Roadha Mihaaru
ރައީސް، ސައޫދީގެ އިންޓީރިއާ މިނިސްޓަރާ ބައްދަލުކޮށްފި

ރައީސް ޔާމީން، ސައޫދީގެ އިންޓީރިއާ މިނިސްޓަރާ ބައްދަލުކުރައްވައިފި

09 ޖުލައި 2018

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، ސައޫދީ އަރަބިއްޔާގެ އިންޓީރިއާ މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފްއާ، ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލު ކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، ސައޫދީ އަރަބިއްޔާގެ އިންޓީރިއާ މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފްއާ، ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލު ކުރައްވައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ރާއްޖެ ވަޑައިގެންނެވި، ސައޫދީގެ އިންޓީރިއާ މިނިސްޓަރު އަބްދުލްއަޒީޒް މިއަދު މެންދުރު މާލެ ވަޑައިގަތުމުން، އޭނާ އަށް ރަސްމީކޮށް މަރުހަބާ ދެއްނެވީ ރާއްޖޭގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

ސައޫދީގެ އިންޓީރިއާ މިނިސްޓަރު މިއަދު މާލެ ވަޑައިގަތުމުން، އޭނާ އަށް ރަސްމީކޮށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ސައޫދީގެ އިންޓީރިއާ މިނިސްޓަރު މިއަދު މާލެ ވަޑައިގަތުމުން، އޭނާ އަށް ރަސްމީކޮށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ސައުދީގެ އިންޓީރިއާ މިނިސްޓަރު މާލެ ވަޑައިގަތުމުން، އޭނާގެ ޝަރަފުގައި އެމްއެންޑީއެފުން ވަނީ އޮނާ ގާޑެއް އަރުވައިފަ އެވެ. މާލެ އިން އޭނާ އަށް ރަތް ދޫލައިގެން މަރުހަބާ ކިޔާފައިވާއިރު، ރަސްމީ ފާލަމާއި ރައީސް އޮފީސް ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ އެވަގުތު އޮތީ ވަރުގަދަކޮށް، އެ ސަރަހައްދު ބަންދުކޮށްފަ އެވެ.

ސައޫދީގެ އިންޓީރިއާ މިނިސްޓަރު ރައީސް އޮފީހަށް ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ދެންނެވީ ވެސް ރައީސް ޔާމީނެވެ.

ސައުދީގެ މިނިސްޓަރާއެކު، 150 އަށްވުރެ ގިނަ މީހުންގެ ވަފްދެއް ރާއްޖެ ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ސައުދީގެ ޝާހީ އާއިލާއެއްގެ މެމްބަރުން ހިމެނެ އެވެ.

ރައީސް ޔާމީނާއި ސައޫދީގެ އިންޓީރިއާ މިނިސްޓަރު މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީނާއި ސައޫދީގެ އިންޓީރިއާ މިނިސްޓަރު މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

މިއީ، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މިދިޔަ އަހަރު ރާއްޖެ އަށް ކުރައްވަން އުޅުއްވި ދަތުރުފުޅު ކެންސަލް ކުރި ފަހުން، ސައުދީގެ އިސް ބޭފުޅުންތަކެއް ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވިއިރު، ސައުދީގެ ޝާހީ އާއިލާ އަށް ފ. އަތޮޅު ވިއްކަން އުޅޭ ކަމަށް ބުނެ ސިޔާސީ މަޝްރަހުގައި އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. ނަމަވެސް ދެ ސަރުކާރުންވެސް ވަނީ އެފަދަ ކަމެއް ކުރަން އުޅުނުކަން ދޮގުކޮށްފަ އެވެ.