Roadha Mihaaru
"ދަފުތަރު ހުޅުވާލުމުން ވޯޓުލުމުުގެ ފުރުސަތު ގެއްލިދާނެ"

ދަފުތަރު ހުޅުވައިލުމުން ގިނަ ބަޔަކަށް ވޯޓު ނުލެވިދާނެ: ޝަމާއު

02 ޖުލައި 2018

ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައި އޮއްވާ، މާލޭގެ ދަފުތަރުގައި ރަޖިސްޓްރީވާން ހުޅުވާލުމުން، އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓަށް ބަދަލުތަކެއް އައިސް، ވޯޓުލުމުގެ ފުރުސަތު ގިނަ ބަޔަކަށް ގެއްލިދާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައި އޮއްވާ، މާލޭގެ ދަފުތަރުގައި ރަޖިސްޓްރީވާން ހުޅުވާލުމުން، އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓަށް ބަދަލުތަކެއް އައިސް، ވޯޓުލުމުގެ ފުރުސަތު ގިނަ ބަޔަކަށް ގެއްލިދާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުން ދަފްތަރުގައި ރަޖިސްޓްރީވުމަށް އަލުން ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކުރަމުން އައި އެ މަސައްކަތް، ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މިއަދު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމާއު ވިދާޅުވީ މާލޭގެ ރައްޔިތުން ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު 1987 ހުޅުވާލާފައި އޮތް އިރު، ރަށްރަށުގެ މީހުން ދަފުތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު 1994 އިން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އަދި މިހާތަނަށް އައި އިރު، އެ ފުރުސަތު ބަންދު ނުވާ ކަމަށާއި އެހެންވެ، އިންތިހާބުގެ މި ދުވަސްވަރު، އަލުން ރަޖިސްޓްރީ ހުޅުވައިލާ ވާހަކަ ވިދާޅުވުމަކީ ވަރަށް ބޮޑު އޮޅުވައިލެއްވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު މީގެ އެތައް އަހަރެއް ކުރިއްސުރެ އޮންނަ ދަފުތަރެއް، އަލުން ހުޅުވައިލާ ކަމަށް މިނިސްޓަރު ވިދާޅުވުމުން ބޮޑަށް ގަބޫލު ކުރެވެނީ އޭގެ އާ ލިސްޓެއް އެކުލަވާލުން ކަމުގައި ޝަމާއު ވިދާޅުވި އެވެ.

މީގެ 31 އަހަރު ކުރިއްސުރެ މާލޭގެ މީހުންނަށް ހުޅުވައިލާފައި އޮންނަ "ހާއްސަ ދަފުތަރު"ގައި މިހާތަނަށް 3،264 މީހުން ރަޖިސްޓްރީ ވެފައިވާއިރު ރަށްރަށުގެ މީހުން މާލެ އަށް ބަދަލުވުމަށް 12،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ވެފައިވެ އެވެ.

ޝަމާއު ވިދާޅުވީ ދަފުތަރުގެ އާ ލިސްޓެއް ހަދާނަމަ، އެ 15،000 މީހުންގެ ވެސް ދަފުތަރު ނަމްބަރު ބަދަލުވާނެ ކަމަށާއި އޭރުން ވޯޓުލާ މީހުންގެ ލިސްޓުގައި އެ މީހުންގެ ނަން ނޯންނާނެ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ، އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓު އިސްލާހުކޮށް އިއްޔެ އާއްމު ކޮށްފައިވާ އިރު، އެ ބަދަލު ލިސްޓުގައި ނޯންނާނެތީ އެވެ.

"ދަފުތަރުގައި ޖެހުމުން އެ މީހެއްގެ ދާއިމީ އެޑްރެހުގެ ގޮތުގައި މި އޮންނަނީ ނަމްބަރެއް. ވޭތުވެ ދިޔަ އަހަރުތަކުގައި މަރުވެފައިވާ މީހުންގެ ނަން އުނިކޮށް، އާ ލިސްޓެއް ހަދައިފި ނަމަ އެ ހުރިހާ މީހުންގެ (ދަފުތަރު) ނަމްބަރުތަކަށް ވެސް ބަދަލު އަންނާނެ. އޭރުން އައިޑީކާޑުގައި އޮތް ދާއިމީ އެޑްރެސް ވެސް އޮންނާނީ ބަދަލުވެފައި. އެކަމަކު ވޯޓާސް ލިސްޓު އިސްލާހުކޮށް ނެރެފައިވާތީ، މި އާ އެޑްރެހެއް ލިސްޓުގައެއް ނޯންނާނެ. އަދި ވޯޓުލާން ދާއިރު އެ މީހުންގެ މައުލޫމާތު ސައްހައެއް ނުވާނެ،" ޝަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލިސްޓުގައި އަލަށް ރަޖިސްޓްރީވާ މީހުންނަށް ވެސް، މި ސަބަބާ ހެދި ވޯޓުލުމުގެ ފުރުސަތު ގެއްލިދާނެތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި ވޯޓާސް ލިސްޓު އިއްޔެ އާއްމު ކޮށްފައިވަނިކޮށް، އަލުން އެ ފުރުސަތު ހުޅުވާލުމަކީ ލިސްޓު ގަޑުބަޑު ކުރަން ހުޅުވޭ ދޮރެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވީ މިނިސްޓަރު އިއްޔެ ކުރެއްވި އިއުލާނާ ގުޅިގެން، މިހާރު ވެސް ދަފުތަރުގައި ޖެހިފައި ތިބި ގިނަ ބަޔަކު ކައުންސިލަށް ގުޅައި، އަލުން ދަފުތަރުގައި ރަޖިސްޓްރީ ވާން ޖެހޭނެތޯ ސުވާލުކުރާ ކަމަށެވެ.

މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް ބޯހިޔާވަހިކަން ދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވައުދުވެ ވަޑައިގެންފައިވާއިރު، ހިޔާ މަޝްރޫއުގެ ދަށުން ވެސް، އެ މީހުންނަށް 1044 ފްލެޓް ދޭން ވަނީ ނިންމާފަ އެވެ.