Roadha Mihaaru
ވިހާމަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުން ހައުސިން އަށް

ވިހާމަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުން ވެސް ހައުސިން އަށް؛ ސިޓީ ކައުންސިލަށް މަސައްކަތެއް ނެތް

05 ޖުލައި 2018

ލާމަރުކަޒީ ގާނޫނުގައި، މާލޭ ސިޓީ ކައުންސިލްގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ، ވިހާމަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުން ވެސް އެންމެ ފަހުން ހައުސިން މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލާމަރުކަޒީ ގާނޫނުގައި، މާލޭ ސިޓީ ކައުންސިލްގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ، ވިހާމަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުން ވެސް އެންމެ ފަހުން ހައުސިން މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.

ވިހާމަރުވާ މީހުންގެ ރެކޯޑު ހައުސިންގެ ދަށަށް ބަދަލު ކުރުމުގެ ކުރިން، މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ރަށްވެހި ނުވެ ދިރިއުޅޭ މީހުންނާއި ބިދޭސީންގެ ދަފްތަރާއި މާލެ އާއި ވިލިމާލޭގެ ފްލެޓްތައް ވެސް ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން، މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ހުރިހާ ޒިންމާތަކެއް ނިގުޅައިގެންފައިވާ ކަމަށެވެ. އެހެންކަމުން، ގާނޫނުގައި ހަވާލުކޮށްފައިވާ ކަންކަމުގެ ތެރެއިން، އާސާރީ ދެތިން ތަނެއް ބެލެހެއްޓުން ފިޔަވައި އެ ކައުންސިލަށް އެއްވެސް މަސައްކަތެއް ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ.

ޝަމާއު ދެކެވަޑައިގަންނަވާ ގޮތުގައި، ދަފްތަރު ބެލެހެއްޓުމާއި ވިހާމަރުވާ މީހުންގެ ރެކޯޑު ފަދަ ކަންކަން ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރީ، ރިޔާސީ އިންތިޚާބާ ދިމާކޮށް، ވޯޓު ގަޑުބަޑު ކުރުމަށެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މާލޭ ސިޓީ ކައުންސިލުގެ ބައެއް ޚިދުމަތްތައް އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރީ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތްތައް ނުދޭތީ އެވެ.

މާލޭން ކުނި ނައްތާލުމާއި މަގުތަކާއި ބިންތައް ބެލެހެއްޓުމަކީ ވެސް ސިޓީ ކައުންސިލްގެ ޒިންމާއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، އެ ކަންކަން ވެސް މީގެ ކުރިން ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. ވިހާމަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުން ވެސް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރި އިރު މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ހައުސިން މިނިސްޓްރީން ވަނީ މިދިޔަ ހަފުތާގައި ވަނީ އަލުން ހުޅުވާލައިފަ އެވެ.