Roadha Mihaaru
ޓެރަރިޒަމްގެ ގާނޫނު އުވާލާނަން: ސުއޫދު

ޓެރަރިޒަމްގެ ގާނޫނަކީ ސިޔާސީ ހަތިޔާރެއް، އުވާލާނަން: ސުއޫދު

11 ޖޫން 2018

އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގެ 90 ދުވަހުގެ ތެރޭގައި ޓެރަރިޒަމްގެ ގާނޫނު އުވާލާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގެ 90 ދުވަހުގެ ތެރޭގައި ޓެރަރިޒަމްގެ ގާނޫނު އުވާލާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ސުއޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ހިފަނީ ޓެރަރިޒަމްގެ އަމަލުތަކަކަށް ނޫން ކަމަށެވެ. އެ ގާނޫނުގެ ބޭނުން ހިފަނީ، ހަމައެކަނި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ގާނޫނު ނެތަސް، ޓެރަރިޒަމްގެ ކުށްތަކަށް އަދަބު ދޭން ގާނޫނުލްއުގޫބާތު ފުދެ އެވެ.

ސުއޫދުގެ ޓުވީޓް.

ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ހިފާ ގޮތާ ގުޅޭ ގޮތުން، ސުއޫދު ކަންބޮޑުވުން ފާޅުކުރެއްވިއިރު އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުންތަކަކަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާކޮށް، ހުކުމް ކޮށްފައިވެ އެވެ. އަނެއް ބައެއްގެ މައްސަލަ ވަނީ ޝަރީއަތުގެ މަރުހަލާގަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އިއްވާފައި ވަނީ ޓެރަރިޒަމްގެ ހުކުމެވެ. އޭގެއިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކަކަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ވަނީ ފަށައިފަ އެވެ.

ސިޔާސީ ބޭފުޅުން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލުމަކީ ސުއޫދުގެ އިތުރުން އެހެން ބައެއް ގާނޫނީ ވަކީލުންގެ ވެސް ކަންބޮޑުވުން އޮތް މައްސަލައެކެވެ.