Roadha Mihaaru
އިންޑަސްޓްރިއަލް ޒޯން ބިން ސަރުކާރަށް ދޭން އަމުރުކޮށްފި

އިންޑަސްޓްރިއަލް ޒޯން ބިން ސަރުކާރާ ހަވާލުކުރަން ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްފި

24 ޖުލައި 2024

މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު ސަރުކާރާ ހަވާލުކުރަން ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު ސަރުކާރާ ހަވާލުކުރަން ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އިންޑަސްޓްރިއަލް ޒޯން ސަރަހައްދު ހުސްކޮށް، އެތަން ސަރުކާރާ ހަވާލުކުރަން ހައުސިން މިނިސްޓްރީން 2022 ވަނަ އަހަރު އެންގުމުން ވެސް ސިޓީ ކައުންސިލުން ވަނީ އެއީ ސިޓީ ކައުންސިލްގެ ބިމެއް ކަމަށް ބުނެ އެތަން އަނބުރާ ހަވާލުކުރަން ދެކޮޅު ހަދައިފަ އެވެ. އަދި އެ ސަރަހައްދުގައި ތިލަމާލެ ބްރިޖްގެ މަސައްކަތް ހިނގަމުން ދާތީ، އެތަން ތިން ވަނަ ފަރާތަކަށް ނުދިނުމަށް ވެސް މިދިޔަ އަހަރުގެ ކުރީކޮޅު ސަރުކާރުން އޮތީ އަންގައިފަ އެވެ.

އެ ބިން އަނބުރާ ހޯދަން ހައުސިން މިނިސްޓްރީން ދައުވާ ކުރުމުން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ މައްސަލާގައި ސިޓީ ކައުންސިލުން ކޯޓުގައި ޖަވާބުދާރީވެފައި ނުވާ ކަމަށާއި އެހެންވެ، ސަރުކާރުން ހުށަހެޅި ކަންކަމަށް ބަލާއިރު އެ ބިމަކީ ސަރުކާރުގެ ބިމެއް ކަން ސާބިތުވާ ކަމަށެވެ.

އެހެންކަމުން އެ ބިމުގައި ސިޓީ ކައުންސިލުން ކުރާ ހުރިހާ ކަމެއް ހުއްޓާލުމަށްފަހު މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ބިން ހައުސިން މިނިސްޓްރީއާ ހަވާލުކުރަން ސިޓީ ކައުންސިލްގެ މައްޗަށް އަންގާ ކަމަށް އެ ކައުންސިލްގެ ޣައިރު ހާޒިރުގައި ކުރި ހުކުމުގައިވެ އެވެ.

އިންޑަސްޓްރިއަލް ޒޯންގެ ބޮޑު ބައެއް މިހާރު ބޭނުން ކުރަނީ ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކް ކުރުމަށެވެ.