Roadha Mihaaru
ހުޅަނގު މޫސަލްގެ 200،000 މީހުން ގެދޮރު ނެތިފައި

ހުޅަނގު މޫސަލްގެ 200،000 މީހުން ގެދޮރު ނެތިފައި

26 މާޗް 2017

ބަޣްދާދު (އޭއެފްޕީ) - މޫސަލްގެ ހުޅަނގު ސަރަހައްދަށް ވެރިވެގެން ތިބި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންގެ އަތްދަށުން އެ ސަހަރު މިނިވަން ކުރުމަށް މިދިޔަ މަހު ފަށާފައިވާ ހަމަލާތަކުގެ ސަބަބުން، އެ ސަހަރުގެ 200،000 އަށް ވުރެ ގިނަ މީހުން މިހާރު ތިބީ ގެދޮރު ނެތިފައި ކަމަށް އިރާގު ސަރުކާރުން ބުނެފި އެވެ.

އިރާގުގެ ހިޖްރަ ކުރުމާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި ހުޅަނގު މޫސަލް އަދިވެސް އޮތީ އައިއެސް ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ. އެ ސަހަރު ހިފުމަށް އިރާގު ސިފައިން ހަނގުރާމަ ފެށީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެ ހަމަލާތަކުގައި އިރާގު ސިފައިން ވަނީ މޫސަލްގެ ބައެއް ސަރަހައްދުތައް ހިފައިފަ އެވެ. ނަމަވެސް މޫސަލްގައި އެންމެ ގިނަ މީހުން ދިރިއުޅޭ ސަރަހައްދުތައް އަދިވެސް އޮތީ އައިއެސްގެ ބާރުގެ ދަށުގަ އެވެ.

އިރާގު ސަރުކާރުން ބުނި ގޮތުގައި މޫސަލްގެ ހުޅަނގު ސަރަހައްދުގައި ހިނގާ ހަނގުރާމައިގެ ސަބަބުން، ގެދޮރު ދޫކޮށް ނުކުމެފައިވާ މީހުންގެ އަދަދު 201،275 އަށް އަރަ އެވެ. އޭގެ އިތުރުން އެތައް ހާސް ބަޔަކު ވަނީ މި ހަނގުރާމައިގައި މަރުވެ އަދި ޒަޚަމްވެފަ އެވެ.

އައިއެސްގެ ހަނގުރާމަވެރިން 2014 ވަނަ އަހަރު އިރާގަށް އަތް ގަދަކުރި ފަހުން، ވެރިރަށް ބަޣްދާދުގެ އުތުރާއި ހުޅަނގު ބޮޑު ސަރަހައްދެއްގެ އެ މީހުންގެ ބާރުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް އެމެރިކާ އާއި ގުޅިފައިވާ ލަޝްކަރުގެ އެހީތެރިކަމާ އެކު އިރާގު ސިފައިން ވަނީ އޭގެ ތެރެއިން ގިނަ ސަރަހައްދުތަކުން އައިއެސްގެ ހަނގުރާމަވެރިން ފައްސާލައިފަ އެވެ.

މޫސަލް ހިފުމަށް އިރާގު ސިފައިން ހަނގުރާމަ ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެ ހަނގުރާމައިގައި އިރާގު ސިފައިން ވަނީ މޫސަލްގެ އިރުމަތީ ސަރަހައްދުން އައިއެސްގެ ހަނގުރާމަރިން ފައްސާލައި އެ ސަހަރު ހިފައިފަ އެވެ.

އދ. އިން ބުނާ ގޮތުގައި ހުޅަނގު މޫސަލްގައި މިހާރު ވެސް 600،000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. އަދި އޭގެ ތެރެއިން 400،000 އަށް ވުރެ ގިނަ މީހުން ތިބީ އެ ސަހަރުގައި ހިސޯރު ކުރެވިފައިވާ ފަދަ ހާލަތެއްގަ އެވެ.