Roadha Mihaaru
"މީމިސް" މަސައްކަަތް ނުކުރާތީ ޓީޗަރުން ޝަކުވާކުރަނީ

"މީމިސް" މަސައްކަަތް ނުކުރާތީ ޓީޗަރުން ޝަކުވާކުރަނީ

06 ޖޫން 2018

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ މައުލޫމާތު އެއްކުރުމަށާއި ރިޕޯޓް ފޯމް ހެދުމަށް ހާއްސަ ކޮށްފައިވާ، މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމިސް) ބޭނުން ކުރަން ދަތިވެ، ޓީޗަރުން ޝަކުވާ ކުރަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ މައުލޫމާތު އެއްކުރުމަށާއި ރިޕޯޓް ފޯމް ހެދުމަށް ހާއްސަ ކޮށްފައިވާ، މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމިސް) ބޭނުން ކުރަން ދަތިވެ، ޓީޗަރުން ޝަކުވާ ކުރަން ފަށައިފި އެވެ.

ދަރިވަރު ސްކޫލަށް ހާޒިރުވާކަން ކަށަވަރުކުރުމާއި ދަރިވަރުންގެ އަހުލާގާއި ކިޔެވުމާއި ސިއްހަތާ ގުޅުން ހުރި މައުލޫމާތުތައް ދުވަހުން ދުވަހަށް އެއްކުރަމުން ދާނީ، ޔުނިސެފްގެ އެހީތެރިކަމާއެކު ތައާރަފުކުރި އެ ސިސްޓަމް މެދުވެރިކޮށެވެ.

އެ ސިސްޓަމް އާންމުކޮށް ބޭނުން ކުރަން ފެށީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. ވަކިވަކި ދަރިވަރުންގެ ކިޔެވުމާއި އަހުލާގާ ގުޅޭ މައުލޫމާތު ކޮންމެ ދުވަހަކު އެސިސްޓަމަށް އަޅަން ޖެހެ އެވެ. ގްރޭޑް 1 އިން 6 ގެ ދަރިވަރުންގެ ރިޕޯޓް ފޯމް ހަދަން އަންގާފައިވަނީ އެސިސްޓަމް މެދުވެރިކޮށެވެ.

މި އަހަރުގެ ފުރަތަމަ ޓާމްގެ ރިޕޯޓް ފޯމު މާދަމާ ދިނުމަށް ނިންމާފައިވާ އިރު އެ ސިސްޓަމް ބޭނުން ކުރަން ދަތިވެ ރިޕޯޓް ފޯމް ހެދުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ޓީޗަރުން ބުނެ އެވެ.

މީމިސްގެ ކަންބޮޑުވުން ފާޅުކޮށް ޓީޗަރަކު ކޮށްފައިވާ ޕޯސްޓެއް--

ޅެމާއި ސިޓީތައް ސޯޝަލް މީޑިއާގައި އާންމުކޮށް، ސަކަރާތުގެ ރާގަށް ޓީޗަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ޓީޗަރުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އުނދަގޫ ކަމަށް ބުނަމުންނެވެ.

"މީމިސް އެވެ. ތިޔަހެން އަހަންނަން ނުހަދާށެވެ. މިއަޅާ މިވަނީ ކަލާގެ އެހީތެރިކަމަށް އިންތިހާ އަށް ބޭނުންވެފަ އެވެ. ކަލާއާ ނުލައި އުޅެވޭކަށް ނެތެވެ. އަހަރެންމެ މި އިޝާރާތަށް އެންމެ ފަހަރަކު ނަމަވެސް ބަލާލަދޭށެވެ." މީމިސް ބޭނުން ކުރަން ދަތިވެގެން އެކަން ސަމާލުކަމަށް ގެންނަން ޓީޗަރަކު ލިޔެފައިވެ އެވެ.

މީމިސް އަކީ އޮންލައިން ސިސްޓަމަކަށްވާއިރު އެ ބޭނުން ކުރަން ދަތިވަނީ އެއްފަހަރާ ގިނަ ޓީޗަރުންތަކެއް އެ ސިސްޓަމް ބޭނުންކުރާތީ އެވެ.

"ހުރިހާ ސްކޫލެއްގެ ޓީޗަރުން މަސައްކަތް މިކުރަނީ އެއް ގަޑިއެއްގައި. އެ ގަޑީގަ ސިސްޓަމް ޑައުންވެ ބޭނުން ނުކުރެވޭ. ލޮގިން ވާ އިރަށް ލޮގްއައުޓް ވަނީ. ކްރޭޝް ވެސް ވޭ. ރޭ 7:45 ގައި 45 ކުދިންގެ ރިޕޯޓް ފޯމް ޖެނެރޭޓް ކުރަން [ރިޕޯޓް ފޯމް ހަދަން] ޖެއްސިން. އަދި ނުވޭ [މިއަދު 10:45]" ރަށެއްގެ ސްކޫލެއްގެ ޕްރިންސިޕަލެއް ވިދާޅުވި އެވެ.

ބައެއް ސްކޫލުތަކުން ބުނީ ސިސްޓަމް ބޭނުން ނުކުރެވޭތީ ކުރިއެކޭ އެއްގޮތަށް މެނުއަލްކޮށް ފޯމް ހަދަން ފަށާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ހެޑް އޮފް ފޮރިން ރިލޭޝަންސް އައިމިނަތު ނަމްޒާ ވިދާޅުވީ ސާވާގެ މައްސަލަތަކެއް ދިމާވެގެން ފޯމް ހެދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެކަން ހައްލުކުރުމަށް ސިންގަޕޫރުގެ ކުންފުންޏެއް މެދުވެރިކޮށް ސާވާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޕޯޓް ފޯމް ދިނުމަށްޓަކައި ކުރިން ފޯމް ތައްޔާރުކުރި ގޮތަށް އެކަން ކުރުމުގެ ހުއްދަ ބައެއް ސްކޫލުތަކަށް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މެނުއަލްކޮށް ފޯމް ތައްޔާރު ކުރުމެވެ.

"ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މާދަމާ ފޯމް ދެވޭނެ، މީިމިސްގެ ތެރެއިން ވެސް މިކަން ކުރެވޭނެ،" ނަމްޒާ ވިދާޅުވި އެވެ.

ގިނަ ގައުމުތަކުގައި މީމިސް ފަދަ ސިސްޓަމްތައް ބޭނުންކުރަނީ ޑޭޓާ ކަލެކްޓް ކުރުމަށެވެ. އެޑިއުކޭޝަން އިން ބުނާ ގޮތުގައި އެ ސިސްޓަމް މެދުވެރިކޮށް މި ސަރަހައްދުގައި ވެސް ރިޕޯޓް ފޯމް ތައްޔާރު ކުރަނީ ރާއްޖެ އިން އެކަނި ކަމަށެވެ. ގޮންޖެހުންތަކާ ކުރިމަތިވަނީ މިއީ އަލަށް ފަށައިގެން އުޅޭ ކަމަކަށް ވުމުން ކަމަށް އެމިނިސްޓްރީން ބުނެ އެވެ.