Roadha Mihaaru
ބްރެޒިލާއި ސްވިޒަލެންޑް ދެ ވަނަ ބުރަށް

ބްރެޒިލާއި ސްވިޒަލެންޑް ދެ ވަނަ ބުރަށް

28 ޖޫން 2018

މޮސްކޯ (ޖޫން 27) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސާބިއާގެ މައްޗަށް 2-0 އިން ކުރި ހޯދައި ބްރެޒިލުން ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދިއިރު، މި ގްރޫޕްގައި ކުޅުނު އަނެއް މެޗުން ކޮސްޓަ ރިކާއާ 2-2 އިން އެއްވަރުކޮށް ސްވިޒަލެންޑު ވެސް ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މޮސްކޯ (ޖޫން 27) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސާބިއާގެ މައްޗަށް 2-0 އިން ކުރި ހޯދައި ބްރެޒިލުން ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދިއިރު، މި ގްރޫޕްގައި ކުޅުނު އަނެއް މެޗުން ކޮސްޓަ ރިކާއާ 2-2 އިން އެއްވަރުކޮށް ސްވިޒަލެންޑު ވެސް ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

އަންނަ ހޯމަ ދުވަހުގައި ކުޅޭ ދެ ވަނަ ބުރުގެ މެޗުގައި ބްރެޒިލް ކުޅޭނީ މެކްސިކޯއާ އެވެ. ދެ ވަނަ ބުރުގައި ސްވިޒަލެންޑް ބައްދަލުކުރާނީ ސްވިޑަންއާ އެވެ.

ބްރެޒިލުން ގްރޫޕްގެ އެއް ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ސްވިޒަލެންޑަށް ލިބުނީ ފަސް ޕޮއިންޓެވެ. ތިން ވަނަ އަށްދިޔަ ސާބިއާ އަށް ތިން ޕޮއިންޓް ލިބުނުއިރު، ކޮސްޓަ ރިކާ ނިންމާލީ އެއް ޕޮއިންޓާ އެކު އެވެ.

ބްރެޒިލް އެންމެ ފަހުން ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުން ކެޓީ 1966 ވަނަ އަހަރު އެވެ. އޭގެ ފަހުން ކުޅުނު ހުރިހާ މުބާރާތެއްގައި ވެސް އެ ޓީމުން ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސްފަ އެވެ. އަދި މިރޭ ސާބިއާ އަތުން މޮޅުވިއިރު، މިއީ ވޯލްޑް ކަޕުގައި ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް އެންމެ ފަހުން ކުޅުނު އަށް މެޗުން ލިބުނު ދެ ވަނަ މޮޅެވެ.

މެޗު ފަށައިގެން ބްރެޒިލަށް ހަަމަޖެހިނުލެވެނިސް އެ ޓީމުގެ ވާތު ބެކް މާސެލޯ އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. ބަދަލުގައި ކުޅެން އެރީ ފިިލިޕޭ ލުއިޒް އެވެ. ބްރެޒިލަށް ލީޑުގައިދޭން ފުރަތަމަ ހަމަލާ ފޮނުވާލީ ނޭމާ އެވެ. އޭރިއާ ތެރެއިން ނޭމާ ޖެހި ބޯޅަ ސާބިއާގެ ކީޕަރު ލަޑިމީރް ސްޓޮއިކޮވިޗް ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން ސާބިއާގެ އޮފްސައިޑް މަޅިން ސަލާމަތްވެ ގަބްރިއެލް ޖީސޫސް އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ސާބިއާގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. ބްރެޒިލަށް ލީޑުނަގައިދިނީ 36 ވަނަ މިނިޓްގައި ޕައުލީނިއޯ އެވެ. ފުރަތަމަ ދެ މެޗުގައި ބްރެޒިލަށް މޮޅު ކުޅުމެއް ދެއްކި ފިލިއްޕޭ ކުޓީނިއޯ ދިން ހިތްގައިމު ބޯޅަ ކީޕަރު ސްޓޮއިކޮވިޗަށް ލިބުމުގެ ކުރިން ޕައުލީނިއޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ކައުންޓަ އެޓޭކެއްގައި ކުޓީނިއޯ ދިން ބޯޅައަކުން ނޭމާ ފޮނުވާލި ހަމަލާ ކީޕަރު ސްޓޮއިކޮވިޗް ވަނީ މަތަކޮށްފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ސާބިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދޭން އަލެކްސަންޑަ މިޓްރޮވިޗަށް ލިބުނު ހުސް ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ހުއްޓުވީ ބްރެޒިލްގެ ތިއާގޯ ސިލްވާ އެވެ.

