Roadha Mihaaru
މެޑިކަލް ކޮލެޖުގައި އެޕްރީލް މަހު ކިޔަވައިދޭން ފަށަނީ

މެޑިކަލް ކޮލެޖުގައި އޭޕްރިލް މަހު ކިޔަވައިދޭން ފަށަނީ

24 ފެބުރުއަރީ 2019

ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކުރާ މެޑިކަލް ކޮލެޖުގައި އަންނަ އޭޕްރީލް މަހު ކިޔަވައިދޭން ފަށާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކުރާ މެޑިކަލް ކޮލެޖުގައި އަންނަ އޭޕްރީލް މަހު ކިޔަވައިދޭން ފަށާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިއަދު ބުނެފި އެވެ.

އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ އާއިޝަތު ޝާހީން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފްލޯގައި، މެޑިކަލް ކޮލެޖާ ގުޅުން ހުރި މަސައްކަތްތައް މިހާރު ނިންމާފައިވާ ކަމަށެވެ.

"މެޝިނަރީޒްތައް ބެހެއްޓުމުގެ ކަންކަން މިހާރު އެ ދަނީ. އެކަން ނިމި އެޕްރީލް މަހު ކިޔަވައިދޭން ފެށޭނެ،" ޝާހީން ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށި އެމްއެމްބީއެސް ކޯސް މި ވަގުތު ކުރިއަށް ގެންދަނީ އެމްއެންޔޫގަ އެވެ. އެކަމަކު ދަރުމަވަންތަ ހޮސްޕިޓަލްގެ އަށް ވަނަ އަދި 14 ވަނަ ބުރީގައި ހިންގާ މެޑިކަލް ކޮލެޖްގެ ހުރިހާ ކަމެއް ނިމުމުން، އެތަނަށް ކޯހުގެ ކިޔެވުން ބަދަލުކުރާނެ އެވެ.

މިހާރު ކުރިއަށް ދާ ކޯހުގައި 22 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. އެ ދަރިވަރުން ވަނީ މެލޭޝިޔާ ކެބެންސަން ޔުނިވަސިޓީގައި މަހެއް ވަންދެން ބައެއް މޮޑިއުލްތައް މިިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކިޔަވައިފަ އެވެ. މިހާރު އެ ދަރިވަރުން ކިޔަވަމުން އަންނަނީ އެމްއެންޔޫގަ އެވެ.

ފަސް އަހަރުގެ މުއްދަތަކަށް ހިންގާ އެ ކޯހުގެ ފީއަކީ އަހަރަކު 123،000ރ. އެވެ. އެއީ އަހަރެއްގެ މައްޗަށް 8،000 ޑޮލަރެވެ.

ސަރުކާރުން ދާދި ފަހުން އިއުލާންކުރި ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްގައި ވެސް ރާއްޖޭގައި ހިންގާ އެމްއެމްބީއެސް ކޯސް ހިމެނެ އެވެ.

ޑޮކްޓަރުކަން ކިޔެވުމުގެ ދެ ވަނަ ބެޗަށް އަންނަ އާދިއްތަ ދުވަހުގެ ކުރިން ފޯމު ހުށަހެޅޭނެ އެވެ.