Roadha Mihaaru
ދެން އޮތީ ފަސާދައާ ދެކޮޅު ހަނގުރާމަ: އައްބާދީ

ދެން އޮތީ ފަސާދައާ ދެކޮޅަށް ކުރަންޖެހޭ ހަނގުރާމަ: އައްބާދީ

18 ޖޫން 2018

ހަނގުރާމަވެރި ޓެރަރިސްޓު ޖަމާއަތްތަކާ ދެކޮޅަށް އިރާގު ސިފައިން ބޮޑު ކާމިޔާބެއް ހޯދާފައިވާ ކަމަށާއި، ދެން އިރާގު ސަރުކާރުން ކުރަން އޮތީ ފަސާދަ އާއި ކޮރަޕްޝަނާ ދެކޮޅަށް ކުރަންޖެހޭ ހަނގުރާމައެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ހައިދަރުލް އައްބާދީ ވިދާޅުވެއްޖެ އެވެ.

ހަނގުރާމަވެރި ޓެރަރިސްޓު ޖަމާއަތްތަކާ ދެކޮޅަށް އިރާގު ސިފައިން ބޮޑު ކާމިޔާބެއް ހޯދާފައިވާ ކަމަށާއި، ދެން އިރާގު ސަރުކާރުން ކުރަން އޮތީ ފަސާދަ އާއި ކޮރަޕްޝަނާ ދެކޮޅަށް ކުރަންޖެހޭ ހަނގުރާމައެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ހައިދަރުލް އައްބާދީ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ސަލާމަތީ ބާރުތަކުގެ ވެރިންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި އައްބާދީ ވިދާޅުވީ ސަލާމަތީ ބާރުތަކުގެ ތެރެއަށް ފަސާދަ އާއި ކޮރަޕްޝަން ވަނުމަށް އެއްވެސް ޖާގައެއް ދީގެން ނުވާނެ ކަމަށެވެ. ސަލާމަތީ ބާރުތައް އަބަދު ވެސް އޮންނަން ޖެހޭނީ ސާފުކަމާއި ނަޒާހަތްތެރިކަމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްބާދީ ވިދާޅުވީ ސަލާމަތީ ބާރުތަކުގެ ތެރެއިން އެއްވެސް ބާރެއްގެ ތެރޭގައި ކިތަންމެ ކުޑަ ވެސް ކޮރަޕްޝަނާއި ފަސާދައިގެ ކަމެއް އުޅޭ ކަމުގެ ތުހުމަތެއް ކުރެވިއްޖެ ނަމަ، އެކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ތަހުގީގު ކުރައްވާނެ ކަމަށެވެ.

އިރާގަށް 2014 ވަނަ އަހަރުން ފެށިގެން އަތް ގަދަ ކޮށް ގައުމުގެ ތިން ބައިކުޅަ ދެ ބައި ހިފައިގެން އޮތް އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ބާރު ކަނޑުވައިލެވިފައި ވިޔަސް، އެ ޖަމާއަތުގެ ބާރު އެކުގައި ނެތިގެން ނުދާ ކަމަށް އައްބާދީ ވިދާޅުވި އެވެ. އަދި މަދުމަދުން ނަމަވެސް އެ ޖަމާއަތުގެ ހަނގުރާމަވެރިން އިރާގުގެ އެކި ހިސާބުތަކުގައި އުޅެމުންދާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އައްބާދީ ވިދާޅުވި ގޮތުގައި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ، ހަތިޔާރު ގެންގުޅޭ ހަމައެކަނި ބަޔަކީ ގައުމުގެ ސަލާމަތީ ބާރުތައް ކަމުގައި ހެދުމެވެ. އެ ނޫން ބައެއްގެ އަތުގައި ހުންނަ ހަތިޔާރަކީ ގައުމުގައި ހަމަނުޖެހުމާއި ބައިބައިވުމަށް މަގު ފަހިކުރުވާނެ އެއްޗެއް ކަމަށް އައްބާދީ ވިދާޅުވި އެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމަ އަކީ ވެސް އިރާގުގެ ސަލާމަތާއި ރައްކާތެރިކަން ހުރި ގޮންޖެހުމެއް ކަން ފާހަގަ ކުރައްވައި އައްބާދީ ވިދާޅުވީ، ސީރިޔާގައި އުޅޭ އައިއެސްގެ ހަނގުރާމަވެރިން ބަލިކޮށްލުމަށް ސީރިޔާގެ ތެރޭގައި އިރާގު ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އިރާގަށް ވެރިވެގަނެގެން އުޅުނު އައިއެސް ޖަމާއަތުގެ ބާރުގެ ދަށުން މިދިޔަ އަހަރު އިރާގު މިނިވަން ކުރެވުނީ އިރާގު ސިފައިންގެ ވަރަށް ބުރަ މަސައްކަތުން ކަމަށާއި، އެކަމަށްޓަކައި އިރާގު ސިފައިންނާއި ރައްޔިތުން ވެސް ފަޚުރުވެރި ވާނެ ކަމަށެވެ.