Roadha Mihaaru
ތަހުގީގަށް ފޯނު ހުޅުވުމުގެ އަމުރު ދެ އަހަރު ފަހުން!

ސައޫދީން ޔާމީނަށް ހަދިޔާކުރި ކާރުގެ މައްސަލައިގެ ތަހުގީގަށް ފޯނުތައް ހުޅުވަން ދެ އަހަރު ފަހުން އަމުރު ލިބިއްޖެ

21 ޖޫން 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ކުރެއްވުމަށް ސައުދީ ސަރުކާރުން ހަދިޔާކުރި މާސެޑީޒް ކާރަކީ އަމިއްލަ މީހެއްގެ ނަމުގައި ރާއްޖެ އެތެރެކުރި ކާރެއް ކަމަށް ދައްކަން ކަސްޓަމްސްގެ ޑިކްލަރޭޝަން ފޯމުތައް ޕްރޮސެސް ކުރި އޭރުގެ އެއާޕޯޓް ޑިވިޝަން ހެޑް އަބްދުﷲ އަލީގެ ފޯނުތައް، ހެކި ހޯދުމަށް ހުޅުވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ކުރެއްވުމަށް ސައުދީ ސަރުކާރުން ހަދިޔާކުރި މާސެޑީޒް ކާރަކީ އަމިއްލަ މީހެއްގެ ނަމުގައި ރާއްޖެ އެތެރެކުރި ކާރެއް ކަމަށް ދައްކަން ކަސްޓަމްސްގެ ޑިކްލަރޭޝަން ފޯމުތައް ޕްރޮސެސް ކުރި އޭރުގެ އެއާޕޯޓް ޑިވިޝަން ހެޑް އަބްދުﷲ އަލީގެ ފޯނުތައް، ހެކި ހޯދުމަށް ހުޅުވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

އެންމެ ފަހުގެ ރިއާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް، ސައުދީން ހަދިޔާކުރި، "މާސެޑީޒް ބެންޒް އެސް 600" އަކީ 4.5 މިލިއަން ރުފިޔާގެ އަގުހުރި އެއްޗެކެވެ.

އެ ކާރު ރަޖިސްޓަރީ ކުރީ، ލ. އަތޮޅުގައި ދުއްވާ ގޮތަށް، މުލީއާގޭގެ އޭރުގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ މުހައްމަދުގެ އަމިއްލަ ނަން މަތީގަ އެވެ. ކާރުގެ ލިޔުންތައް ބަދަލުކުރި މައްސަލައިގައި، އެއާޕޯޓް ޑިވިޝަން ހެޑް އަބްދުﷲ އަލީގެ މައްޗަށް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތު އޭސީސީން ކުރި އެވެ.

އެ މައްސަލައިގައި އޭނާގެ ފޯނުތަކާއި ސިމް ކާޑުތަކާއި މެމޮރީ ކާޑުތަކާއި އެ ތަކެތީގައި ހުރި ޑޭޓާ އާއި އެ ތަކެތިން ކުރި ހުރިހާ މުއާމަލާތްތައް ތަހުގީގުގެ ބޭނުމަށް ނެގުމަށް އަމުރަކަށް އެދުމުން ފެބްރުއަރީ 28، 2019 ގައި ކްރިމިނަލް ކޯޓުން އެ އަމުރު ދިނެވެ. ނަމަވެސް، އަބްދުﷲ އަލީގެ ފަރާތުން އެ އަމުރު އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފަ އެވެ.

އަމުރުގެ ފޯމެޓުގެ މައްސަލައެއް ނެތް

ހައި ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން މުހައްމަދު ފައިސަލާއި ހުސައިން ޝަހީދުގެ އަޣުލަބިއްޔަތުން އިއްވި ހުކުމުގައި ފާހަގަކުރި އެއް ކަމަކީ ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ފޯމެޓު، ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ފޯމެޓާ ތަފާތު ކަމެވެ. އެކަމުގެ ސަބަބުން ނުރަނގަޅު ގާނޫނީ ނަތީޖާއެއް ނުކުމެދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ނަމަވެސް، އެ މައްސަލައިގައި ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ، ކޯޓު އަމުރުގައި ހިމަނަންޖެހޭ ހުރިހާ މައުލޫމާތެއް ކްރިމިނަލް ކޯޓުގެ އަމުރުގައި އެބަހުރި ކަމަށެވެ. ނަމާނޫއާ އެއްގޮތް ނުވުމުން އަމުރުގެ ބާރު ކެނޑޭނެ ކަމަށް ބެލުން ހަމަނުޖެހޭ ކަމަށް ވެސް އެންމެ މަތީ ކޯޓުގެ ނިންމުމުގައިވެ އެވެ.

