30 ޖޫން 2018
އެމްޑީޕީގެ ތިން ވަނަ "އާދަޔާ ޚިލާފު" ކޮންގްރެސް އއ. އުކުޅަހުގައި މިއަދު ފަށައިފި އެވެ.
އެމްޑީޕީގެ ތިން ވަނަ "އާދަޔާ ޚިލާފު" ކޮންގްރެސް އއ. އުކުޅަހުގައި މިއަދު ފަށައިފި އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކޮންގްރެސް ފެށީ މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުން އުކުޅަހަށް އައި 1500 އަށްވުރެ ގިނަ މީހުންނާ އެކުގަ އެވެ. ކޮންގްރެސްގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ކޮންގްރެސް ބޭއްވުމަށް ރަށުގެ ބަނދަރު ސަރަހައްދުގައި ވަނީ އެމްޑީޕީގެ ދިދަތަކާއި ރީނދޫ ކުލައިގެ ފޮތި ދަމައި ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. ކޮންގްރެސް އަށް ހާއްސަކޮށްގެން މި ރަށުގައި "ދަރުބާރު" ގެ ތައްޔާރުކޮށްފައި ވަނީ ވެސް ވަރަށް ފެންވަރު ރަނގަޅުކޮށެވެ. ކޮންގްރެސްގެ ބައިވެރިންނަށް ކެއިން ބުއިމުގެ ކަންކަމަށް ހާއްސަކޮށް ޓެންޓެއް ބަނދަރު ކައިރީގައި ވަނީ ހަދައިފަ އެވެ.
ކޮންގްރެސްގައި ބައިވެރިވުމަށް މިއަދު އުކުޅަހަށް އައި މީހަކަށް މަރުހަބާ ކިޔަނީ. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ކޮންގްރެސްގައި ބައިވެރިވުމަށް މަންދޫބުން މި ރަށަށް މިއަދު އައުމުން، ރަށުގެ ގިނަ ބަޔަކު ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އެއާއެކު، ރަށުގެ ހުރިހާ އެންމެންގެ ނަޒަރު ހުއްޓިފައި ހުރީ ކޮންގްރެސްގައި ނިންމާނެ ނިންމުމަކާ މެދުގަ އެވެ. ކޮންމެ މީހެއްގެ މޫނު މަތިން ފެންނަނީ ކޮންގްރެސްގެ ފޯރި އާއި ޖޯޝެވެ. ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި، މިއީ އުކުޅަހަށް އައި "ސިޔާސީ އީދެކެ"ވެ.
ކޮންގްރެސްގައި އެންމެ މުހިންމު ކަމަކަށް އޮންނާނީ އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނިކުންނާނެ ކެންޑިޑޭޓެއް ކަނޑައެޅުމެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖެއްސި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިނުލެއްވުމަށް ނިންމަވައިފަ އެވެ.
ނަޝީދު އިއްޔެ ވިދާޅުވި ގޮތުގައި އެގޮތަށް ނިންމެވީ މި އަހަރުގެ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދިނުމުގެ ގޮތުންނެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި، އެ މަގާމު އެމްޑީޕީން ދޭނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށެވެ.
ކޮންގްރެސްގައި ބައިވެރިވުމަށް އުކުޅަހަށް އައި މަންދޫބުން ހެނދުނުގެ ސައި ތައްޔާރުކޮށްފައި. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އޭގެއިތުރުން، މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ތައްޔާރުކޮށްފައިވާ މެނިފެސްޓޯ ލޯންޗުކޮށް، ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ކޮންގްރެސްގައި ގެންނާނެ އެވެ. ނަޝީދާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ކޮންގްރެސްގައި ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ފެށިއިރު، އެ ޕާޓީ ހިމެނޭ ގޮތަށް ހިމެނޭ އިދިކޮޅު ކޯލިޝަނުން ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް އަދި ޖުމްހޫރީ ޕާޓީގެ ރަނިންމޭޓެއް ނެރުމަށް އެއްބަސްވެފަ އެވެ. އެކަމަކު، އިދިކޮޅުން ނެރޭނެ ކެންޑިޑޭޓާއި ރަނިންމޭޓެއް އަދި ނުނިންމަ އެވެ.
ކޮންގްރެސްގައި ބައިވެރިވުމަށް އުކުޅަހަށް މިއަދު އައި މަންދޫބުން. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އާބާދީގައި ގާތްގަނޑަކަށް 1100 މީހުން ދިރިއުޅޭ އުކުޅަހުގެ ރައްޔިތުން ބުނި ގޮތުގައި މިއީ ރަށަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކާއި ފައިދާއެކެވެ. އެގޮތުން ރާއްޖެ އާއި ދުނިޔޭގައި ވެސް އުކުޅަސް މަޝްހޫރުވެ، ރަށުގައި ކުރަމުން އަންނަ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެމީހުން ދެކެ އެވެ.
"ރާއްޖޭގެ ހުރިހާ ކެމެރާތަކެއްގެ އަމާޒު ހުރީ އުކުޅަހަށް. އުކުޅަސް ވަރަށް ބޮޑަށް އިޝްތިހާރުވެގެން މިދިޔައީ. ރަށުގައި އެންމެ ގިނަ ބަޔަކު ކުރަމުން އަންނަނީ ގެސްޓްހައުސްގެ ވިޔަފާރި. ރަށުގެ މީހުންނަކީ އަމިއްލައަށް ފައިމައްޗަށް ތެދުވެގެން ނަފާ ހޯދަމުން އަންނަ ބައެއް. ހަގީގަތުގައި އެކަން މަގުފަހިކޮށް ދިނީ އެމްޑީޕީ. އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދު ކުރަން ޖެހުނު ސަބަބަކީ،" އުކުޅަހު އަހުމަދު ހަމީދު 35، ބުންޏެވެ.
ސިޔާސީ ހަރަކާތްތަކުން ދުރަކަށް ނުދަން: ނަޝީދު
އެމްޑީޕީގެ ކެންޑިޑޭޓު ކަނޑައެޅުން ގައުމީ މަޖިލީހަށް
އެމްޑީޕީ ކޮންގްރެސް: އުކުޅަހަށް ބޮޑު އީދެއް
ސެޕްޓެމްބަރު މަހު ނަޝީދު ރާއްޖޭގައި ހުންނަވާނެ:ހަސަން
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
ޕްރައިމަރީ މައްސަލަ:އިހްތިސާސްއާ މެދު ސުވާލުއުފައްދައިފި
ވޯޓު ފޮށި ފަޅާލައިގެން ހައްޔަރުކުރީ ޕީޕީއެމް މީހެއް!
ބަރުލަމާނީގެ އުންމީދު ކަފުން؛ ނަޝީދުގެ ކުރިމަގު ބަނަ!
އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާތަނެއް ނުފެނޭ: ރައީސް
"ވަގު"ގޮފިތަކެއް ކަމަށް ވިދާޅުވުމުން ނަޝީދު ހޫނުފެނަށް