Roadha Mihaaru
ޖަލަށް މަސްތުވާތަކެތި ވައްދައިދޭ މީހަކު ހައްޔަރުކޮށްފި

ޖަލަށް މަސްތުވާތަކެތި ވައްދައިދޭ ކަރެކްޝަންސްގެ މުވައްޒަފަކު ހައްޔަރުކޮށްފި

07 ޖޫން 2018

ފައިސާ ދިނުމުން މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި މަނާތަކެތި ވައްދައިދޭ ކަމުގެ ތުހުމަތު ކުރެވޭ ކަރެކްޝަންސްގެ އިސް މުވައްޒަފަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ފައިސާ ދިނުމުން މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި މަނާތަކެތި ވައްދައިދޭ ކަމުގެ ތުހުމަތު ކުރެވޭ ކަރެކްޝަންސްގެ އިސް މުވައްޒަފަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ކަރެކްޝަނަލް ސާވިސްގެ ސްޓާފް ސާޖެންޓެކެވެ.

ކަރެކްޝަނަލް ސާވިސްއިން ވަނީ އެ މައްސަލާގައި މުވައްޒަފަކު ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދިނެވެ.

އެނގިފައިވާގޮތުގައި ފުލުހުން އޭނާ ހައްޔަރު ކުރިއިރު އޭނާގެ އަތުން ވަނީ ޖަލަށް މަސްތުވާތަކެތި ވެއްދުމަށް ދީފައިވާ ކަމަށް ބުނާ 18840ރ. ވެސް ފެނިފަ އެވެ. އަދި އޭނާ ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެސް ވެފަ އެވެ.

ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރާ ކަންތަކުގެ ތެރޭގައި ގައިދީންނާ ގާތްގުޅުމެއް ބޭއްވުމާއި ގައިދީންނަށް މަސްތުވާތަކެއްޗާއި ޖަލަށް ވެއްދުން މަނާތަކެތި ވައްދައި ދިނުން ހިމެނެ އެވެ. ގައިދީން ބުނެގެން މާލެ އައިސް މަސްތުވާތަކެއްޗާ ހަވާލުވެ އޭގެ ވިޔަފާރިކުރާ ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

އޭނާ ޖަލު ބަންދު ކޮށްފައިވާއިރު ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ޖަލަށް މަސްތުވާތަކެއްޗާއި މަނާ ތަކެތި ވެއްދުމަށް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން އެހީތެރިވާ ކަމަށް ތުހުމަތު ކުރާއިރު އެކަމުގެ ތުހުމަތުގައި ދޭތެރެ ދޭތެރެއިން އަންނަނީ ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ހައްޔަރު ކުރަމުންނެވެ.