ގާނޫނުލް އުގޫބާތުގައި މިހާރު ހުރި ބައެއް ކުށްތަކުގެ އަދަބުތައް ބޮޑުކުރުމާ އެކު، ގާނޫނުލް އުގޫބާތުގައި އާ ކުށްތަކެއް ހިމެނުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
04 ޖުލައި 2018
ގާނޫނުލް އުގޫބާތުގައި މިހާރު ހުރި ބައެއް ކުށްތަކުގެ އަދަބުތައް ބޮޑުކުރުމާ އެކު، ގާނޫނުލް އުގޫބާތުގައި އާ ކުށްތަކެއް ހިމެނުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އެ ބިލުގައި ގާނޫނުލް އުގޫބާތުގެ ދަށުން ކުށުގެ ދަރަޖަތަކަށް ކަނޑައެޅޭ އަދަބު ބޮޑު ކުރުމުގެ އިތުރުން އިތުރު ކުށްތަކެއް އެ ގާނޫނުގައި ހިމެނުމަށް ވެސް ހުށަހަޅާފައިވެ އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަައިފަ އެވެ.
މިހާރު ގާނޫނުލް އުގޫބާތު އޮންނަ ގޮތުން މަރުގެ އަދަބު ފިޔަވައި، އެންމެ މަތީ ދަރަޖައިގެ ކުށް ކަމަށްވާ ޖިނާޔަތުގެ އެއް ވަނަ ދަރަޖަ އަށް ދެވޭ އެންމެ ބޮޑު އަދަބަކީ 25 އަހަރަށް ޖަލަށްލުން ކަމަށް ވިޔަސް، އިސްލާހު ހުށަހަޅާފައިވަނީ އެ އަދަބު 25 އަހަރަށް ޖަލަށްލުން ނުވަތަ އުމުރަށް ޖަލަށްލުމަށް ބޮޑު ކުރުމަށެވެ. އަދި ގާނޫނުލް އުގޫބާތުގެ 1002 ވަނަ މާއްދާގައި ބަޔާންކުރާ އަދަބު ކަނޑައެޅުމުގެ ތާވަލު އިސްލާހުކޮށް، އަދަބުގެ މިންވަރު ބޮޑު ކުރަން ވެސް އިސްލާހުގައި ހުށަހަޅާފައިވެ އެވެ.
އެގޮތުން ޖުނަހްގެ އެއް ވަނަ ދަރަޖަ އަށް މިހާރު ކަނޑައެޅޭ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވިޔަސް، އެ އަދަބު އެއް އަހަރާއި ހަތަރު މަހަށް ބޮޑު ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ. ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށްތަކަށް މިހާރު ކަނޑައެޅޭ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމް ކަމަށްވިޔަސް، އެ އަދަބު ދެ އަހަރަށް ބޮޑުކުރަން އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެ އެވެ.
ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖަ އަށް މިހާރު އޮތް އަސާސީ އަދަބު ކަމަށްވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް، ހަތަރު އަހަރުގެ ޖަލު ހުކުމަށް ބޮޑު ކުރަން އެ ބިލުގައި ހިމަނާފައިވެ އެވެ. ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް ކަނޑައެޅޭ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ އަދަބު ވެސް ހަ އަހަރުގެ ޖަލު ހުކުމަށް ބޮޑުކުރަން ވެސް އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެ އެވެ. އަސާސީ އަދަބެއްގެ ގޮތުން ހަ އަހަރުގެ ޖަލު ހުކުމް ކަނޑައެޅޭ ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ އަދަބު ވެސް 10 އަހަރުގެ ޖަލު ހުކުމަށް ބޮޑު ކުރުމަށާއި ޖިނާޔަތުގެ އެއް ވަނަ ދަރަޖަ އަށް ދެވޭ އަސާސީ އަދަބު ވެސް 10 އަހަރުން 12 އަހަރަށް ބޮޑު ކުރަން ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން އާ ކުށްތަކެއް ގާނޫނުލް އުގޫބާތުގައި ހިމެނުމަށް ވެސް އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެ އެވެ. ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކުށުގެ އަމަލުތައް ބަޔާންކުރާ ބާބެއް އެ ގާނޫނަށް އިތުރު ކުރުމަށް ވެސް އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެ އެވެ.
އެގޮތުން ދައުލަތަށް ޚިޔާނާތްތެރިވުމުގެ ކުށާއި ޖާސޫސް ކުރުމުގެ ކުށާއި ބަޣާވާތް ކުރުމުގެ ކުށާއި ސަރުކާރު ވައްޓާލަން ރޭވުމުގެ ކުށާއި އަސްކަރިއްޔާއާ ދެކޮޅު ހަރަކާތްތައް ހިންގުމުގެ ކުށް އެ ގާނޫނުގައި ހިމަނައި، ބޮޑެތި އަދަބުތަކެއް ދެވޭ ގޮތަށް އެ ބިލުގައި ހިމަނާފައިވެ އެވެ. އަދި ދައުލަތަށް ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވާ މީހަކަށް ދައުލަތުގެ މަގާމެއް ދުވަހަކު ވެސް އަދާ ނުކުރެވޭ ގޮތް ހެދުމަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.
