Roadha Mihaaru
ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ ހަތަރު ވަނަ އަށް

ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ ހަތަރު ވަނަ އަށް

03 އޮކްޓޯބަރ 2018

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ނާއިޒު ހަސަން (ދާދު)ގެ ހެޓްރިކާ އެކު މާޒިޔާ އިން 4-1 އިން ގްރީން ސްޓްރީޓްސް ބަލިކޮށް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ނާއިޒު ހަސަން (ދާދު)ގެ ހެޓްރިކާ އެކު މާޒިޔާ އިން 4-1 އިން ގްރީން ސްޓްރީޓްސް ބަލިކޮށް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

މާޒިޔާ ހަތަރު ވަނަ އަށް ޖެހިލީ ލީގުގެ ފަސް ވަނައިގައި އޮތް ގްރީން ސްޓްރީޓްސްއާ އެއްވަރަށް ހަ މެޗުން 10 ޕޮއިންޓް ހަމަކޮށްގެންނެވެ. މާޒިޔާ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.

މި ދެ ޓީމު މާލޭ ލީގުގައި ކުޅުނު ދެ މެޗު ނިމުނީ ވެސް 2-2 އިން އެއްވަރުވެގެންނެވެ. މި މެޗަށް މާޒިޔާ ނުކުތްއިރު އެ ޓީމުގެ ގޯލަށް ވަނީ ބަދަލެއް ގެނެސްފަ އެވެ. ވިކްޓަރީ އަތުން މޮޅުވި މެޗުގައި ކުޅުނު ގޯލްކީޕަރު އިޔާން އަބްދުލް އަލީމްގެ ބަދަލުގައި މި މެޗުގައި އެ ޓީމު ގޯލު ބެލެހެއްޓީ ގައުމީ ޓީމުގެ ކީޕަރު ހުސެއިން ޝަރީފް އެވެ.

މި މެޗުގައި ލަނޑު ޖަހަން ފުރަތަމަ ފުރުސަތު ލިބުނީ ގްރީން ސްޓްރީޓްސްގެ ޔޫކްރޭނުގެ ފޯވާޑް ރޮލާންޑް ރަސެލް އަށެވެ. އޭނާ އަށް އެ ފުރުސަތުގެ ބޭނުން ނުހިފުނެވެ.

މާޒިޔާ އިން މެޗުގެ 14 ވަނަ މިނިޓްގައި ލީޑުނަގައިދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ދާދު އެވެ. އޭރިއާ ބޭރު ރޮނގުކައިރިން ދާދު އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގްރީން ސްޓްރީޓްސްގެ ގޯލުގައި ހުރި ލަބާން ޝަރީފް އަތުގައި ޖެހިފަ އެވެ.

މެޗުގެ 26 ވަނަ މިނިޓްގައި މާޒިޔާގެ ޔަސްފާދު ހަބީބު (މުލަކޭ) ހިލޭ ޖެހުމަކުން ނަގައިދިން ބޯޅަ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބޮލުން ޖެހިއިރު، ދިޔައީ އަރިމަތިން ބޭރުންނެވެ.

ގްރީން ސްޓްރީޓްސް އަށް ނަތީޖާ ހަމަހަމަކޮށްދޭން މެޗުގެ 33 ވަނަ މިނިޓްގައި މުހައްމަދު ސާއިފް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ލިބުނު ކޯނަރަކުން މާޒިޔާ ކުޅުންތެރިއަކު ގައިގައި ޖެހިފައި ލިބުނީ ސާއިފް އަށެވެ. އޭނާ ފޮނުވާލި ބޯޅަ ކީޕަރު ހުސެން ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން މުލަކޭ އާއި ދާދު ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.

ދެ ވަނަ ހާފް ފަށައިގެން މެޗުގެ 52 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ކޮލަމްބިއާ ފޯވާޑް ހޯސޭ އަވީލާ ކީޕަރު ހުސެއިން ކައިރިން ނައްޓާފައި ގޯލަށް ޖެހި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ މާޒިޔާގެ ޑިފެންޑަރު މޫސާ ޔާމީން (ޔާމްބެ) އެވެ. އެ ބޯޅަ ބޭރުވެ ލިބުނު ކޯނަރަކުން އަވީލާ ނަގައިިދިން ބޯޅަ ތަޖުރިބާކާރު މިޑްފީލްޑަރު ޝައްފާޒް މުހައްމަދު (ސައްޕޭ) ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

އޭގެ ތިން މިނިޓް ފަހުން ގްރީން ސްޓްރީޓްސް އޭރިއާ ތެރެއިން އެ ޓީމުގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އަތުގައި ބޯޅަ ޖެހުމުން މާޒިޔާ ބެންޗުން އެއީ ޕެނަލްޓީއެއް ކަމަށް އެޕީލްކުރި އެވެ. އެ ވަގުތު މާޒިޔާގެ ބެންޗުގައި ހުރި އިސްމާއިލް އީސާ (މެސީ) ބުނި އެއްޗެއްގެ ސަބަބުން މެޗުގެ ރެފްރީ މުހައްމަދު ޖާވިޒް ވަނީ އީސަ އަށް ރަތް ކާޑު ދައްކައިފަ އެވެ.

