Roadha Mihaaru
ޑޮކްޓަރުކަން ކިޔަވަން ކުރިމަތިލީ 29 ދަރިވަރުން

ޑޮކްޓަރުކަން ކިޔަވަން މި އަހަރު 29 ދަރިވަރުން ކުރިމަތިލި

07 މާޗް 2019

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާ މެޑިކަލް ކޮލެޖުގައި ކިޔެވުމަށް 29 ދަރިވަރަކު ހުށަހަޅާފައިވާ ކަމަށް ގައުމީ ޔުނިވަސިޓީން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާ މެޑިކަލް ކޮލެޖުގައި ކިޔެވުމަށް 29 ދަރިވަރަކު ހުށަހަޅާފައިވާ ކަމަށް ގައުމީ ޔުނިވަސިޓީން މިއަދު ބުނެފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ އެ ކޮލެޖްގެ ކިޔެވުން އަންނަ މަހު ފަށާނެ އެވެ.

ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އާއިޝަތު ޝާހީން މިއަދު ވިދާޅުވީ، ޑޮކްޓަރުކަން ކިޔެވުމަށް ހުޅުވައިލި ފުރުސަތު ހަމަވިއިރު 29 ދަރިވަރަކު ކުރިމަތިލާފައިވާ ކަމަށާއި އަދިވެސް އިތުރު ފޯމުތަކެއް މުރާޖައާ ކުރަމުން ދާތީ އެ އަދަދު ކޮންމެވެސް ވަރަކަށް އިތުރުވެދާނެ ކަމަށެވެ.

ގައުމީ ޔުނިވަސިޓީގައި މިހާރު ހިންގާ އެމްބީބީއެސް ކޯހުގައި 22 ދަރިވަރަކު ކިޔަވަ އެވެ.

"އަޅުގަނޑުމެން އަދި މީގެ ތެރެއިން ދަރިވަރުން ފައިނަލް ކުރާނީ އިންޓަވިއު އާއި މެޑިކަލް ހެދުމަށް ފަހު. މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނާ އެކު އެ އަދަދު 40 އަށް ވުރެ އިތުރުވާނެ ކަމަށް ބެލެވޭ،" ޝާހީން ވިދާޅުވި އެވެ.

މެޑިކަލް ކޮލެޖްގެ ފުރަތަމަ ބެޗުން 50 ދަރިވަރުންނަށް ޖާގަ ދިނުމަށް ވަނީ ނިންމައިފަ އެވެ.

އެމްބީބީއެސް ކޯސް މި ވަގުތު ގައުމީ ޔުނިވަސިޓީގައި ކުރިއަށް ގެންދިޔަ ނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލްގެ އަށް ވަނަ އަދި 14 ވަނަ ބުރީގައި ހިންގާ މެޑިކަލް ކޮލެޖްގެ ހުރިހާ ކަމެއް ނިމުމުން، އެތަނަށް ކޯހުގެ ކިޔެވުން ބަދަލުކުރާނެ އެވެ.

މިހާރު ކިޔަވަމުން އަންނަ ދަރިވަރުން ވަނީ މެލޭޝިއާ ކެބެންސަން ޔުނިވަސިޓީގައި މަހެއް ވަންދެން ބައެއް މޮޑިއުލްތައް މިިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފުރިހަމަކޮށްފަ އެވެ.

ފަސް އަހަރުގެ މުއްދަތަށް ހިންގާ އެ ކޯހުގެ ފީ އަކީ އަހަރަކު 123،000ރ. އެވެ. އެއީ އަހަރެއްގެ މައްޗަށް 8،000 ޑޮލަރެވެ.

ސަރުކާރުން ދާދި ފަހުން އިއުލާންކުރި ހިލޭ ޑިގްރީ އަށް ކިޔަވައިދޭ ޕްރޮގްރާމްގައި ވެސް ރާއްޖޭގައި ހިންގާ އެމްބީބީއެސް ކޯސް ހިމެނެ އެވެ.