Roadha Mihaaru

"ޖުރަސިކް ވޯލްޑް: ފޯލެން ކިންގްޑަމް" އަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް

"ޖުރަސިކް ވޯލްޑް" ސީރީޒްގެ ދެވަނަ ފިލްމް "ކިންގްޑަމް ފޯލެން" ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކައިގެން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފި އެވެ.

"ފޯލެން ކިންގްޑަމް" އަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

08 ޖުލައި 2018

"ޖުރަސިކް ވޯލްޑް" ސީރީޒްގެ ދެވަނަ ފިލްމް "ކިންގްޑަމް ފޯލެން" ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކައިގެން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފި އެވެ.

މިދިޔަ މަހުގެ 22 ގައި ސިނަމާތަކަށް އައި ފިލްމަށް ހޮނިހިރު ދުވަހާ ހަމައަށް 1.005 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. ޔުނިވާސަލް ޕިކްޗާޒްގެ "ޖުރަސިކް ވޯލްޑް: ފޯލެން ކިންގްޑަމް" ހަދަން ހަރަދުކޮށްފައި ވަނީ ގާތްގަނޑަކަށް 187 މިލިއަން ޑޮލަރު އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ރިލީޒް ކުރި "ޖުރަސިކް ވޯލްޑް" ގެ ސީކްއެލްއެއްގެ ގޮތުގައި ގެނެސް ދިން މި ފިލްމްގެ މައިގަނޑު ކާސްޓުންނަކީ ކްރިސް ޕްރެޓް، ބްރަޔަސް ޑަލަސް ހަވާޑް، ރޭޕް ސްޕޯލް އަދި ޖަސްޓިސް ސުމިތު އެވެ. ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ޖޭއޭ ބަޔޯނާ އެވެ.

"ޖުރަސިކް ވޯލްޑް" ގެ ފުރަތަމަ ބަޔަށް 1.672 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

މި އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން މިހާތަނަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ފަހަނައަޅައި ދިޔަ ފިލްމްތަކަކީ 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "އެވެންޖާޒް: އިންފިނިޓީ ވޯ"، އާއި ބްލެކް ޕެންތާ (1.35 ބިލިއަން ޑޮލަރު) އެވެ.

"ޖުރަސިކް ވޯލްޑް: ފޯލެން ކިންގްޑަމް" އަކީ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ކަނޑައްތު ކުރި 35 ވަނަ ފިލްމެވެ. އަދި މިއީ އެ ވަރުގެ އާމްދަނީއެއް ހޯދި ޔުނިވާސަލްގެ 7 ވަނަ ފިލްމެވެ.

އަނެއްކޮޅުން "ކިންގްޑަމް ފޯލެން" އާ އެކު ޔުނިވާސަލް ޕިކްޗާޒްވެގެން ގޮސްފައި ވަނީ ޑިޒްނީ ފިޔަވައި، ފްރެންޗައިޒްތައް ހަދައިގެން، އެއް ފްރެންޗައިޒަޡް ވުރެ ގިން ފްރެންޗައިޒްތަކުން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ސްޓޫޑިއޯއަށެވެ. ބިލިއަން ޑޮލަރު ކުލަބުން ޖާގަ ހޯދި ޔުނިވާސަލްގެ އެހެން ފްރެންޗައިޒްތަކަކީ "ފާސްޓް އެންޑް ފިއުރިއަސް" އާއި "ޑެސްޕިކަބަލް މީ" އެވެ.