އިސްލާމް ދީނާ ދެކޮޅު އަމަލުތައް ބަޔާންކުރާ ބާބު ވެސް އިސްލާހުކޮށް، އިތުރު އަމަލުތަކެއް ކުށުގެ ގޮތުގައި ކަނޑައެޅުމަށް އެ ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި މިސްކިތް ނޫން ތަންތަނުގައި އާދަވެގެން ޖަމާއަތް ނަމާދު ކުރުމާއި ހުކުރު ކުރުމުގެ ހުއްދަ ސަރުކާރުން ދީފައި ނުވާ މިސްކިތެއްގައި ހުކުރު ނަމާދު ކުރުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެ އެވެ. އަދި ސިހުރު ހެދުމާއި ޖުވާ ކުޅުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ވެސް ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށްތަކެއް ވެސް ގާނޫނުލް އުގޫބާތުގައި ހިމެނުމަށް ވެސް އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެ އެވެ. އެގޮތުން ކޯޓުން ވަކި ކަމެއް ކުރަނީ ރަނގަޅު މަގްސަދެއްގައި ނޫން ކަމަށް ބުނެ ނުވަތަ ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމަށް އެއްޗެއް ޝާއިއު ކުރުން ނުވަތަ އެއްވެސް އަމަލެއް ހިންގުމުން އެއީ ކުށެއްގެ ގޮތުގައި ހިމެނުމަށް ބިލުގައި ހިމަނާފައިވެ އެވެ. އަދި އެފަދަ އަމަލެއްގެ ސަބަބުން މައްސަލައިގެ ހުކުމަށް އަސަރެއް ކުރުމުގެ އިހްތިިމާލު ބޮޑުވެއްޖެ ނަމަ އެއީ ވެސް ކުށެއްގެ ގޮތުގައި ހިމެނުމަށް އެ ބިލުގައި ހިމަނާފައިވެ އެވެ.
އުފަންވާ ކުޑަކުދިން ވަގަށް ނެގުމާއި ފޮރުވުމަކީ ވެސް ކުށެއްގެ ގޮތުގައިި ކަނޑައަޅައި، ބޮޑު އަދަބު ލިބޭ ގޮތަށް އެ ބިލުގައި ހިމަނާފައިވާ އިރު، ގާނޫނާ ޚިލާފަށް ކައިވެނި ކުރުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ހިމަނާފައިވެ އެވެ. އަދި ޕޯސްޓް ފަދަ ޚިދުމަތް ދޭ ތަނެއްގެ މުވައްޒަފެއްގެ ގޮތުގައި ހުރެ، އެތަނާ ހަވާލުވެފައިވާ އެއްޗެއް ކެނޑުން ނުވަތަ ފޮރުވުމަކީ ކުށެއްގެ ގޮތުގައި ގާނޫނުލް އުގޫބާތުގައި ކަނޑައެޅުމަށް ވެސް އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން ގާނޫނުލް އުގޫބާތުގައި ހިމެނޭ ޚާއްސަ ގާނޫނުތަކުގެ ލިސްޓަށް ޓެރަރިޒަމްގެ ގާނޫނާއި އިންތިޚާބީ ކުށްތައް ބަޔާންކުރާ ގާނޫނުތައް ވެސް އިތުރު ކުރަން ހުށަހަޅާފައިވެ އެވެ.
ސައިބާ ކްރައިމް ކުށަކަށް ހެދުމުގެ ބިލް ފާސްކޮށްފި
ކުށުގެ ގާނޫނުތައް ގާނޫނުލްއުގޫބާތުގެ ތެރެއަށް ފެއްތުން
ޕީނަލް ކޯޑަށް ގެންނަ އިސްލާހު: ރަނގަޅު ބަދަލެއްތަ؟
ނާންގައި، މައްޔިތުން ވަޅުލުން ކުށަކަށް ހަދަނީ
ނަސްލީ ތަފާތު ކުރުން ޖިނާއީ ކުށަކަށް ހަދަނީ
ގޭންގް ކުށްތައް ހުއްޓުވުމުގެ ބިލް ކޮމިޓީއަށް
ގޭންގްތައް ކަނޑައެޅުން ކޮމިޓީއަށް ދޭ މާއްދާ އުނިކޮށްފި
މުއްސަނދިވި ގޮތް ސާބިތުކުރުން ތުހުމަތުވާ މީހާއަށް
އެކައުންޓްތަކުގައި އަތްލުމުގެ ބާރު ފުލުހުންނަށް ދޭންވީ؟
ސްކޭމްތަކުގައި އެކައުންޓް ހިފަހައްޓަން ޕޮލިހަށް ބާރުދެނީ