Roadha Mihaaru
ފާރިސްއާ ހެދި އެތައް ގެއްލުމެއް ލިބިއްޖެ: ރައީސް

ފާރިސްއާ ހެދި އެތައް ގެއްލުމެއް ލިބިއްޖެ: ރައީސް

10 ޖުލައި 2018

ސަރުކާރު ހިންގުމަށް ދަތިކޮށް، ވެރިކަން ކުރާ ޕީޕީއެމްގެ މަސްލަހަތު ނަގާލަން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މަސައްކަތް ކުރެއްވި ކަމަށާއި އެ ކަންކަމާ ހެދި އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ކަމަށް ރައީސް އަބްދުﷲ ޔާމީން މ. ދިއްގަރުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރު ހިންގުމަށް ދަތިކޮށް، ވެރިކަން ކުރާ ޕީޕީއެމްގެ މަސްލަހަތު ނަގާލަން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މަސައްކަތް ކުރެއްވި ކަމަށާއި އެ ކަންކަމާ ހެދި އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ކަމަށް ރައީސް އަބްދުﷲ ޔާމީން މ. ދިއްގަރުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، މަޖިލީހުގައި ފާރިސް ތަމްސީލްކުރައްވާ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ޔާމީން ވަނީ ކޮއްކޯފުޅު، ފާރިސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ދިއްގަރަށް އެ މަނިކުފާނު ވެސް ވަޑައިގެން ކުރެއްވި ކެމްޕޭނާއެކު ފާރިސް އެ ދާއިރާ އަށް ހޮވިވަޑައިގަތުމަކީ ޕީޕީއެމާއި ސަރުކާރަށް ލިބުނު ގެއްލުމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.

ފާރިސަށް ބަހުގެ ހަމަލާތަކެއް ރައީސް ދެއްވި އިރު، ވެރިކަން ވައްޓާލުމުގެ ތުހުމަތުގައި ފާރިސް އަދިވެސް ހުންނެވީ ބަންދުކޮށްފަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ޝެޑިއުލްކުރުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ.

ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރުގެ ޖަލު ހުކުމަކާ އެކު މެމްބަރުކަމުގެ ގޮނޑި ވެސް ފާރިސަށް ގެއްލޭނެ އެވެ.

އޭނާގެ މައްޗަށް އުފުލި ޝަހްސު އޮޅުވައިލުމުގެ ދައުވާ ސާބިތުވެ، މިހާރު ހުންނެވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއްގަ އެވެ. މީގެ އިތުރުން ރިޝްވަތުގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ދައުލަތުން ކުރެ އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިއްގަރު ދާއިރާ އަށް ފާރިސް ހޮވައިދޭން އެދުމުން، ރައްޔިތުން ދިން އިޖާބަ އެ މަނިކުފާނަށް ފާހަގަކުރެއްވެ އެވެ. އެހެންވެ، ދިއްގަރު ހިމެނޭ ގޮތަށް މ. އަތޮޅާ މެދު އަބަދުވެސް ދެކެނީ ވަރަށް ޚާއްސަ ނަޒަރުން ކަމަށް ވިދާޅުވި އެވެ.

"ދަންނަވާލަން މިއުޅެނީ، ދާއިރާގެ މެމްބަރަކު ނެތީމަ އޭގެ ފަޅުކަން އަޅުގަނޑުމެން އިހްސާސްކުރަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ދިއްގަރުގެ ބަނދަރު ހުޅުވުމާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް

ދިއްގަރުގެ ބަނދަރު ހުޅުވުމާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް

އެކަމަކު އެ ފަޅުކަން އިހްސާސްކުރަން ޖެހުނީ ދިއްގަރަށް މެމްބަރަކު ނެގުމުގައި، ފާރިސް އަށް ފުރުސަތު ދިނުމުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ ތެރޭގައި މައްސަލަ އުފެދިގެން ދިޔައީ، އެންމެ ބުރަ މަސައްކަތެއް އެ މަނިކުފާނު ކުރައްވައިގެން ހޮއްވެވި ފާރިސްގެ ފަރާތުން ކަމަށް ވިދާޅުވި އެވެ. ޕާޓީ އާއި ޕީޕީއެމްގެ ވެރިކަމުގައި ދިމާވި ހުރިހާ މައްސަލަތަކުގައި އެންމެ އިސްކޮށް އުޅުއްވީ، ފާރިސް ކަމަަށް ވެސް ވިދާޅުވި އެވެ.

"މި ދާއިރާ އަށް ފާރިސް ނެގުމަކީ އަޅުގަނޑުމެންގެ ޕާޓީ އަށް ލިބުނު އެންމެ ބޮޑު ގެއްލުން،" ރައީސް ވިދާޅުވި އެވެ.

"މީގެ އުނދަގޫ އަޅުގަނޑުގެ ސަރުކާރުން މިހާރު ވެސް އުފުލަމުން މިދަނީ."

ފާރިސް ވެސް ހިމެނޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ގުޅިގެން، ވެރިކަން ވައްޓާލަން ކުރި މަސައްކަތްތަކަކީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެ ކަންކަމާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަން ކަމެވެ. ކޮންމެ ސަރުކާރެއް އޮތަސް އެފަދަ ކަންކަމުގައި ފިޔަވަޅު ނާޅާއި ދޫކޮށްނުލާނެ ކަމަށް ވިދާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މި މަހުގެ މެދު ތެރޭގައި ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށާއި އެފަދަ ކަންކަމަކީ ވެސް މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިިގެން ކުރައްވާ ގާނޫނާ ޚިލާފު ކަންކަމުން މެދުވެރިވާ ކަންތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.