Roadha Mihaaru
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައިއެސް ބަލިކޮށްލެވޭނެ

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައިއެސް ބަލިކޮށްލެވޭނެ: އިރާގު

27 ޖޫން 2017

އިރާގުގެ މޫސަލްގައި މިހާރު ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ މަދު ހަނގުރާމަވެރިންކޮޅު ބަލިކޮށް، އެ ސަހަރު މުޅިން މިނިވަން ކުރެވޭނެ ކަމަށް އިރާގުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

އިރާގުގެ މޫސަލްގައި މިހާރު ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ މަދު ހަނގުރާމަވެރިންކޮޅު ބަލިކޮށް، އެ ސަހަރު މުޅިން މިނިވަން ކުރެވޭނެ ކަމަށް އިރާގުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

މޫސަލްގެ ކައުންޓަ ޓެރަރިޒަމް ސާވިސްގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް އަބްދުލް ޣަނީ އަލް އަސަދީ ވިދާޅުވި ގޮތުގައި އައިއެސްގެ ހަނގުރާމަވެރިން މިހާރު ތިބީ މޫސަލްގެ ވަރަށް ހަނި ސަރަހައްދެއްގެ ތެރޭގައި ވަށައިގެން ބެދިފަ އެވެ. އަދި އެ ސަރަހައްދުން ނުކުމެ ފިލައިގެން ދިއުމަށް މިދިޔަ ހޯމަ ވިލޭރޭ އައިއެސްގެ ހަނގުރާމަވެރިން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައި ކަމަށް ވެސް އިރާގު ސިފައިން ބުނެ އެވެ.

މޫސަލް އަށް ވެރިވެގަނެގެން ތިބި އައިއެސްގެ ހަނގުރާމަވެރިން އެ ސަހަރުން ފައްސައިލުމަށް އިރާގުގެ ސަލާމަތީ ބާރުތަކުން ފެށި ހަމަލާތަކުގައި ގާތްގަނޑަކަށް މުޅި މޫސަލް މިހާރު ވަނީ މިނިވަން ކުރެވިފަ އެވެ. އަދި އައިއެސްގެ ގިނަ ބަޔަކު މަރުވެފައިވާ އިރު، އަނެއް ބަޔަކު ވަނީ އެ ސަހަރު ދޫކޮށް ފިލައިގެން ގޮސްފަ އެވެ.

އިރާގުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އަސްކަރީ ގޮތުން ބަލާއިރު އައިއެސްގެ ޖަމާއަތް މިހާރު ވަނީ އިރާގުގައި ބަލިވެފަ އެވެ. އަދި ހަނގުރާމަ ކުރުމުގެ ރޫހެއް ވެސް އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ މެދުގައި މިހާރު ނެތް ކަމަށާއި އެ ޖަމާއަތުގެ އިސް ސަފުތައް ވެސް ރޫޅިފައިވާ ކަމަށް އިރާގުން ބުނެ އެވެ.

މޫސަލްގައި މިހާރު ތިބި އައިއެސްގެ މަދު ހަނގުރާމަވެރިންތައް ތިބީ ދިޖުލަތު ކޯރާ ކައިރީގައިވާ ކުޑަ އަވަށެއްގެ ތެރޭގަ އެވެ. އަދި އެމީހުން މިހާރު ތިބި ސަރަހައްދުގެ ބޮޑުމިން ދެ އަކަކިލޯމީޓަރަށް ވުރެ ކުޑަ އެވެ. މި ސަރަހައްދުގައި އިންސާނީ އައްޑަނަތަކެއްގެ ގޮތުގައި މޫސަލްގެ އާންމުންގެ 50،000 އަށް ވުރެ ގިނަ މީހުން ހިފަހައްޓާފައިވާ ކަމަށް އިރާގު ސަރުކާރުން ލަފާ ކުރެ އެވެ.

މޫސަލްގައި އައިއެސްގެ ބާރު އޮތް ސަރަހައްދާއި އިރާގު ސިފައިން ހިފާފައިވާ ސަރަހައްދުތައް ދައްކައިދޭ ޗާޓެއް. އަލްޖަޒީރާ

މޫސަލްގައި އައިއެސްގެ ބާރު އޮތް ސަރަހައްދާއި އިރާގު ސިފައިން ހިފާފައިވާ ސަރަހައްދުތައް ދައްކައިދޭ ޗާޓެއް. އަލްޖަޒީރާ

އިރާގު ސިފައިން، އެ އަވަށާ ކައިރި އަށް ޖެހުން ކުޑަ ކުރުމަށް އައިއެސްގެ ހަނގުރާމަވެރިން ވަނީ އެ އަވަށުގެ ކައިރީގައި ތަފާތު ދަންތުރަތައް ބަހައްޓައިފަ އެވެ. އަދި ޖާނުންފިދާވާ މީހުން މެދުވެރިކޮށް ހަމަލާ ދޭން މަސައްކަތް ކުރާ އިރު، އުސް އިމާރާތްތަކުގައި ސްނައިޕަރުން ތިބެގެން ހަމަލާ ދެމުންދެ އެވެ.

އިރާގު ސިފައިން ލަފާކުރާ ގޮތުގައި މި އަވަށުގެ ތެރޭގައި މިހާރު ތިބީ އައިއެސްގެ ގާތްގަނޑަކަށް 350 ހަނގުރާމަވެރިންނެވެ. އަދި އެ އަވަށުން ކާބޯތަކެއްޗާއި ބޯފެނާއި ބޭސް ހުސްވާން ކައިރި ވެފައިވާ ކަމަށް، އެ އަވަށުން ސަލާމަތްވެގެން ނުކުން ބައެއް މީހުން ބުނެ އެވެ.

މޫސަލް އިން އައިއެސްގެ ހަނގުރާމަވެރިން ފައްސައިލުމަށް ހަމަލާތައް ފެށިތާ އަށް މަސް ވެގެން ދިޔަ އިރު، އިރާގު ސިފައިންނަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި ގިނަ އަދަދެއްގެ އާންމުން މަރުވެ ޒަޚަމްވެފައިވާ އިރު، އައިއެސްގެ ޖަމާއަތުން މަރުވި މީހުންގެ އަދަދު ވެސް ވަރަށް މަތި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިރާގު ސިފައިން މޫސަލްގެ އިރުމަތީ ފަޅި ހިފީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އަދި ހުޅަނގު ފަޅި ހިފުމުގެ ހަމަލާތައް ފެށީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. މޫސަލްގެ ހުޅަނގު ފަޅިން އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެނެވިފައިވާ ސަރަހައްދުތަކުގައި މިހާރު ވަނީ ކާފިޔު ހިންގައިފަ އެވެ. އަދި އިރާގު ސިފައިން ދަނީ ވަކިވަކި ގޭގެއަށް ވަދެ އައިއެސްގެ ހަނގުރާމަވެރިންގެ އެއްވެސް ނިޝާނެއް ފެނޭތޯ ބަލަމުންނެވެ.