ގްރީން ސްޓްރީޓްސްގެ އާދިލް (ކ) ކައިރިން މާޒިޔާގެ މުލަކޭ ބޯޅަ ހޯދަން މަސައްކަތްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން ސްޓްރީޓްސްގެ އާދިލް (ކ) ކައިރިން މާޒިޔާގެ މުލަކޭ ބޯޅަ ހޯދަން މަސައްކަތްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާ އިން އަލުން ލީޑުނެގީ މެޗުގެ 68 ވަނަ މިނިޓްގައި ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ކާމިޔާބުކުރި ޕެނަލްޓީންނެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެެރެއިން އަސަދުﷲ އަށް ގްރީން ސްޓްރީޓްސްގެ ސަމްދޫހު މުހައްމަދު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މެޗުގެ 80 ވަނަ މިނިޓްގައި އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން ދާދު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ މިނިޓެއް ފަހުން ދާދު ވަނީ މާޒިޔާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ކޯނަރަކުން އޭރިއާ ތެރެއިން ލިބުނު ބޯޅަ ދާދު ވަނީ ފަސޭހަކަމާ އެކު ގޯލަށް ފޮނުވާލައިފަ އެވެ.

ދާދު ވަނީ މެޗުގެ 86 ވަނަ މިނިޓްގައި އިތުރު ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އޭރިއާ ތެރެއިން ގްރީން ސްޓްރީޓްސް ކުޅުންތެރިން ކައިރިން ނައްޓާފައި ދާދު ވަނީ ހަނި އޭންގަލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ މާޒިޔާ އަށް ބަދަލުވި ފަހުން ދާދުގެ ފުރަތަމަ ހެޓްރިކް އެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ތަފާތަކަށްވީ ފަހު ވަގުތުކޮޅަށް ދިޔައިރު މާޒިޔާގެ ފިޓްނަސް ލެވަލް ރަނގަޅުވުން ކަމަށެވެ.

"މީގެ ދެން މާޒިޔާގެ ފިޓްނަސްއާ ހުރިހާ އެއްޗެއް ވެސް ގްރީން އަށް ވުރެން ރަނގަޅު ފަހު ވަގުތަށް ދިޔައިރު. ކޮންސަންޓްރޭޝަން ވެސް ރަނގަޅުވާނެ އެހެންވީމަ އެ ތަފާތު ފެނުނީ. މައިގަނޑު ގޮތެއްގައި އެއީ ފެނުނު ކަމަކީ. އިތުރަށް މި ބުރުގެ މެޗުކޮޅަކާއި އަނެއް ބުރު ވެސް އެބައޮތް. އެކަމަކު ގަދަ ހަތަރެއްގެ ތެރެއަށް ވަންނަން މަސައްކަތްތަކެއް ކުރަން ޖެހިއްޖެ،" ސުޒޭން ބުންޏެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ޖެހިޖެހިގެން ދެ މެޗުން މޮޅުވުމަކީ ކުރިއަށްދާން ބަލާއިރު އޮތް ހިތްހަމަ ޖެހުމެއް ކަމަށެވެ.

"މި މެޗުގެ ނަތީޖާއާ މެދު ވެސް ހިތްހަމަޖެހޭ ދެން ކުޅުންތެރިންގެ ޕާފޯމަންސާ އެހެން ކަންތައްތަކާ މެދު ވެސް ހިތްހަމަޖެހޭ. ހާއްސަ ގޮތެއްގައި އެންމެ ފަހު ވަގުތަށް ދިޔައިރު ކުޅުންތެރިން އެ ދެއްކި ހިތްވަރު ފާހަގަކުރަން. އެއީ ރަނގަޅު ކަންތައްތައް،" އިންމަ ބުންޏެވެ.

ލީގުގައި މިރޭ ކުޅެން ހަަމަޖެހިފައި އޮތް ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މެޗު ނުކުޅޭނެ އެވެ. އެއީ މުސާރަ އާއި އެކިއެކި ސަބަބުތަކާ ހުރެ ވިކްޓަރީގެ މިރޭގެ މެޗަށް ހާޒިރުނުވާނެތީ އެވެ. އެގޮތަށް ނިންމީ ވިކްޓަރީ ހިންގަން ތިބި އެކްޓިވް ބޯޑު މެމްބަރުންނެވެ.