"... ޖަދުވަލުގައިވާ ނަމޫނާއާ އެއްގޮތަށް އަމުރު ނެރެފައި ނުވުމުގެ ސަބަބުން އެ އަމުރުގެ ބާރު ނުހިނގާނެ ކަމުގައި ބެލުމަކީ ހަމަޖެހޭ ކަމަކަށް ނުވެ އެވެ،" ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި، ނަމޫނާގައި ހިމެނޭ ބައެއް މައުލޫމާތު މަދު އިރު ނަމޫނާގައި ނެތް މައުލޫމާތު ހުރި ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކުރި އެވެ. އެހެންވެ، އަމުރު ނެރެގެން، އަމުރުގެ ގާނޫނީ ބާރު ކެނޑޭ ނަމަ ކެނޑޭނީ، ނަމޫނާއާ އެއްގޮތަށް އަމުރު ނެރެގެން ކަމަށް ހުކުމުގައިވެ އެވެ.

އެއީ ނަމޫނާގައިވާ ގޮތަށް އަމުރު ނެރެއްޖެ ނަމަ އޭގައި މުހިންމު މައުލޫމާތުތަކެއް މަދުވާނެތީ އެވެ. އަދި ގަވައިދުގައިވާ ނަމޫނާ އިސްލާހުކުރަން ޖެހޭ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

ނަމޫނާގައިވާ ގޮތަށް އަމުރު ނެރެވުނީ އިޖުރާއީ އޮޅުމަކުން ކަމަށް ވިޔަސް ކޮންމެ އިޖުރާއީ އޮޅުމެއްގެ ސަބަބުން އިޖުރާއަތާއި އެއާ ގުޅިފައިވާ ފިޔަވަޅުތައް ނިއުޅާލަން ނުޖެހޭ ކަމަށް ހުކުމުގައިވެ އެވެ.

ހައްގެއް ގެއްލިފައެއް ނުވޭ

އަބްދުﷲ އަލީގެ ފަރާތުން ބުނެފައި ވަނީ، އަމުރުގައި ވަނީ އޭނާގެ ކޮން ފޯނެއް ކަމެއްކަން ބަޔާންނުކޮށް ހުރިހާ ފޯނުތައް ނަގަން އަމުރު ނެރުނީ، ޒާތީ މިނިވަންކަމުގެ ހައްގާއި ގާނޫނުން ރައްކާތެރިކަން ލިބިގެންވުމުގެ ހައްގަށް ބުރޫ އަރާ ގޮތަށް ކަމަށެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ޖުމުލަކޮށް މި ވެނި ހައްގަކާ ހިލާފުވެއްޖެއޭ ބުނުމުން ނުފުދޭ ކަމަށެވެ. ޒާތީ ދިރިއުޅުމުގެ ހައްގާ ހިލާފު ވެއްޖެ ކަމަށް ބުނާ ނަމަ، އެ ހައްގުގެ ދާއިރާގެ ތެރޭގައި ހިމެނޭ، ޒާތީ ދިރިއުޅުން، އާއިލީ ދިރިއުޅުން، ގޯތި ގެދޮރު، ނުވަތަ ޒާތީ މުއާސަލާތު، މި އިން ކޮންމެވެސް އެއް ކަމަކާ ބުނާ ބުނުން ގުޅުވާލަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ. ހައްގު ގެއްލުނު ކަމަށް އޭނާ ބުނާ އިރު އެކަމުގެ ތަފްސީލު ނުދޭ ކަމަށް ހުކުމުގައިވެ އެވެ.

