Roadha Mihaaru
ކްރޮއޭޝިއާ 20 އަހަރަށް ފަހު ކުއާޓާ ފައިނަަލަށް

ކްރޮއޭޝިއާ 20 އަހަރަށް ފަހު ކުއާޓާ ފައިނަަލަށް

02 ޖުލައި 2018

ނިޒްނީ ނޮވޮގްރޮޑް، ރަޝިއާ (ޖުލައި 1) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޕެނަލްޓީ ޖަހައިގެން 3-2 އިން ޑެންމާކް ބަލިކޮށް 20 އަހަރަށް ފަހު ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ. ކުއާޓާ ފައިނަލުގައި އެ ޓީމު ކުޅޭނީ މިރޭ ސްޕެއިން ކަޓުވާލި ރަޝިއާއާ ދެކޮޅަށެވެ.

ނިޒްނީ ނޮވޮގްރޮޑް، ރަޝިއާ (ޖުލައި 1) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޕެނަލްޓީ ޖަހައިގެން 3-2 އިން ޑެންމާކް ބަލިކޮށް 20 އަހަރަށް ފަހު ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ. ކުއާޓާ ފައިނަލުގައި އެ ޓީމު ކުޅޭނީ މިރޭ ސްޕެއިން ކަޓުވާލި ރަޝިއާއާ ދެކޮޅަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު 30 މިނިޓްގެ ކުޅުމަށް ދިޔައިރު ދެ ޓީމު އޮތީ، ސްޕެއިން އާއި އަޝިޔާގެ މެޗެކޭ އެއްގޮތަށް، 1-1 އިން އެއްވަރުވެފަ އެވެ.

ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ކްރޮއޭޝިއާގެ ކީޕަރު ޑެނިއަލް ސުބަސިޗް ވަނީ ޑެންމާކުގެ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ މަތަކޮށްފަ އެވެ. އޭނާ އަކީ ޕޯޗުގަލްގެ ކުރީގެ ކީޕަރު ރިކާޑޯ އަށް ފަހު ވޯލްޑް ކަޕެއްގައި ތިން ޕެނަލްޓީ މަތަކުރި ފުރަތަމަ ކީޕަރެވެ.

ކްރޮއޭޝިއާގެ ދެ ޕެނެލްޓީއެއް ޑެންމާކުގެ ކީޕަރު ކެސްޕާ ޝްމައިކަލް މަތަކުރި އެވެ.

މިއީ 1998 ވަނަ އަހަރަށް ފަހު ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެ ފަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އިން ތިން ވަނަ ހޯދިއިރު މޮޅު ކުޅުމެއް ދެއްކި ފޯވާޑް ޑާވޯ ސުކާ މިރޭގެ މެޗުގައި އެ ޓީމަށް ސަޕޯޓްދޭން ދަނޑަށް ދިޔަ އެވެ.

މި މެޗުން ޑެންމާކް ބަލިވިއިރު މިއީ އޮކްޓޯބަރު 2016ގައި މޮންޓަނެގްރޯ އަތުން ބަލިވި މެޗަށް ފަހު އެ ޓީމަށް ނާކާމިޔާބުވި ފުރަތަމަ މެޗެވެ. އެ ޓީމުން ވަނީ މިރެއާ ހަމައަށް ބަލިނުވެ 18 މެޗު ހަމަކޮށްފަ އެވެ.

މިރޭގެ މެޗު ފަށައިގެން 58 ސިކުންތު ތެރޭގައި ޑެންމާކުން ލީޑު ނެގި އެވެ. އޭރިއާ ތެރެއަށް އެއްލި ދިގު އެއްލުމަކުން އޭރިއާ ތެރެއިން މަތައިސް ޔޯގެންސަން އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލިއިރު، ގޯލަށް ވަނީ ކްރޮއޭޝިއާގެ ކީޕަރު ސުބަސިޗް އަތުގައި ޖެހިފަ އެވެ. ޔޯގެންސަން ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލަކީ އެ ގައުމުގެ ވޯލްޑް ކަޕް ތާރީހުގައި ޖެހި އެންމެ އަވަސް ލަނޑެވެ.

ޑެންމާކަށް ލީޑު ހިފަހައްޓައިލެވުނީ ދެ މިނިޓް ވަންދެނެވެ. ޑެންމާކުގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި ކްރޮއޭޝިއާ އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ މާރިއޯ މަންޒުކިޗް އެވެ.

ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނުނު މި މެޗުގައި ޑެންމާކަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދޭން އެ ޓީމުގެ ކުރިއަށް ކުޅޭ މާޓިން ބްރާތުވެއިޓް ޖެހި ބޯޅަ ކީޕަރު ސުބަސިޗް މަތަކުރި އެވެ.

ފުރަތަމަ ހާފުގައި ކްރޮއޭޝިއާގެ އަންޓެ ރެބިޗާއި އިވާން ޕެރިސިޗް އަދި އިވާން ރަކިޓިޗް ވަނީ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެ ބޯޅަތައް ހުއްޓުވީ ޑެންމާކުގެ ކީޕަރު ޝްމައިކަލް އެވެ.

