Roadha Mihaaru
ޖޭޕީގެ ކޮންގްރެސްގައި 400 މީހުން ބައިވެރިވާނެ

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި 400 މީހުން ބައިވެރިވާނެ

16 ޖޫން 2018

ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގައި 400 އެއްހާ މީހުން ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގައި 400 އެއްހާ މީހުން ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް އަދި މައި ޖަގަހަ މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހު އޮންނަ ކޮންގްރެސްގައި 30 މަގާމަކަށް މީހުން އިންތިހާބު ކުރާނެ ކަމަށެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ބާއްވާ ގޮތަށް އެޕާޓީގެ އަސާސީ ގަވައިދު އިސްލާހު ކުރުމަށް ފަހު އެކަން އެޕާޓީގެ ކޮންގްރެސްއަށް ހުށަހަޅަން ގައުމީ ހިންގާ ކޮމެޓީން ރޭ ވަނީ ފާސްކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީ އުފެދުނީންސުރެ އަދި މިހާރުވެސް އެޕާޓީގެ އަސާސީ ގަވައިދުގައި އޮންނަނީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ޕާޓީގެ ލީޑަރު ކަމަށެވެ. އެހެންވެ ގާސިމް އިބްރާހިމް ނޫން ބޭފުޅަކަށް އެފުރުސަތެއް ނުލިބެ އެވެ.

ސަމީރު ވިދާޅުވި ގޮތުގައި ޖޭޕީގެ ކޮންގްރެސްގައި ސިއްރު ވޯޓަކުން އިންތިހާބު ކުރާ މުހިންމު މަގާމުތަކުގެ ތެރޭގައި ޕާޓީގެ ލީޑަރާއި ރައީސް އާއި ނައިބު ރައީސް އާއި ހަތަރު ނައިބު ލީޑަރުންގެ އިތުރުން ޒުވާނުންގެ ލީގާއި އަންހެނުންގެ ލީގުގެ ރައީސް އާއި ނައިބު ރައީސް އާއި ސެކްރެޓަރީ އާއި ދެ މެމްބަރުން ހިމެނެ އެވެ. އަދި ކޮންގްރެސްގެ ތެރެއިން 15 މީހަކު އިންތިހާބު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ ކޮންގްރެސްގެ ތެރެއިން ޕާޓީގެ ދިދަ އާއި ލޯގޯ ވެސް އިފްތިތާހު ކުރާނެ ކަމަށެވެ. އަދި އަސާސީ ގަވައިދަށް ބަދަލުތަކެއް ގެނެސްފައިވާތީ، ގަވައިދު ފާސް ކުރުން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންގްރެސް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް، ހުރިހާ ކަންތައްތަކެއް އިންތިޒާމުވެގެން އެބަދޭ. އުންމީދު ކުރަން ދައުވަތު އަރުވާ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް،" ސަމީރު ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގައި ޖޭޕީގެ ކެންޑިޑޭޓެއް ކަނޑައަޅައިފި ނަމަ، އަމަލު ކުރާނެ ގޮތެއް ޖޭޕީގެ ކޮންގްރެސްގައި ނިންމާނެ ކަމަށް އެ ޕާޓީން ކުރިން އޮތީ ބުނެފަ އެވެ. ޖޭޕީން ބުނި ގޮތުގައި، އެ ޕާޓީން އިންތިހާބަށް ނުކުންނާނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ އެކުގަ އެވެ.

އެކަމަކު، ގާސިމްގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އޮތުމާއި އުމުރުން 65 އަހަރު ވެފައިވާތީ، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގާސިމަކަށް ނެތެވެ. ނަމަވެސް ޖޭޕީން ތަކުރާރުކޮށް ބުނަމުން އަންނަނީ މިދިޔަ ފެބްރުއަރީ އެއްކައގި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ގާސިމް މިނިވަންވެފައިވާ ކަމަށާއި އޭނާ އަށް އިންތިހާބުގައި ކުރިމަތިލެއްވޭނެ ކަމަށެވެ.