އަމުރު ނެރުނީ ހަނުހުރުމުގެ ހައްގާއި އަމިއްލަ ނަފުސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގަށް ބުރޫ އަރާ ގޮތަށް ކަމަށް ވެސް އަބްދުﷲ އަލީގެ ފަރާތުން ބުނެފައިވެ އެވެ.

ނަމަވެސް، ހުކުމުގައި ވަނީ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ މާނައިގެ ތެރޭގައި ކަމެއް ހިމެނޭނީ، ކުށުގެ ތުހުމަތާ ގުޅިގެން ޝަރީއަތަށް ހުށަހަޅަންޖެހޭ މާއްދީ ހެއްކެއް ތުހުމަތުގައިވާ މީހާއާ ގުޅުވެން އޮތް ހަމައެކަނި ގޮތަކީ، އޭނާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ހޯދުން ކަމުގައި ވުމުން ކަމަށެވެ.

މި މައްސަލައިގައި އަމުރުން ހޯދި ތަކެއްޗަކީ މައްސަލައިގައި ހިމެނޭ ހަމައެކަނި ހެކި ނޫންކަން ފާހަގަކޮށް ހުކުމުގައި ވަނީ އޭނާގެ ހަނުހުރުމުގެ ހައްގާއި އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ދިނުމުގެ ހައްގު ގެއްލިފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.

އަމުރުގައި ނަގަން އެދޭ މިންވަރަށް ވުރެ އިތުރަށް ވެސް ނެގިދާނެ

އަބްދުﷲ އަލީގެ ފަރާތުން ދެން ފާހަގަ ކުރި އަނެއް މައްސަލަ އަކީ އަމުރު ނެރެން އެދުނު މިންވަރަށް ވުރެ ގިނައިން އެއްޗެހި ހިފަހައްޓަން ކޯޓުން އަމުރު ކުރުމެވެ. އެގޮތުން އޭނާގެ އެއް ފޯނުގެ ބަދަލުގައި ހުރިހާ ފޯނެއް ނަގަން އަމުރުކުރިކަން ފާހަގަކުރި އެވެ. އަދި އޭސީސީން އެދުނު 12 ދުވަހުގެ ބަދަލުގައި 30 ދުވަހަށް އަމުރު ނެރެދިންކަން ފާހަގަކުރި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ، މީހަކު ގެންގުޅެނީ ކިތައް ފޯނުކަން ނޭނގޭ ނަމަ، ނުވަތަ އެ މީހަކު އެއް ފޯނަށް ވުރެ ގިނަ ފޯނު ގެންގުޅޭކަން އެނގޭ ނަމަ، ތުހުމަތު ކުރެވޭ ކުށާ ގުޅޭ ހެކި ހޯދުމަށް އޭނާގެ ފޯނުތައް ހޯދުން އެކަށީގެންވާ ކަމަށެވެ.

އަމުރަށް އެދުނު އިރު "ފޯނު" ހޯދަން އެދުނަސް، "ފޯނުތައް" އިދާރާގެ ބެލުމުގެ ދަށަށް ގެންދިއުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. ހުކުމުގައިވާ ގޮތުން އެއީ އެހެން ނޫނަސް ގާނޫނު ތަންފީޒުކުރާ އިދާރާގެ ބެލުމުގެ ދަށަށް ގެންދެވޭނެ ތަކެއްޗެވެ.

އަމުރު ނެރެން އެދުނު ވަރަށް ވުރެ ދިގު މުއްދަތަކަށް އަމުރު ނެރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ބުނެފައި ވަނީ، ފަނޑިޔާރަށް އަމުރު ނެރުމުގައި ލިބިދީފައިވާ ބާރުގެ ތެރެއިން، އަމުރު ނެރުމަށް އެދޭ މުއްދަތަށް ވުރެ މަދުން ނުވަތަ އިތުރަށް އަމުރުގެ މުއްދަތު ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބޭ އިހްތިޔާރީ ބާރެއް ކަމަށެވެ.

އެހެންވެ، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ ހައި ކޯޓުގެ ހުކުމް ބާތިލު ކުރާށެވެ. މައްސަލަ ބެއްލެވީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަައިޝާ ޝުޖޫން އާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ.