05 ޖުލައި 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން 2-0 އިން ތ. ތިމަރަފުށި ބަލިކޮށް ލީގުގެ ފުރަތަމަ މޮޅާ އެކު ކްލަބް ގްރީން ސްޓްރީޓްސް ހަމަޖެހުމެއް ހޯދައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން 2-0 އިން ތ. ތިމަރަފުށި ބަލިކޮށް ލީގުގެ ފުރަތަމަ މޮޅާ އެކު ކްލަބް ގްރީން ސްޓްރީޓްސް ހަމަޖެހުމެއް ހޯދައިފި އެވެ.
ލީގުގައި ގްރީން ސްޓްރީޓްސް ކުޅުނު ފުރަތަމަ މެޗުން ވަނީ ށ. ފޯކައިދުއާ 1-1 އިން އެއްވަރުވެފަ އެވެ. އެހެން ކަމުން މިރޭގެ މެޗުން މޮޅެއް ހޯދުމަށް އެ ޓީމަށް އޮތީ ވަރަށް މުހިއްމުވެފަ އެވެ. މިރޭގެ ތިން ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް ލީގުގެ ހަތަރު ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ.
ކުޅުނު ފުރަތަމަ މެޗުން ތިމަރަފުށި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް އަތުން 10-0 އިން ބަލިވެފަ އެވެ. މިރޭގެ މެޗުން ވެސް ބަލިވުމާ އެކު އެ ޓީމަށް ވަނީ އިތުރު އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.
މެޗު ފަށައިގެން ފުރަތަމަ މިނިޓް ތެރޭ ގްރީން ސްޓްރީޓްސްގެ އަހުމަދު ރިލްވާން (ރިލޭ) ނަގައިދިން ހުރަހަކުން އެ ޓީމުގެ ކޮލަމްބިއާ ފޯވާޑް ހޯސޭ އަވީލާ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ފަހުން ގްރީން ސްޓްރީޓްސްގެ ޔޫކްރޭން ފޯވާޑް ރޮލާންޑް ރަސެލް ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ.
އޭގެ ފަހުން ތިމަރަފުށީގެ ކެޕްޓަން އަމީން ސާހް ހުސްކޮށްލާފައި އޭރިއާ ތެރެއިން އެ ޓީމުގެ ބިދޭސީ ކުޅުންތެރިއާ ކޮއާސީ އަށް ދިން ބޯޅަ އޭނާ އަށް ރަނގަޅަށް ކޮންޓްރޯލް ކުރެވޭގޮތް ނުވުމުން ބޭނުމެއް ނުހިފުނެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި ހާފުގެ 41 ވަނަ މިނިޓްގައި އޭރިއާ ބޭރުން ތިމަރަފުށީގެ އިބްރާހިމް ސިނާހް ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު އުޒްބެކިސްތާންގެ ސާގޭ ސްމޮރޮޑިން ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ނަގައިދިން ބޯޅަ އެ ޓީމުގެ ރަސެލް އަށް ލިބުމުގެ ކުރިން ތިމަރަފުށީ ކުޅުންތެރިން ވަނީ ހުއްޓުވައިފަ އެވެ.
ގްރީން ސްޓްރީޓްސް އިން ވަނީ ދެ ވަނަ ހާފުގެ ފުރަތަމަ މިނިޓްގައި ވެސް ލަނޑު ޖަހާނެ ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. އަވީލާ ނަގައިދިން ހުރަހަށް ރިލޭ އެރި ނަމަވެސް ބޯޅަ އޭނާ ބޮލުގައި ލައްވާލާ ގޮތެއްނުވި އެވެ.
މެޗުގެ 52 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދޭން އަޑުބަރޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަސް މިނިޓް ފަހުން ގްރީން ސްޓްރީޓްސް އިން ވަނީ އިބްރާހިމް ރިޒުހާން (ރިޒްކޯ) ކުޅެން އަރުވައިފަ އެވެ.
ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދިނީ މެޗުގެ 64 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ރަސެލް އެވެ. މިއީ އަޑުބަރޭ ޖެހި ބޯޅައެއް ތިމަރަފުށީގެ ޑިފެންޑަރު އިސްމާއިލް ސިއާދު އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ. އެކަމަކު ތިމަރަފުށީ ކުޅުންތެރިން ވަނީ އަތުގައި ނުޖެހޭ ކަމަށް ބުނެ އެޕީލްކޮށްފަ އެވެ.
އޭގެ ތިން މިނިޓް ފަހުން ގްރީން ސްޓްރީޓްސްގެ ދެ ވަނަ ލަނޑު ޖެހީ ސަމްދޫހު މުހައްމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ސަމްދޫހު ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.
މެޗުގެ 71 ވަނަ މިނިޓްގައި ތިމަރަފުށީގެ ސިނާހު ނަގައިިދިން ބޯޅަ އެ ޓީމުގެ ކޮއާސީ ބޮލުން ޖެހިއިރު ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ކޮއާސީ ފޮނުވާލި ބޯޅައެއް ކީޕަރު ސާގޭ ވަނީ މަތަކޮށްފަ އެވެ.
މިރޭގެ މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ވަނީ މި ފަހަރު ލީގުގައި މެޗުތައް ކުރިއަށްދާ ގޮތަށް ފާޑުކިޔައިފަ އެވެ.
"ދިވެހި ޕްރިމިއާ ލީގު މިހެންދާތީ ވަރަށް އުފާވޭ އަސްލު. ކޮންމެ މެޗެއްގައި ކީޕަރު ވެއްޓޭތަން ވީޑިއޯ ކޮށްލާ ފޮޓޯ ނަގާލަން އެބަ ލިބޭ ދިހަ ފަހަރު. ދެން ސްޓްރެޗަރު އަރުވާތަން ނަގަން ވިއްސަކަށް ފަހަރު. މިކަން އިންތިޒާމްކޮށް ކުރިއަށްގެންދާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ސުޒޭން ބުންޏެވެ.
ތިމަރަފުށީ ޓީމުގެ މެނޭޖަރު އިބްރާހިމް ސަނާހު ބުނީ މެޗުގެ އޮއިވަރު ބަދަލުވެގެންދިޔައީ ލިބެން ނުޖެހޭ ޕެނަލްޓިއެއް ދިނުމުން ކަމަށާއި އެ ވަގުތުކޮޅު ތެރޭ ދެ ގޯލު ވަނުމުގެ ސަބަބުން މެޗުން ޓާގެޓް ކުރި ޕޮއިންޓް ވެސް ނުލިބުނީ ކަމަށެވެ. އަދި މެޗުގެ ރެފްރީގެ ނިންމުންތަކަށް ބަލާއިރު އެހެން މެޗެކޭ އެއްގޮތަށް ފެނުނީ މިނިވަން ޗެމްޕިއަންޝިޕްގެ ޓީމުތަކަށް ކާޑު ދައްކާ މަންޒަރު ކަމަށާއި މާލޭ ލީގުގެ ޓީމުތަކަށް ކާޑު ދައްކަން ޖެހިލުންވާ މަންޒަރު ކަމަށެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބް ނުކުންނާނީ ށ. ފޯކައިދުއާ ދެކޮޅަށެވެ.
ދަަގަނޑޭގެ ގޯލުން މޮޅުވެ ޓީސީ އަށް ބޮޑު ލީޑެއް
މާޒިޔާ އިން ފަހަތުން އަރައި ގްރީން ބަލިކޮށްފި
ތިމަރަފުށި އަތުން ވިކްޓަރީ އަށް ހަނި މޮޅެއް
ހަތް ގޯލުން މޮޅުވެ ޓީސީ ލީޑުފުޅާކޮށްފި
ވިކްޓަރީ ބަލިކޮށް ގްރީން ސްޓްރީޓްސް ހަމަޖެހިލައިފި
ލަބާންގެ މޮޅު ކުޅުމުން ގްރީން އިން ޓީސީ ބަލިކޮށްފި
ތިމަރަފުށި އަތުން މާޒިޔާ އަށް އުނދަގޫ މޮޅެއް
ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ ހަތަރު ވަނަ އަށް
ތިމަރަފުށި ކޮޅަށް ނުވަ ގޯލު ޖަހައި އީގަލްސް ތިނަކަށް
ތިމަރަފުށި ބަލިކޮށް ނިލަންދޫ ފުރަތަމަ މޮޅު ހޯދައިފި