Roadha Mihaaru
އެމްބީބީއެސްއަށް ކިޔެވުމުގެ ލޯނުގެ މުއްދަތު އިތުރުކޮށްފި

އެމްބީބީއެސް އަށް ކިޔެވުމުގެ ލޯނުގެ މުއްދަތު އިތުރުކޮށްފި

20 އެޕްރީލް 2018

ރާއްޖޭގައި އެމްބީބީއެސް އަށް ކިޔެވުމަށް ދޫކުރާ ލޯނަށް އެދުމުގެ މުއްދަތު ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން އިއްޔެ އިތުރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި އެމްބީބީއެސް އަށް ކިޔެވުމަށް ދޫކުރާ ލޯނަށް އެދުމުގެ މުއްދަތު ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން އިއްޔެ އިތުރުކޮށްފި އެވެ.

އެތަނުން ކުރި އިއުލާނުގައި ބުނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އެ ލޯނަށް ކުރިމަތިލެވޭނެ ކަމަށެވެ. އަންނަ ޖުލައި މަހު ރާއްޖޭގައި އަލަށް ފަށާ މި ޕްރޮގްރާމްގައި 50 ދަރިވަރަކަށް ލޯނު ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ޑީއެޗްއީ ހިންގުމާ ހަވާލުވެ ހުންނެވި، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ މިހާތަނަށް 26 ދަރިވަރަކު އެމްބީބީއެސް ލޯނަށް ހުށަހަޅާފައިވާ ކަމަށެވެ. ދެ ވަނަ ފަހަރަށް ވެސް މުއްދަތު އިތުރުކުރީ ގިނަ ދަރިވަރަކަށް ފުރުސަތު ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭން ބޭރުން އެމްބީބީއެސް އަށް ކިޔެވުމަށް ކުރިން ލޯނު ދެ އެވެ. ނަމަވެސް ރާއްޖޭގައި އެ ޕްރޮގްރާމް ފަށަން ނިންމާފައިވާތީ މިދިޔަ މަހުގެ ލޯން ސްކީމްގެ ތެރެއިން ރާއްޖޭން ބޭރުގައި ޑޮކްޓަރުން ކިޔަވަން ޖާގަ ދީފައެއް ނުވެ އެވެ.

އެމްބީބީއެސްގެ މި ކޯސް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ހިންގާނީ އަލަށް ގާއިމްކުރާ މެޑިކަލް ކޮލެޖް ހުޅުވަންދެނެވެ. އެ ކޮލެޖްގެ މަސައްކަތް ފެށޭނީ އައިޖީއެމްއެޗާ ޖެހިގެން މިހާރު ހަދަމުން އަންނަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުން، އެ ތަނުގެ ބައެއްގަ އެވެ.

ސަރުކާރުން ވަނީ އެ އިމާރާތުން ދެ ބުރިއެއް އެމްބީބީއެސް ޕްރޮގްރާމް ހިންގަން ހާއްސަ ކޮށްފަ އެެވެ.

އެމްއެންޔޫ އިން ވަނީ އެމްބީބީއެސް ކޯހުގައި ބައިވެރިވާން ވެސް ހުޅުވާލައިފަ އެވެ. އެ ކޯހުގެ ފޯމުތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަލައިގަންނާނެ އެވެ.

މެޑިކަލް ކޮލެޖުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ޕާކިސްތާނުން ވަނީ ފަސް މިލިއަން ޑޮލަރުގެ އެހީއެއް ދީފަ އެވެ. އެ އެހީގެ ދަށުން ލެބޯޓްރީ އަށާއި ކިޔަވައިދިނުމަށް ބޭނުންވާ ޓެކްނިކަލް ސާމާނު މިހާރު ވަނީ ހޯދައިފަ އެވެ.