Roadha Mihaaru
ޖުލައި މަހު ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައިދޭން ފަށަނީ

ޖުލައި މަހު ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައިދޭން ފަށަނީ

01 ފެބުރުއަރީ 2018

އަންނަ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި އެމްބީބީއެސް ނުވަތަ ޑޮކްޓަރުކަން ކިޔަވައިދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް ނޭޝަަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި އެމްބީބީއެސް ނުވަތަ ޑޮކްޓަރުކަން ކިޔަވައިދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް ނޭޝަަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިއަދު ބުނެފި އެވެ.

އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފު ވިދާޅުވީ ކޯހުގެ ސްޓްރަކްޗާއި ފީ ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. މި މަހުގެ ތެރޭގައި އެ މަސައްކަތް ނިންމައި ކޯހަށް ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި އެމްބީބީއެސް ކިޔަވައިދޭން ނިންމާފައި ވަނީ މެޑިކަލް ކޮލެޖެއް ގާއިމްކޮށްގެންނެވެ. ޕާކިސްތާނު ސަރުކާރުގެ އެހީގައި ގާއިމްކުރާ ކޮލެޖުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ހާއްސަ ކޮމެޓީއެއްގެ ދަށުންނެވެ. އެ ކޮމެޓީގައި ހިމެނެނީ ހެލްތު މިނިސްޓްރީގެ އިތުރުން ގައުމީ ޔުނިވާސިޓީ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ އިސް ބޭފުޅުންނެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި އައިޖީއެމްއެޗްއެޗް އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ޑޮކްޓަރުން ވެސް އެ ކޮމެޓީގައި ތިއްބަވަ އެވެ.

މެޑިކަލް ކޮލެޖު ގާއިމްކުރެވެންދެން، އެ ކޯސްތައް ހިންގަން ނިންމާފައިވަނީ އެމްއެންޔޫގައި އެ ޔުނިވާސިޓީގެ ކޯހެއްގެ ގޮތުގަ އެެވެ.

ފަވާޒު ވިދާޅުވީ އެމްބީބީއެސް އަށް ކިޔެވުމަށް މިހާރު ވެސް ގިނަ އަދަދެއްގެ ދަރިވަރުން އެދެމުން އަންނަ ކަމަށެވެ. ކޯހުގެ ސްޓްރަކްޗާގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމާލައި ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޔޫގައި އަލަށް ނާސިން ސްކޫލު ހުޅުވަން ބޭއްވި ހަފްލާ ނިންމާލެއްވުމަށްފަހު ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޑރ. ފަވާޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެމްއެންޔޫގައި އަލަށް ނާސިން ސްކޫލު ހުޅުވަން ބޭއްވި ހަފްލާ ނިންމާލެއްވުމަށްފަހު ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޑރ. ފަވާޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އޭނާ ވިދާޅުވީ ރާއްޖޭގައި ވެސް އެމްބީބީއެސް ކިޔަވައިދޭނީ އެހެން ގައުމުތަކުގައި ބޭނުންކުރަމުން އަންނަ ކަރިކިއުލަމް ކަމަށެވެ. ނަމަވެސް ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ބައެއް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ޑިންގީ ފޯކަސް ތަންކޮޅެއް ހައިވާނެ އަޅުގަނޑުމެންގެ ކަރިކިއުލަމް ޕްރެކްޓިކަލްގެ ތެރޭގައި. އެކަހަލަ ދާއިރާތައް ފާހަގަކުރުމުގެ މަސައްކަތް އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމާއެކު މަސައްކަތް ކުރަމުން އަންނަނީ. އެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ. އަންނަ ހަފުތާގައި އެބަ ދަތުރުކުރަން މެލޭޝިޔާ އަށް، އަޅުގަނޑުމެންނާ ގުޅިފައި ހުރި ދެ ޔުނިވާސިޓީ އަށް. އެ ބޭފުޅުންނާ އެކު ވެސް ކަރިކިއުލަމްގެ ފައިނަލް ޑިސްކަޝަންތައް ކުރިއަށް ގެންދާނަން،" ފަވާޒު ވިދާޅުވި އެވެ.

ރާއްޖޭގައި އަލަށް އުފައްދާ މެޑިކަލް ކޮލެޖް ހިންގަން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުން ދެ ބުރި ވަނީ ހަމަޖައްސައިދީފަ އެވެ.

އެމްބީބީއެސް އަށް ކިޔެވުމަށް މަދުވެގެން 50 ދަރިވަރުން ފުރަތަމަ ބެޗަށް ވެސް ބޭނުންވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ވިދާޅުވެފަ އެވެ.