Roadha Mihaaru
އިނގިރޭސީންނަށް ދެވަނަ ބުރު އަދި ޔަގީނެއް ނުވޭ

އިނގިރޭސީންނަށް ދެވަނަ ބުރު އަދި ޔަގީނެއް ނުވޭ

21 ޖޫން 2024

ފްރޭންކްފާޓް (ޖޫން 20) - ޑެންމާކާ ދެކޮޅަށް އިންގްލެންޑް މިރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ދެވަނަ ބުރުގެ ޖާގައެއް ޔަގީން ކުރަން އިނގިރޭސީންނަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

ފްރޭންކްފާޓް (ޖޫން 20) - ޑެންމާކާ ދެކޮޅަށް އިންގްލެންޑް މިރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ދެވަނަ ބުރުގެ ޖާގައެއް ޔަގީން ކުރަން އިނގިރޭސީންނަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

މެޗުގެ 18 ވަނަ މިނިޓުގައި ޑެންމާކުގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ކައިލް ވޯކާ ތަނަވަސްކުރި ފުރުސަތަކުން ކެޕްޓަން ހެރީ ކޭން އިންގްލެންޑަށް ލީޑު ނަގައިދިނެވެ. ނަމަވެސް 34 ވަނަ މިނިޓުގައި ކޭންގެ މިސް ޕާހެއްގެ ފައިދާ ނަގައި މޯޓަން ޖުލްމަންޑް ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލައިގެން ނަތީޖާ އެއްވަރު ކޮށްފަ އެވެ.

ގިނަ ފާޑުކިޔުންތަކެއް އަމާޒު ވެފައިވާ އިނގިރޭސި ކޯޗު ގެރެތު ސައުތުގޭޓު، ފުރަތަމަ މެޗޭ އެއްގޮތަށް މެދުތެރެއަށް ކުޅުވަމުން އަންނަ ކަނާތުބެކް، ޓެރެންޓް އެލެކްޒެންޑާ އާނޯލްޑްގެ ބަދަލުގައި ދެވަނަ ހާފުގައި ކޮނޯ ގަލެގާ ކުޅެން ނެރުނެވެ.

ޑެންމާކުން އެއްވަރު ކުރި ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޑެންމާކުން އެއްވަރު ކުރި ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މީގެ އިތުރުން ގޯލެއް ޖެހޭތޯ އެންމެ ކުރިއަށް ކުޅުނު ތިން ކުޅުންތެރިން ވެސް ބަދަލުކުރި އެވެ. ކޭން އާއި ފިލް ފޮޑެން އަދި ބުކަޔޯ ސަކާގެ ބަދަލުގައި އެބެރޭޗީ އެޒީ އާއި އޮލީ. ވަޓްކިންސް އަދި ޖަރޯޑް ބޯވެން އެރުވި ނަމަވެސް ފައިދާއެއް ނުކުރި އެވެ.

އިންގްލެންޑް އަދި ޑެންމާކާ އެކު ގުރޫޕް ސީގައި ހިމެނޭ ސާބިއާ އާއި ސްލޮވީނިއާ މިރޭ ކުޅުނު މެޗު ވެސް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ޑިފެންޑަރު ޒާން ކާނިކްނިކް މެޗުގެ 69 ވަނަ މިނިޓުގައި ކާމިޔާބު ކުރި ގޯލުން ސްލޮވީނިއާ މޮޅުވާން ދަނިކޮށް، ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި ސާބިއާ އަށް އެއްވަރު ކޮށްދިން ގޯލު ޖެހީ ލޫކާ ޖޮވިޗް އެވެ.

ފަހު ވަގުތު ސާބިއާ އަށް އެއްވަރު ކޮށްދިން ގޯލު ޖެހުމަށް ފަހު ޖޮވިޗް އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފަހު ވަގުތު ސާބިއާ އަށް އެއްވަރު ކޮށްދިން ގޯލު ޖެހުމަށް ފަހު ޖޮވިޗް އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއާ އެކު އިންގްލެންޑް ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ޑެންމާކާއި ސްލޮވީނިއާ އަށް ވެސް ދެ ޕޮއިންޓް ލިބިފައި ވާއިރު، ސާބިއާ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ދެވަނަ ބުރަށް ހޮވޭނީ، މުބާރާތުގެ ހަ ގުރޫޕުން ވެސް އެންމެ ރަނގަޅު ދެ ޓީމާއި ތިންވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމެވެ.

މި ގުރޫޕްގެ ފަހު ދެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރެވެ. ކޮލޯން ސްޓޭޑިއަމްގައި އިންގްލެންޑާއި ސްލޮވީނިއާ ބައްދަލުކުރާއިރު، ޑެންމާކާއި ސާބިއާ ބައްދަލުކުރާނީ މިޔުނިކް ފުޓްބޯލް އެރީނާގަ އެވެ.