި
ށ. ފޭދޫގައި މީހަކަށް އަނިޔާކުރި މައްސަލަ ޕޮލިހަށް
ބަޔަކު އަނިޔާކުރި މީހާގެ ދަރިއަކު ވެސް ދައުލަތަށް
އިނާޔަތް ބޮޑުކުރުމުގެ ވައުދަށް އަނާރާ ސުވާލުއުފައްވައިފި
ސައިން ލެންގްއޭޖް ކޯސްތައް ރަށްރަށުގައި ހިންގަނީ