Roadha Mihaaru
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަން ހުޅުވާލައިފި

ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަން ހުޅުވާލައިފި

12 އެޕްރީލް 2018

ޑޮކްޓަރުކަން ކިޔެވުމަށް ރާއްޖޭގައި އަލަށް ފަށާ ކޯހުގައި ބައިވެރިވާން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑޮކްޓަރުކަން ކިޔެވުމަށް ރާއްޖޭގައި އަލަށް ފަށާ ކޯހުގައި ބައިވެރިވާން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ހުޅުވާލައިފި އެވެ.

އެމްއެންޔޫ އިން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނުގައި ބުނީ އެމްބީބީއެސް ޕްރޮގްރާމުން 50 ދަރިވަރުންނަށް ޖާގަ ދޭން ނިންމާފައިވާ ކަމަށެެވެ. ނަމަވެސް ކޯހަށް އެދޭ ފޯމު ބަލައިގަންނަން ފަށާނީ މި މަހުގެ 22 ވަނަ ދުވަހެވެ. ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖޫން 14 ވަނަ ދުވަހެވެ.

ފަސް އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ އެމްބީބީއެސް ޕްރޮގްރާމަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި، އޭ ލެވެލްގައި ބަޔޮލޮޖީ، ކެމިސްޓްރީ، ޕިޒިކްސް އަދި ހިސާބުން ފާސްވުމާ އެކު އޯ ލެވެލް އިމްތިހާނުގައި މަދުވެގެން ފަސް މާއްދާއިން ފާސްވުން ހިމެނެ އެވެ. އޭގެ ތެރޭގައި އިނގިރޭސި މާއްދާއިން މަދުވެގެން ސީ ފާހެއް ލިބެން ޖެހޭނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އެމްއެންޔޫ އިން އެމްބީބީއެސް ކޯސް ހިންގާނީ އަލަށް ގާއިމްކުރާ މެޑިކަލް ކޮލެޖް ހުޅުވަންދެނެވެ. އެ ކޮލެޖު ގާއިމްކުރެވެންދެން ކޯސްތައް ހިންގަން ނިންމާފައިވަނީ އައިޖީއެމްއެޗާ ޖެހިގެން މިހާރު ހަދަމުން އަންނަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުން، އެ ތަނުގެ ބައެއްގަ އެވެ.

އަންނަ ޖުލައި މަހުގެ ތެރޭގައި އެމްބީބީއެސް ފެށުމަށް އެމްއެންޔޫ އިން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެތަނަށް ބޭނުންވާ ލެބޯޓްރީ އާއި ކިޔަވައިދިނުމަށް ބޭނުންވާ ޓެކްނިކަލް ސާމާނު މިހާރު ވަނީ ހޯދައިފަ އެވެ.

އެ ކޯހުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން ވަނީ ލޯނުގެ 50 ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. އެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހަމަވާނެ އެެވެ.

އެ ޔުނިވާސިޓީން ބުނި ގޮތުގައި ކޯހުގެ ފީ އާއި މުހިއްމު އެހެން މައުލޫމާތުތައް އަންނަ ހަފުތާގައި އިއުލާނުކުރާނެ ކަމަށެވެ.