ޑެންމާކުގެ ހުނަރުވެރި މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން މެޗުގެ 40 ވަނަ މިނިޓްގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެ ވަނަ ހާފުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ލަސް ކުޅުމެކެވެ. ދެ ޓީމުން ވެސް އަވަސް އަރުވާލައިގެން ނުކުޅެ މަސައްކަތްކުރީ ލިބޭ ފުރުސަތުތަކުގައި ކުރިއަށް ޖެހި އެޓޭކް ކުރުމަށެެވެ. މި ހާފުގައި ކްރޮއޭޝިއާގެ މިޑްފީލްޑަރުން މެޗުގެ ކޮންޓްރޯލް ނެގިޔަ ނުދޭން ޑެންމާކުން ރަނގަޅު ކުޅުމެއް ދެއްކި އެވެ.

މެޗުގެ 71 ވަނަ މިނިޓްގައި ކްރޮއޭޝިއާ އޭރިއާ ތެރެއިން ޔުރާރީ ޕޫލްސަން ތަނަވަސްކޮށްދިން ފުރުސަތަކުން ނިކޮލައި ޔޯގެންސަން ޖެހި ބޯޅަ އަމާޒުވީ ކީޕަރު ސުބަސިޗް އަތަށެވެ.

މިރޭގެ މެޗުގައި މޮޑްރިޗް ފޮނުވާލި ޕެނަލްޓީ ކެސްޕާ ޝްމައިކަލް މަތަކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗުގައި މޮޑްރިޗް ފޮނުވާލި ޕެނަލްޓީ ކެސްޕާ ޝްމައިކަލް މަތަކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް ހިފަަހައްޓަން ޑެންމާކުގެ ތޯމަސް ޑެލަނީ ފިޒިކަލް ގޭމެެއް ކުޅުނު މި މެޗުގައި މޮޑްރިޗަށް އޭނާގެ މޮޅު ކުޅުން ދައްކަން އުނދަގޫވި އެވެ.

މެޗުގެ ފަހު ކޮޅުގައި ދެ ޓީމުގެ ފަރާތުން ވެސް ގިނަ ޝޮޓްތަކެއް ފެނުނެވެ. އެންމެ ނުރައްކާތެރި އެއް ހަމަލާ މެޗުގެ އިތުރު ވަގުތުގައި ރަކިޓިޗް ފޮނުވާލިއިރު، ދިޔައީ ދަނޑި ކައިރިން ބޭރުންނެވެ.

އިތުރު ވަގުތުގައި ކްރޮއޭޝިއާ އަށް މެޗުން މޮޅުވާން ލިބުނު ޕެނަލްޓީ މޮޑްރިޗް ފޮނުވާލުމުން ޑެންމާކްގެ ކީޕަރު ޝްމައިކަލް މަތަކުރި އެވެ. މި ޕެނަލްޓީ މަތަކުރުމުން ވީއައިޕީ އޭރިއާގައި ހުރެ އޭނާގެ ބައްޕަ އަދި ޑެންމާކުގެ ކުރީގެ ގޯލްކީޕަރު ޕީޓަ ޝްމައިކަލް ވަރަށް ބޮޑަށް އުުުފާފާޅުކުރި އެވެ.

މެޗުގެ ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ޑެންމާކުގެ ކްރިސްޓިއަން އެރިކްސެން، ލާޝް ޝާނާ އަދި ޖޯގެންސަން ފޮނުވާލި ޕެނަލްޓީތައް ކްރޮއޭޝިއާގެ ކީޕަރު ޑެނިއަލް ސުބަސިޗް ވަނީ މަތަކޮށްފަ އެވެ. ޑެންމާކުން ޕެނަލްޓީ ކާމިޔާބުކުރީ ކެޕްޓަން ސިމޮން ކިއޭ އާއި ތަޖުރިބާކާރު ކުޅުންތެރިޔާ ކްރޮން ޑެލީ އެވެ.

ކްރޮއޭޝިއާ އިން ލޫކަ މޮޑްރިޗާއި އަންދްރޭ ކްރަމަރިޗާއި އިވާން ރަކިޓިޗްގެ ޕެނަލްޓީތައް ކާމިޔާބު ކުރިއިރު، ބަދަލު ކުޅުންތެރިންގެ ގޮތުގައި މި މެޗުގައި ކުޅެން ނުކުތް މިލާން ބަޑެލް އާއި ޖޯސެފް ޕިވާރިޗްގެ ޕެނަލްޓީތައް ޑެންމާކުގެ ކީޕަރު ޝްމައިކަލް މަތަކުރި އެވެ.

މި މެޗުން ބަލިވުމުން 1998 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރުމަށް ޑެންމާކުން ކުރި އުއްމީދު އަނެއްކާވެސް ފެނަންވީ އެވެ.