ސްވިޒަލެންޑުގެ ޖެމައިލީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ސްވިޒަލެންޑުގެ ޖެމައިލީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

މެޗުގެ 60 ވަނަ މިނިޓަށް ފަހު ސާބިއާ އިން މެދުތެރެއިން ކޮންޓްރޯލް ހޯދައި ބްރެޒިލަށް ބާރުބޮޑުކުރަން ފެށި އެވެ. ސާބިއާގެ ޑޫސާން ޓަޑިޗާއި ސާގޭ މިލިންކޮވިޗް ސަވިޗް ފޮނުވާލި ބޯޅަތަށް ގޯލާ ސީދާވާގޮތެއްނުވި އެވެ. ސާބިއާ ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 68 ވަނަ މިނިޓްގައި ނޭމާ ނަގައިދިން ކޯނަރަކުން ތިއާގޯ ސިލްވާ އެ ޓީމަށް ލީޑުފުޅާކޮށްދިނުމެވެ.

ދެ ވަނަ ލަނޑާ އެކު ބްރެޒިލަށް ވަނީ ހަމަޖެހުމެއް ލިބިފަ އެވެ. އަދި ފަހުން އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރި ނަަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. އެންމެ ގިނަ ފުރުސަތު ލިބުނީ ނޭމާ އަށެވެ.

ބަދަލުތަކާ އެކު ނުކުތް ސްވިޒަލެންޑަށް މިރޭގެ މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެ ޓީމަށް ލީޑުނަަގައިދިނީ މެޗުގެ 31 ވަަނަ މިނިޓްގައި ބްލެރިމް ޖެމައިލި އެވެ. އޭރިއާ ތެރެއިން ބްރީލް އެމްބޯލޯ ދިން ބޯޅަ ޖެމައިލީ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ދެ ވަނަ ހާފުގައި ކޮސްޓަ ރިކާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެންޑަލް ވެޓްސަން އެވެ.

މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ސްވިޒަލެންޑަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ޖޯސެފް ޑާމިޗް އެވެ. ކޮސްޓަ ރިކާ އިން ދެ ވަނަ ފަހަރަށް އެއްވަރުކުރީ އިތުރުވަގުތުގައި ޖެހި ގޯލުންނެވެ. މި ލަނޑަކީ ސްވިޒަލެންޑުގެ ގޯލްކީޕަރު ޔަން ސޮމާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ވީއޭއާރްގެ އެހީގައި ލިބުނު ޕެނަލްޓީ އަކުން ކޮސްޓަ ރިކާގެ ބްރަޔަން ރުއިޒް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފައި ސޮމާ ގައިގައި ވެސް ޖެހިފަ އެވެ.

މިރޭ ނަތީޖާއާ އެކު ސްވިޒަލެންޑުން ވަނީ އުތުރު އެމެރިކާ އަށް ނިސްބަތްވާ ޓީމުތަކާ ދެކޮޅަށް އެ ޓީމުގެ ރެކޯޑް ދަަމަހައްޓައިފަ އެވެ. އެ ބައްރުގެ ޓީމުތަކާ ދެކޮޅަށް އެންމެ ފަހުން ސްވިޒަލެންޑް ކުޅުނު ފަސް މެޗުން ވެސް ބަލިވެފައިނުވެ އެވެ. އަދި މިރޭގެ ނަތީޖާއާއެކު މިއީ ކޮސްޓަ ރިކާ އިން ވޯލްޑް ކަޕުގައި މޮޅެއް ނުލިބި ފުރިހަމަކުރި ފަސް ވަނަ މެޗެވެ.