Roadha Mihaaru
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަން 65 ދަރިވަރުން

ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަން 65 ދަރިވަރަކު ކުރިމަތިލައިފި

18 ޖޫން 2018

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާ ޑޮކްޓަރުކަމުގެ ކޯހަށް 60 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް، އެ ކޯސް ހިންގާ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާ ޑޮކްޓަރުކަމުގެ ކޯހަށް 60 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް، އެ ކޯސް ހިންގާ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިއަދު ބުނެފި އެވެ.

ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އާއިޝަތު ޝާހީން ވިދާޅުވީ ޑޮކްޓަރުކަން ކިޔަވަން އެދުމުގެ ފުރުސަތު މިދިޔަ ބުރަސްފަތި ދުވަހު ހަމަވިއިރު، 65 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށެވެ. އެ ދަރިވަރުންގެ ފޯމުތައް މިހާރު ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހީން ވިދާޅުވީ މުއްދަތު ހަމަވިޔަސް އެ ކޯހަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ. ކޯހުގެ ޖާގަ އަކީ 50 އެވެ.

"އުއްމީދުކުރި ވަރަށް ވުރެ ދަރިވަރުންގެ ފަރާތުން ލިބުނު ތަރުހީބު ރަނގަޅު. މިހާރު އަންނަނީ ދަރިވަރުންގެ ފޯމުތައް ބަލައި ޖާގަ ދެމުން،" ޝާހީން ވިދާޅުވި އެވެ.

އެ ކޯހުން ޖާގަ ދިނުމުގައި އިސްކަންދޭނީ، ކޯހަށް އެންމެ ފުރަތަމަ ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށެވެ. ކޯހުގެ ޝަރުތުތަކާއި އޮނިގަނޑު ވެސް ވެސް ތައްޔާރުކޮށްފައިވަނީ، ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ފެންވަރަށް ކަމަށް އެމްއެންޔޫ އިން ބުނެ އެވެ.

ޑޮކްޓަރުން ތަމްރީނުކުރާ ޕްރޮގްރާމަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި، އޭ ލެވެލްގައި ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް އަދި ހިސާބުން ފާސްވުމާ އެކު އޯ ލެވެލް އިމްތިހާނުގައި މަދުވެގެން ފަސް މާއްދާއިން ފާސްވުން ހިމެނެ އެވެ. އޭގެ ތެރޭގައި އިނގިރޭސި މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބެން ޖެހެ އެވެ.

ފަސް އަހަރުގެ މުއްދަތަށް ހިންގާ ކޯސް ފީ އަކީ މަހަކު ގާތްގަނޑަކަށް 1،000 ޑޮލަރު (ގާތްގަނޑަކަށް 15،000ރ.) އެވެ.

އެމްއެންޔޫ އިން ނިންމާފައިވަނީ ޑޮކްޓަރުން ތަމްރީނުކުރަން، ހުޅުމާލޭގައި މެޑިކަލް ކޮލެެޖެއް ހުޅުވާށެވެ. ނަމަވެސް އެ ކޮލެޖު ހުޅުވެންދެން ކޯސްތައް ހިންގަނީ އަލަށް ހަދާފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ. އެކަމަށް އެ ހޮސްޕިޓަލްގެ ދެ ފްލޯ ވަނީ ހާއްސަކޮށްފަ އެވެ.

މި ކޯހަށް އަމާޒުކޮށް ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން ވަނީ ލޯނުގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ.