Roadha Mihaaru
ސައުދީގެ ހޯމް މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ސައުދީ އަރަބިއްޔާގެ ހޯމް މިނިސްޓަރު ރާއްޖެ ވަޑައިގެންފި

06 ޖުލައި 2018

ސައުދީ އަރަބިއްޔާގެ ހޯމް މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް، ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސައުދީ އަރަބިއްޔާގެ ހޯމް މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް، ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ދެ ދުވަހުގެ މުއްދަތަކަށް މިނިސްޓަރު ކުރައްވާ ދަތުރުގައި ރައީސް އަބްދުﷲ ޔާމީނާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާ ބައްދަލު ކުރައްވާނެ އެވެ. އެކަމަކު، މިކަމާ ގުޅިގެން ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

އެނގިފައިވާ ގޮތުގައި ސައުދީގެ މިނިސްޓަރާއެކު ޝާހީ އާއިލާއެއް ރާއްޖެ ވަޑައިގަތެވެ. އެ ބޭފުޅުން ތިއްބެވުމަށް ހަމަޖެހިފައިވަނީ އަންނަތަރަ ރިސޯޓާއި ރީތިރަށާއި ނަލަދޫގަ އެވެ. ނަލަދޫގައި ސައުދީ ވަފްދުގެ އިސް ބޭފުޅުން ތިއްބަވާއިރު، އެބޭފުޅުން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ.

ސައުދީގެ މިނިސްޓަރާއެކު، 150 އަށްވުރެ ގިނަ މީހުންގެ ވަފްދެއް ރާއްޖެ އައި ކަމަށްވެ އެވެ.

މިއީ، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ރާއްޖެ އަށް ކުރައްވަން އުޅުއްވި ދަތުރުފުޅު މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ކެންސަލް ކުރި ފަހުން، ސައުދީގެ އިސް ބޭފުޅުންތަކެއް ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ސަލްމާން ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ވަރަށް ގިނަ ތައްޔާރީތައްވި އެވެ.

ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވިއިރު، ސައުދީގެ ޝާހީ އާއިލާ އަށް ފ. އަތޮޅު ވިއްކަން އުޅޭ ކަމަށް ބުނެ އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. އެކަމަކު، ސަރުކާރުން އޭރު ބުނީ ފ. އަތޮޅު ސައުދީ އަށް ވިއްކަން އުޅެފައި ނުވާ ކަމަށާއި އެ އަތޮޅުގައި ސައުދީން ހިންގަނީ 10 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ކަމަށެވެ. އެކަމަކު، އެ މަޝްރޫއު ހިންގުމަށް އިދިކޮޅު ފަރާތްތަކުން ހުރަސް އެޅި ކަމަށް ބުނެ، ސަރުކާރުން ވަނީ ބޮޑެތި ތުހުމަތުތަކެއްކޮށް، ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.